އިނގިރޭސި ޕްރިމިއާ ލީގުގެ އާސީޒަން ރާއްޖެ ގަޑިން މިރޭ ދަންވަރު 12 ޖަހާއިރު ފަށާނެ އެވެ.
އާސީޒަންގެ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ އާސެނަލް އާއި މުބާރާތަށް އަލަށް ޕްރޮމޯޓްވި ބްރެންޓްފަޑް އެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ބްރެންޓްފަޑްގެ ދަނޑުގަ އެވެ.
މުބާރާތުގެ މެޗްޑޭ އެކެއް (ފުރަތަމަ ހަފްތާ) ގައި 10 މެޗު ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ ތެރެއިން ގިނަ މެޗުތައް ކުޅުމަށް ހަމަޖެހިފައި އޮތީ ހޮނިހިރު ދުވަހު އެވެ.
ޕްރިމިއާ ލީގު މެޗްޑޭ 1 ތާވަލް
- ބްރެންޓްފަޑް - އާސެނަލް / ހޮނިހިރު، 00:00
- މެންޗެސްޓާ ޔުނައިޓެޑް - ލީޑްސް ޔުނައިޓެޑް / ހޮނިހިރު، 16:30
- ލެއިސްޓާ ސިޓީ - ވޮލްސް / ހޮނިހިރު، 19:00
- ޗެލްސީ - ކްރިސްޓަލް ޕެލެސް / ހޮނިހިރު، 19:00
- ވަޓްފާޑް - އެސްޓަންވިލާ / ހޮނިހިރު، 19:00
- އެވަޓަން - ސައުތަމްޓަން / ހޮނިހިރު، 19:00
- ބާންލޭ - ބްރެއިޓަން / ހޮނިހިރު، 19:00
- ނޯވިޗް ސިިޓީ - ލިވަޕޫލް / ހޮނިހިރު، 21:30
- ނިއުކާސަލް - ވެސްޓްހަމް / އާދީއްތަ، 18:00
- ޓޮޓެންހަމް - މެންޗެސްޓާ ސިޓީ / އާދީއްތަ، 20:30
މީގެ ތެރެއިން އެންމެ ފޯރި ގަދަ ވާނެ ކަމަށް ބެލެވެނީ ޓޮޓެންހަމް އާއި މެންޗެސްޓާ ސިޓީ ބައްދަލު ކުރާ ފުރަތަމަ ހަފްތާގެ ފަހު މެޗެވެ. މި މެޗު ހާއްސަ ވެގެންދާނީ ހަމަ އެކަނި މެޗުގައި ވާދަ ކުރާ ދެޓީމުގެ ވަރުގަދަ ކުޅުމަކުން ނޫނެވެ. ދެ ތީމުގެ މެދުގައި ހިނގަމުންދާ ކަންކަމުންވެސް މި މެޗު ބަލާލަން ގިނަ ބަޔަކު ބޭނުންވާނެ އެވެ.
މެންޗެސްޓާ ސިޓީއިން މަސައްކަތް ކުރަމުން އަންނަނީ ސްޕާސްގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ހެރީ ކޭން އެޓީމަށް ގެނައުމަށެވެ. ކޭން ވެސް ހުރީ ސިޓީއަށް ބަދަލުވަން ތައްޔާރަށެވެ. ނަމަވެސް މި ޓްރާންސްފާ ވަކި ގޮތަކަށް ނުނިމި އަދި މަޑުޖެހިފައި އޮތީ ދެ ކްލަބުގެ މެދުގައި ޓްރާންސްފާ ފީއަކާއި މެދު އެއްބަސް ނުވެވިގެންނެވެ.
އެހެން ކަމުން އާދީއްތަ ދުވަހުގެރޭ މިދެޓީމު ބައްދަލު ކުރާއިރު ކޭން ފެންނާނެ ކަމާއި މެދު މިހާރު ވަނީ ސުވާލު އުފެދިފަ އެވެ. ކޭން އެރޭގެ މެޗުން ފެނިއްޖެ ނަމަ ސްޕާސް ސަޕޯޓަރުންގެ ފަރާތުން އޭނާއަށް ނުރުހުންތަކަކާއި ކުރިމަތިލާން ޖެހޭނެ ކަމަށް ބެލެވެ އެވެ.
އާސީޒަނާއި ކުރިމަތި ލާއިރު ގިނަ ކްލަބު ތަކުން ވަނީ ސަމާ ޓްރާންސްފާ މާކެޓުގައި ކުޅުންތެރިން ގެނެސް ޓީމު ރަނގަޅު ކުރުމަށް ބޮޑެތި ހަރަދު ތަކެއް ކޮށްފަ އެވެ. މިގޮތުން މިފަހަރުގެ ޓްރާންސްފާގައި ފާހަގަ ކުރެވުނު އެންމެ ބޮޑު ޓްރާންސްފާ އަކީ ޕްރިމިއާ ލީގުގެ ރިކޯޑު އަގަކަށް މެންޗެސްޓާ ސިޓީއިން ޖެކް ގްރީލިޝް ގަތުމެވެ. ސިޓީއިން އެސްޓަން ވިލާގެ ކެޕްޓަން ގަނެފައި ވަނީ 100 މިލިއަން ޕައުންޑަށެވެ.
މީގެ އިތުރުން ޗެލްސީއިން ވަނީ އެކްލަބްގެ ރިކޯޑު އަގަކަށް ރޮމެލޫ ލުކާކޫ އެޓީމަށް ގެނެސްފަ އެވެ. ލުކާކޫ ޗެލްސީއަށް ސޮއި ކުރީ 97.5 މިލިއަން ޕައުންޑަށެވެ. އަދި މެންޗެސްޓާ ޔުނައިޓެޑުން ވަނީ 73 މިލިއަން ޕައުންޑަށް ޖޭޑަން ސަންޗޯ އެކްލަބަށް ގެނެސްފަ އެވެ.