ދުނިޔެ

އިންޑިއާ ދަރިކޮޅުގެ ދެމަފިރިން އިނގިރޭސިވިލާތުގައި 33 އަހަރަށް ޖަލަށް

އިންޑިއާ ދަރިކޮޅުގެ ދެމަފިރިން އިނގިރޭސިވިލާތުގައި 33 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި އެވެ.

މި ދެ މީހުންގެ ކުށަކީ ބައި ޓަނަށް ވުރެ ގިނަ ކޮކެއިން އޮސްޓްރޭލިއާ އަށް އެކްސްޕޯޓްކުރަން މަސައްކަތް ކުރުމެވެ.

މި ދެމަފިރިން -- އާރުތީ ދިރު، 59 އަދި ކަވަލްޖިތު ސިންގް، 35 އަކީ އިންޑިއާގެ ގުޖުރާތުގައި އެ މީހުން ބެލެހެއްޓި ކުއްޖަކު މަރާލި ކަމުގެ ތުހުމަތުގައި އިންޑިއާ އަށް ވެސް ބޭނުންވެފައި ތިބި ދެ މީހުންނެވެ.

މި ދެ މީހުން އަނބުރާ އިންޑިއާއަށް ފޮނުވައި ދިނުމަށްވެސް އިންޑިއާއިން އޮތީ އިނގިރޭސިވިލާތުގައި އެދިފަ އެވެ.

ޔޫކޭ ނޭޝަނަލް ކްރައިމް އޭޖެންސީ (އެންސީއޭ) އިން ބުނި ގޮތުން އޮސްޓްރޭލިއާ އަށް 57 މިލިއަން ޕައުންޑް -- ގާތްގަނޑަކަށް 72 މިލިއަން ޑޮލަރުގެ އަގުހުރި ކޮކެއިން އެތެރެކުރަން އުޅެނިކޮށް އޮސްޓްރޭލިއަން ބޮޑާ ފޯސްއިން މި ދެ މީހުން ހިފެހެއްޓީ 2021 ގައެވެ.

އޮސްޓްރޭލިއާއަށް ކޮކެއިން އެތެރެކުރީ އިނގިރޭސިވިލާތުން އޮސްޓްރޭލިއާ އަށް ދަތުރުކުރި މަތިންދާބޯޓެއްގައި، ދަގަނޑު ފޮށިތަކެއްގެ ތެރޭގައި ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށް އިނގިރޭސި ފުލުހުން ބުންޏެވެ.

ކޮންކެއިން ޕާރުސަލްތައް ފޮނުވާފައި ހުރީ މި ދެމަފިރިން ފަހަތުގައި ތިބެގެން ހިންގާ ކުންފުންޏަކުން ކަމަށްވެސް ފުލުހުންގެ ރިޕޯޓްގަައި ބުނެފައިވެ އެވެ.

މި މައްސަލަ ބެލުމަށް ކޯޓުގައި އޮތް އަޑުއެހުމަށް ހާޒިރުކުރުމުން ދެމަފިރިން ވަނީ އެކަމަށް އިންކާރުކޮށްފަ އެވެ.

ޑްރަގް ވިޔަފާރިކުރުމާއި މަނީލޯންޑަރިން ކަމަށް ކަނޑައެޅުމަށް ހުށަހަޅާފައި ހުރި ހުރިހާ މައްސަލައަކަށްވެސް މި ދެ މީހުން ދެކޮޅު ހެދި އެވެ. ނަަމަވެސް ކޯޓުން ނިންމީ އޮސްޓްރޭލިއާ އަށް ކޮކެއިން އެތެރެކުރަން އުޅުމުގައި އެ ދެމީހުން ނޫން އެހެން މީހެއް އަދި ކުންފުންޏެއް ބައިވެރިނުވާ ކަމަށެވެ. އެހެންކަމުން ހަމަ އެ ދުވަހު މި ދެމަފިރިންގެ މައްޗަށް ހުކުމް ކުރީ އެވެ.

ފުލުހުން ބުނި ގޮތުން އޮސްޓްރޭލިއާގައި ޑްރަގް ވިޔަފާރިކުރަން މި ދެ މީހުން ވިސްނާފައި އޮތީ އިނގިރޭސިވިލާތަށް ވުރެ އޮސްޓްރޭލިއާގައި އަގުތައް ރަނގަޅުވުމުންނެވެ.

އޮސްޓްރޭލިއާ އަކީ ވެސް ޑްރަގް ވިޔަފާރިކުރާ މީހުންނަށް ބޮޑެތި އަދަބުދޭ ގައުމެއް ނަމަވެސް ނުބެދި ސަލާމަތްވެއްޖެ ނަމަ އުމުރު ދުވަހު އުޅެވޭ ވަރަށް ފައިސާ ލިބޭ ގައުމެއް ކަމަށް ބުނެވެ އެވެ.