ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ބައްދަލު ކުރައްވައިފި އެވެ. މިއީ ރަޝިއާ އާއި އިންޑިއާ އަހަރަކު އެއްފަހަރު ބާއްވާ ޚާއްސަ ބައްދަލުވުމުގެ ބޮޅެކެވެ.
ޕޫޓިން އާއި މޯޑީ ބައްދަލު ކުރައްވާފައި މިވަނީ ކޮވިޑާ ހެދި ދެ ގައުމުގެ ދެމެދުގައި އަދި އެއްމޭޒު ދޮށުގައި ކުރަން ހުރި މަޝްވަރާތައް މެދުކަނޑާލާފައި ވަނިކޮށެވެ.
އިންޑިއާއަށް ވަޑައިގެން ޕޫޓިން މޯދީއަށް ވަރަށް ތައުރީފު ކުރެއްވި އެވެ. އިންޑިއާއަކީ ބާރު ގަދަ ގައުމެއް ގޮތުގައި ސިފަ ކުރެއްވި އެވެ. އޭނާ އަދި ވިދާޅުވީ ދެ ގައުމުގެ މަސްލަހަތަކީ ވެސް އެއް އަސާސެއްގައި ދެމި ތިބުން ކަމަށެވެ.
ދެ ލީޑަރުންގެ މައިގަނޑު މައުލޫއަކީ އަސްކަރީ ފަންނުވެރި ކަމާއި ޓެރަރިޒަމް އެވެ. ރަޝިއާގައި އުފައްދާ މިސައިލް ޑިފެންސް ސިސްޓަމް، އެސް400 އިންޑިއާގައި ބެހެއްޓުމުގެ މަސައްކަތްތައް މިހާރު ވެސް ކުރިއަށް އެބަދެ އެވެ.
އިންޑިއާއަކީ އަސްކަރީ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުވެވިފައި އޮތް ގައުމަކަށް ހެދުމަށް މޯދީގެ ސަރުކާރުން ވަރަށް އިސްކަން ދެއްވަ އެވެ. ރަޝިއާއަކީ އިންޑިއާއަށް ބަރޯސާ ކުރެވިދާނެ ގައުމެއް ކަމަށް މޯދީގެ ވަޒީރުން ވެސް ވިދާޅުވެ އެވެ.
ޕޫޓިން ވިދާޅުވި ގޮތުގައި ތާލިބާނުންގެ އަތްދަށަށް އަފްޣާނިސްތާން ދިއުމުން އޮތް ބިރަކީ ޓެރަރިޒަމެވެ. ޑްރަގް ޓްރެފިކިން އަދި މީހުން ވަގަށް ނެގުމަކީ ވެސް ސަރަހައްދަށް އޮތް ބިރެއް ކަމަށް ވިދާޅުވި އެވެ.
ޕޫޓިން ވިދާޅުވީ ދުނިޔޭގައި ބަޔަކު ކުރާހާ ކަމެއް ކުރަން ދޫކޮށްލައިގެން ނުތިބެވޭނެ ކަމަށާއި ރަޝިއާ އާއި އިންޑިއާގެ އަމާޒަކީ ދުނިޔެ ސުލްހަ ކުރުން ކަމަށެވެ.
ރަޝިއާ އާއި އިންޑިއާއިން އަސްކަރީ ސިނާއަތުގައި އެއްބާރުލާ ގޮތަށް ނިންމައި ސޮއިކުރި އެއްބަސްވުމަކީ އަސްކަރީ އާލާތްތައް އުފެއްދުމާއި ގަނެ ވިއްކުމުގައި ދެގައުމު ހަމަހަލަ އުސޫލެއް އޮންނަ އެއްބަސްވުމެއް ކަމަށް އޮފިޝަލުން ވިދާޅުވެ އެވެ.
މި އެއްބަސްވުން 2030 ގެ ނިޔަލަށް ދެމި އޮންނާނެ އެވެ. އަދި އެއަށް ފަހު ބޭނުން ނަމަ ނުކުތާތައް ބަދަލުކުރުމަށް ފަހު ވެސް އާއެއްބަސްވުމެއް ގޮތުގައި ދެމެހެއްޓި ދާނެ އެވެ.