އިޓަލީގެ އެއްމާބަނޑު ދެ އަންހެނުން އެމީހުންގެ "200 ވަނަ" އުފަން ދުވަސް ފާހަގަ ކޮށްފި އެވެ. ފްރެންސިސްކާ އާއި މާރިއާ ރައިކިއާޑިއާގެ ވާހަކަ އެމީހުން އުޅޭ ރަށުގައި މަޝްހޫރުވެ އެމީހުންގެ ވާހަކަ އެންމެން ދައްކަނީ "200 ވަނަ" އުފަން ދުވަސް މި ދެބެން ފާހަގަ ކޮށްގެންނެވެ. ސަބަބަކީ މިހާ ގިނަ ދުވަސްވީ ބަޔަކު ދުނިޔޭގައި ތިބި ކަމަށް މިހާތަނަށް އެއްވެސް ރެކޯޑް ފޮތެއްގައި ވެސް ނެތީމަ އެވެ.
މި ދެބެން އުފަންވީ ޖެނުއަރީ 23، 1923ގަ އެވެ. އެހެންވެ މިދިޔަ ހަފުތާގައި އެމީހުން ފާހަގަކުރީ ހަގީގަތުގައި އެމީހުންގެ 100 ވަނަ އުފަން ދުވަހެވެ. ނަމަވެސް ދެބެން ވީމަ ދެ ގުނަ ކޮށްލައިގެން "200 ވަނަ އުފަން ދުވަސް" ކަމަށް އެމީހުން ކިޔަނީ ކަމަށް ރޮއިޓާސްގައިވާ މި ޚަބަރުގައި ބުނެފައި ވެއެވެ.
މި މީހުންގެ އުފަން ދުވަސް ފާހަގަކުރާ މަންޒަރުތަކުގެ ވީޑިއޯ އެއް ވެސް ރޮއިޓާސްގެ އޮފިޝަލް ޓުވިޓާ އެކައުންޓުގައި ޕޯސްޓްކޮށްފައި ވެއެވެ. އުފަން ދުވަހުގެ ކޭކު ފެޅުމުގައި މި ދެބެންގެ ދަރިންނާއި މާމަ ދަރިން އަދި މުނިމާމަ ދަރިންގެ ތެރެއިން 50 ދަރިން ބައިވެރިވި އެވެ.
މި މީހުން ފެޅި ކޭކުގައިވެސް ޖަހާފައި އިނީ 200 ވަނަ އުފަން ދުވަސް ކަމަށެވެ.
ސަތޭކަ އަހަރު ވަންދެން ދުނިޔޭގައި ތިބޭނެކަމަށް އުންމީދުކުރިންތޯ ސުވާލުކުރުމުން ފްރެންސިސްކާ ބުނީ އެހާ ދުވަހު ދުނިޔޭގައި ތިބެވިދާނެކަމަށް ޚިޔާލަށް ވެސް ނާންނަ ކަމަށެވެ. ނަމަވެސް މުނިމާމަ ދަރިންނާއި މާމަ ދަރިންގެ 50 ދަރިންނާއެކު މިހާ އުފާވެރި ހަޔާތެއް ވޭތުކުރެވުނީތީ ވަރަށް ހިތްހަމަޖެހޭ ކަމަށް އޭނާ ބުންޏެވެ.
"މިހާ ގިނަ ދުވަހު ދުނިޔޭގައި މި ތިބެވުން މިއީ ކަލާންގެ ދެއްވި ހަދިޔާއެއް. އަހަރެމެންނަށް ލިބުނު އުފާވެރި ދިރިއުޅުން ވެސް މިއީ ހަމަ ކުޅަދުންވަންތަކަން،" ފްރެންސިސްކާ ބުންޏެވެ.
ގިނިސް ވޯލްޑް ރެކޯޑްސް ބުނާ ގޮތުގައި ދުނިޔޭގައި މިހާރު ހުރި އެންމެ ދުވަސްވީ އަންހެނަކީ 116 އަހަރުގެ މާރިއާ ބްރަންޔަސް މޮރޭރާ އެވެ. ސްޕޭނަށް އުފަން މާރިއާ އުފަންވެފައިވަނީ މާޗް ހަތަރެއް، 1907 ގައެވެ.