ލައިފްސްޓައިލް

103 އަހަރުގެ މި މާމަ އަދިވެސް ގަވާއިދުން ޖިމްއަށް ދޭ

ވަރުގަދަ، ފިޓް ހަށިގަނޑެއް ހޯދަން އަހަރެމެން ކޮންމެ މީހަކުވެސް ބޭނުންވެ އެވެ. ނަމަވެސް ދިމާވާ އެކި އެކި ސަބަބު ތަކާ ހެދި މި ކަން ކާމިޔާބު ކުރެވެނީ މަދު ބަޔަކަށެވެ. އެއްބަޔަކު ކަންނެތް ކަމުން ޖިމް އަށް ދާނެ ހިތްވަރެއް ނުހުރެ އެވެ. އަނެއް ބަޔަކު ޖިމްގެ މެމްބަޝިޕް ހޯދިޔަސް މާ ބިޒީކަމުން ޖިމް އަށް ދާން އޮންނަ ގަޑިގަޑިއަށް ބަރާބަރަށް އެތަނަށް ނުދެ އެވެ.

ނަމަވެސް އެމެރިކާގެ ކެލިފޯނިއާގައި ދިރިއުޅޭ މި މާމާ ނިކަން ދެކިބަލާށެވެ. އަދި މި މާމަގެ ކިބައިން ހިތްވަރު ހޯދައިގެން އަހަރެމެންގެ ތެރެއިން ކޮންމެ މީހަކަށް ވެސް ކަސްރަތުކޮށް އެކްޓީވް ދިރިއުޅުމެއް އުޅުމަށް އާ ރޫހެއްގައި މަސައްކަތް ފެށިދާނެ އެވެ.

މިއީ އާދައިގެ މާމަ އެއް ނޫނެވެ. މި މާމަގެ އުމުރުން މިހާރު 103 އަހަރެވެ. އަހަރެންގެ ތެރެއިން ގިނަ މީހުން 70 ވަރަކަށް އަހަރުވާއިރުވެސް ހެލިފެލިވެ އުޅެން ވަރަށް ދަތި ހާލަތަކަށް އެމީހާގެ ހަކަތަ އާއި ބުންވަރު ދެއެވެ. އަދި އެކި ބަލިތަކުގެ ޝިކާރައަކަށްވެސް ކަސްރަތު ކުރުން އެއްކިބާގައި ބާއްވާފައި އާދައިގެ ގޮތަކަށް ދިރިއުޅެން ވެސް އުނދަގޫ ވެއެވެ.

ތެރީސާ މޯރޭ އަށް 103 އަހަރަކަސް ބަލާނެ ކަމެއް ނެތެވެ. މިހާރުވެސް އޭނާ ގަވާއިދުން ޖިމް އަށް ގޮސް ކަސްރަތު ކުރެ އެވެ. ތެރީސާ ދަނީ އޭނާގެ ގެއާ ވަރަށް ކައިރީގައި ހުންނަ ޖިމް އަކަށެވެ. ހަފުތާ އަކު މަދުވެގެން ތިން ދުވަހު ނުވަތަ ހަތަރު ދުވަހު ތެރީސާ ޖިމް އަށް ދެއެވެ.

އަދި މިއީ ޖިމް އަށް ގޮސް ތިބޭ ދާހިތްލާ ކެކިފައި ތިބޭ މީހުން ފަދަ މީހެއް ވެސް ނޫނެވެ. ތެރީސާ ޖިމް އަށް ދަނީ ވަރަށް ފުރިހަމައަށް މޭކަޕް ކޮށްގެން ގަހަނާތައް ވެސް އަޅައިގެންނެވެ. އަދި އިސްތަށިގަނޑު ވެސް ހުންނަނީ ރީތިކޮށް ފުނާއަޅާފަ އެވެ.

ޖިމް އަށް ގޮސް އޭނާއަށް މާ ވަރުގަދަ ކަސްރަތެއް ނުކުރެވޭނެކަމަށް ހީވިޔަސް އެއީ ކުށް ހީއެކެވެ. ތެރީސާ އަކީ އޭނާގެ އުމުރަށް ވުރެ މާ ހަލުވި ވެފައި ވަރުގަދަ މީހެކެވެ. ބަރު އުފުލުމާއި ޓްރެޑްމިލް ބޭނުންކުރުމަކީ އޭނާއަށް ފަސޭހައިން ކޮށްލެވޭ ކަންކަމެވެ.

ތެރީސާ އުފަންވީ އިޓަލީގަ އެވެ. އޭނާ 1946ގައި ކައިވެނިކުރީ އާމީ އޮފިސަރަކާ އެވެ. ފިރިމީހާގެ ވަޒީފާގެ ގޮތުން ތެރީސާ އަށް އެކި ގައުމުތަކުގައި އެކި ދުވަސްވަރު އުޅެން ޖެހުނެވެ.

ތެރީސާ ބުނި ގޮތުގައި ޖިމްއަށް ގޮސް ކަސްރަތުކޮށްލާ ހެދުމުން އޭނާއަށް ހަކަތަ އިތުރުވެ އެވެ. ނަމަވެސް ތެރީސާގެ އަންހެންދަރިފުޅު ގަބޫލުކުރާ ގޮތުގައި އޭނާގެ މަންމައަކީ ވަރަށް ކަންކަން ބަލާހިތްވާ މީހެކެވެ. އެހެންވެ މަންމަ ޖިމް އަށް ވެސް ދަނީ އެހެން މީހުންގެ ކަންކަން ބަލާށެވެ.

"މަންމަ އަކީ ވަރަށް މީހުންގެ ބޯކޮޅު ބަލާ މީހެއް. ޖިމް އަށް ވެސް ރައްޓެހިންނާއެކު ގޮސް މީހުން އުޅޭ ނޫޅޭ ޚަބަރުތައް ނަގާނެ. އެތަނުގެ އެންމެން ވެސް މަންމައަށް ވަރަށް ރަނގަޅުވާނެ. މަންމައަ ވާހަކަ ދައްކާ ހަދާނެ،" ތެރީސާގެ ދަރިފުޅު ޝީލާ މޯރޭ ބުންޏެވެ.

ޝީލާ ބުނި ގޮތުގައި އޭނާގެ މަންމަ އިޓަލީ ދޫކޮށްލީއްސުރެ އުޅެނީ ވަރަށް ގައްޑާ މީހަކަށް ހެދިގެންނެވެ. އަދި ޖިމް އަކީ މިހާރު މަންމަ އެންމެ އުފަލުން ދާ ތަން ކަމަށް ޝީލާ ބުންޏެވެ.