ލައިފްސްޓައިލް

ސިކުނޑީގެ ޓިއުމަރެއްގެ ފަޅައިގެން އަމިއްލަ ހަށިގަނޑުގައި ތާށިވެފައި

އެމާ ޓޭލާ، 33، އަކީ އިންގްލެންޑްގެ އެސެކްސް، ޗެމްސްފޯޑްގައި ދިރިއުޅޭ މީހެކެވެ. އޭނާގެ ސިކުނޑީގައި ޓިއުމަރެއް އިންކަން އެނގުނީ ބަލިވެ އިނދެ ހަތް މަސް ފުރުނު ފަހުންނެވެ.

ޑެންޓަލް ހައިޖީނިސްޓެއްގެ ވަޒީފާ އަދާކުރާ އެމާގެ ސިކުނޑީގައި ޓިއުމަރެއް އިންކަން އެނގުނީ ކުއްލިއަކަށް އޭނާ އެއް ދުވަހު ހޭނެތިގެން ހޮސްޕިޓަލަށް ގެންގޮސް ހެދި ޓެސްޓްތަކުންނެވެ.

މިދިޔަ އޮކްޓޯބަރު މަހު އެމާ ކުއްލިއަކަށް ހޭނެތުމުން ޑޮކްޓަރުންނަށް މަޖުބޫރުވެގެން އިމަޖެންސީކޮށް ސިޒޭރިއަން ހަދައި އޭނާގެ ބަނޑުގައި އޮތް ދަރިފުޅު ވަނީ ނަގާފަ އެވެ.

އޭގެ ހަ މަސް ދުވަސް ފާއިތުވީއިރުވެސް އެމާ އޮތީ ރިހެބިލިޓޭޝަން ސެންޓަރެއްގަ އެވެ. އޭނާގެ ސިކުނޑީގައިވާ ޓިއުމަރު ފަޅައިގެން ދިއުމުގެ ސަބަބުން މީހާގެ ހަށިގަނޑު ވާގިނެތިފައިވާތީ އެވެ.

ހޭއަރާފައި އޮތަސް އަދިވެސް އެމާއަކަށް ވާހަކަވެސް ނުދެއްކެ އެވެ. އެހެންވެ އޭނާ އެހެން މީހުންނާ ވާހަކަ ދައްކަނީ އަތާއި ބޮލުގެ ހަރަކާތުންނެވެ. ހަގީގަތަށް ބުނާނަމަ ބުނެވޭނީ އެމާ ވަނީ އޭނާގެ އަމިއްލަ ހަށިގަނޑުގައި ތާށިވެފަ އެވެ.

މި ހާލުގައިވެސް މުޅިން ރަނގަޅުވުމުގެ އުންމީދު އެމާ ކުރެ އެވެ. އޭނާގެ ތުއްތު ދަރިފުޅަށްޓަކަ އެވެ.

އެމާގެ ސިކުނޑީގައި ޓިއުމަރެއް އިންކަން އެނގުނީ މިދިޔަ އަހަރުގެ އޮކްޓޯބަރު 30 ވަނަ ދުވަހު އޭނާގެ ބޮލުގައި ވަރަށް ގަދަޔަށް ރިއްސާފައި ކުއްލިއަކަށް ހޭނެތިގެން ވެއްޓުމުން ހޮސްޕިޓަލަށް ގެންގޮސް ހެދި ޓެސްޓްތަކުންނެވެ. އޭރު އޭނާ ބަލިވެ އިނދެ ހަތް މަހާއި ބައިވެއްޖެ އެވެ.

އެމާ ހޭނެތިފައި އޮތްއިރު އޭނާގެ ފިރިމީހާ ސްކޮޓް ވީކްސް އަށް އެއްކަމެއް ފާހަގަކުރެވުނެވެ. އެމާގެ ހަށިގަނޑުގެ ވާތް ފަރާތުގައި ހަރަކާތެއް ނެތް ކަމެވެ. އަދި ކަނާތު ލޯ އެއްބައި ހުޅުވިފައި އަނެއްބައި ލެއްޕިފައި ހުރި ކަމެވެ.

އެމާއަށް ވެގެން އުޅޭ ގޮތެއް ބަލަން ހަދަން ޖެހޭ ސްކޭންތައް އޭނާގެ ބަނޑުގައި ކުއްޖަކު އޮއްވާ ހެދެން ނެތުމުން އިމަޖެންސީކޮށް ސިޒޭރިއަން ހަދައިގެން ނަގަން މަޖުބޫރުވީ އެވެ.

ޓެސްޓްތަކުން ދެއްކި ގޮތުގައި އެމާގެ ސިކުނޑީގައި އިން ބޮޑު ޓިއުމަރަކީ އޭނާ އުފަންވީއިރުވެސް އިން އެއްޗަކަށް ވެދާނެ އެވެ. އަދި އެ ޓިއުމަރުގައި ކެންސަރުގެ އެއްވެސް އަސަރެއް ނެތެވެ.

ބަލިވެ އިނުމާ ގުޅިގެން އުފެދުނު އިތުރު ހޯމޯންތަކުގެ ސަބަބުން ޓިއުމަރު ކުއްލިއަކަށް މާބޮޑުވެގެން ގޮސް ފަޅައިގެން ދިޔައީ ކަމަށް ޓެސްޓްތަކުން ދެއްކި އެވެ.

ޓިއުމަރު ފަޅައިގެން ގޮސްފައިވާތީ ސާޖަރީ ހަދައި ޓިއުމަރު ނަގާފައި ވިޔަސް އެމާގެ އެއްލޮލުގެ ފެނުމުގެ 75 ޕަސެންޓް ވަނީ ގެއްލިފަ އެވެ. އަނެއް ލޯ ވެސް ވަރަށް ބޮޑަށް އަނދިރި ނަމަވެސް ގިނަ ދުވަހުން އެ ލޮލުގެ ފެނުން ކޮންމެވެސް ވަރަކަށް ރަނގަޅުވެދާނެ ކަމަށް ޑޮކްޓަރުން އުންމީދު ކުރެ އެވެ.