ދުނިޔެ

އިންޑިއާގެ ކޯސްޓް ގާޑުން ލަންކާ ތިންބޯޓެއް ޑްރަގާއެކު ހިފަހައްޓައިފި

އިންޑިއާގެ ކޯސްޓް ގާޑުން ސްރީލަންކާ ތިން ބޯޓެއް ޑްރަގާއެކު ކަނޑުމަތިން ހިފަހައްޓައިފި އެވެ. ކޯސްޓުން ގާޑުން ބުނީ އެމީހުން މަސައްކަތްކުރީ ލަކްޝަދީޕްގެ ތެރެއިން އިންޑިއާއަށް ޑްރަގް އެތެެރެ ކުރަން ކަމަށެވެ. އެމީހުންގެ އަތުން 286.5 މިލިއަން ޑޮލަރުގެ ޑްރަގް ވަނީ އަތުލާފަ އެވެ.

އިންޑިއާގެ ކޯސް ގާޑުންގެ ކިބައިން ސަލާމަތް ނުވާނެކަން އެނގުމުން އޮޑީގައި ތިބި މީހުން ވަނީ 260 ކިލޯ ޑްރަގް ކަނޑު ފައްތާފަ އެވެ. އެހެން ނަމަވެސް ކޯސްޓް ގާޑުން ދިޔައީ އެމީހުންގެ ހަރަކާތްތަކަށް ފާރަލަމުންނެވެ.

ކޯސްޓް ގާޑުން ބުނީ މި ބޯޓްތައް ޑްރަގް އެތެރެ ކުރަން ކަނޑުމަތީގައި އުޅޭތާ 14 ދުވަސްވެފައިވާ ކަމަށެވެ. ފަޅުވެރިން ހައްޔަރުކޮށް ސުވާލު ކުރަން ފެށުމުން އެމީހުން ދެއްކި ވާހަކައިން ވެސް މައުލޫމާތު ލިބިފައިވާ ކަމަށް އޮފިޝަލުން ވިދާޅުވި އެވެ. އަދި ބުނީ އެމީހުންނަކީ ޑްރަގް ސްމްގްލްކުރާ ބައްއެއް ކަމަށް އެއްބަސްވެފައިވާ ކަމަށެވެ.

ކޯސްޓް ގާޑުން ބުނީ ކަނޑުގެ އެ ސަރަހައްދަކީ ޑްރަގް ވިޔަފާރިކުރާ މިހުން ވަރަށް ގިނައިން މުއާމަލާތްކުރާ ތަނެއް ކަމަށާއި އެމީހުންނަކީ މޫސުމަށް ވެސް ބަލާބައެއް ނޫން ކަމަށެވެ.

މިގޮތަށް ކަނޑުމަތިން އަތުލާ ބައެއް ބޯޓްފަހަރު ލަންކައާ ހަވާލު ކޮށްފައި ވާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. އެއީ ބޯޓްގައި ހުރި މަހުގެ އަދަދު މާބޮޑަށް ވެސް ގިނަ ކަމުންނެވެ.