ދުނިޔެ

ބެންގަލޫރުގައި ކޮންގޯ ދަރިވަރު މަރުވި މައްސަލަ ހޫނުވެއްޖެ

އިންޑިއާގެ ބެންގަލޫރުގައި މިމަހު ކުރީކޮޅު ފުލުހުން ކޮންގޯ ދަރިވަރަކު ހައްޔަރުކުރި އެވެ. އޭނާއަށް ފުލުހުން ތުހުމަތުކުރީ ޑްރަގް ވިޔަފާރިކުރާ ކަމަށެވެ. ފުލުހުން ބުނި ގޮތުން އޭނާގެ ވިސާވެސް އޮތީ ދުވަސް ހަމަވެފަ އެވެ.

ބެންގަލޫރު ފުލުހުންނާ ހަވާލާދީފައި ހުރި ޚަބަރުތައް ބުނާ ގޮތުން، ޖޮއެލް ސިންޑާނި މާލު 27، ހައްޔަރުކުރުމާ ގުޅިގެން އިންޑިއާގައި އަދި އެ ދަރިވަރުގެ އަމިއްލަ ގައުމު، ކޮންގޯގައި މަގުތައް ހަލަބޮލިވެގެން ދިޔަ އެވެ.

އާންމުންނާ ކިޔަވާ ކުދިން މަގުތަކަށް ނިކުތީ ބެންގަލޫރު ފުލުހުންގެ ބެލުމުގެ ދަށުގައި މާލު ހުއްޓައި މަރުވި މައްސާލާގަ އެވެ. އޭނާ މަރުވީ އޮގަސްޓް ތިންވަނަ ދުވަހު އެވެ. ފުލުހުން ބުނީ މެއަށް ތަދުއަރާތީ އޭނާ ޝަކުވާކުރި ކަމަށެވެ. އަދި މަރުވީ ފަރުވާދޭން ހޮސްޕިޓަލަށް ގެންދިޔަ ފަހުން ކަމަށެވެ.

ކޮންގޯގައި މިމައްސަލަ ބޮޑުވެ އެގައުމުގައި އުޅޭ އިންޑިއާ މީހުންނާ ދިމާކޮށް އާންމުން ގެންދަނީ ތަޅައި އަނިޔާކުރަމުންނެވެ. އިންޑިއާ މީހުން ހިންގާ ވިޔަފާރިތައް ލޫޓުވައި ފިހާރަތަކުގައި ހުޅުޖަހައި ވަނީ ބޮޑެތި ގެއްލުންތައް ދީފަ އެވެ.

ކޮންގޯގެ ވެރިރަށް ކިންޝާސާގައި އިންޑިއާ މީހުންނަށް ގާއުކައި އިންޑިއާގެ ފިހާރަތަކުން ފޮތިފޭލިތައް ނެރެ އާންމުނަށް ބަހައި ފިހާރާތައް ވަނީ ލޫޓުވާލާފަ އެވެ. އާންމުންގެ މިއަމަލުތަކާ ގުޅިގެން ކޮންގޯ ފުހުން ބަޔަކު ހައްޔަރު ވެސް ކުރި އެވެ.

ކިންޝާސާ ޕޮލިސް ކޮމިޝަނާ ވިދާޅުވީ ނާތަހުޒީބީ ޒުވާނުންގެ ސަބަބުން ގައުމަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ ކަމަށެވެ. އޭނާ ވިދާޅުވީ މަގުތަކަށް ނިކުމެ ހުރިހާ ކަމެއް ގޯސްކުރަނީ ނޫކަށިފުރާގެ ޒުވާނުން ކަމަށެވެ.

ފުލުހުން ބަންދުކޮށްފައި ހުއްޓައި ދަރިވަރު މަރުވި މައްސަލަ މިހާރު އޮތީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. މިމައްސަލާގައި ފުލުހުން ދައްކާ ވާހަކަތައް އާންމުން ގަބޫލެއް ނުކުރެ އެވެ. މާލު މަރުވުމާ ބެހޭ ގޮތުން ބެންގަލޫރުގައި އަދި ކޮންގޯގައި އޮތް ގަބޫލުކުރުމަކީ އޭނާ މަރުވީ ފުލުހުން އަނިޔާކުރުމުގެ ސަބަބުން ކަމަށެވެ.