ދުނިޔެ

އިނގިރޭސި ޕާލަމެންޓްގައި ވަސްބަލާ ކުއްތާ ބޭނުންކުރަނީ

އިނގިރޭސި ޕާލަމެންޓް ސަރަހައްދުން ކޮކެއިން ފެނިއްޖެ އެވެ. ހައުސް އޮފް ކޮމަންސްގެ ރައީސް، ސާ ލިންޑްސީ ހޮއިލް ވިދާޅުވި ގޮތުގައި މަސްތުވާ ތަކެތި ފެނިފައި ވަނީ ހަމައެކަނި ޕާލަމެންޓް މެމްބަރުރުންނަށް ވަދެވޭ ސަރަހައްދަކުންނެވެ.

ޚަބަަރުތައް ބުނާ ގޮތުން އިނގިރޭސި ހޯމް ސެކްރެޓަރީ ޕްރީތީ ޕަޓެލްގެ އަމިއްލަ ގެކޮޅު ކައިރިނާއި ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ އޮފީސް ދޮށުން ވެސް ކޮކެއިންގެ އަސަަރު ވަނީ ދެނެގަނެވިފަ އެވެ.

ޕާލަމެންޓްގެ ރައީސް، ވިދާޅުވި ގޮތުގައި ޑްރަގް ބޭނުންކުރާ ބަޔަކު މަޖިލީސްގައި ތިބެގެން ނުވާނެ އެވެ. އޭނާ ވިދާޅުވީ މަޖިލީހުގައި ޑްރަގް ބޭނުން ކުރާނަކަން ކަށަވަރު ކުރައްވާނެ ކަމާށާއި އެކަން ކުރައްވާނީ ވަސްބަލާ ކުއްތާ މަޖިލީހަށް ވައްދައިގެން ކަމަށެވެ.

އިނގިރޭސިވިލާތަކީ މަސްތުވާ ތަކެތި ބޭނުންުރާ މީހުން ގިނަ ގައުމެކެވެ. މަސްތުވާ ތަކެތި ބޭނުންކުރާ މީހުން ހިފަން ދާ ޖެހުމަށް ސަރުކާރުން ވަރަށް ބޮޑު ހޭދައެއް ކުރަމުން ގެންދާއިރު ވެސް އެއްގޮތަކަށް ވެސް ތައްތަކު ނުވެ އެވެ.

އޮފީސް އޮފް ނޭޝަނަލް ސްޓެޓިސްޓިކްސްއިން މިދިއަ އަހަރު ނެރުނު ރިޕޯޓެއް ބުނާ ގޮތުން ކޮކެއިން ކަހަލަ ބާރުގަދަ ޑްރަގް ބޭނުން ކޮށްގެން ތިން މިލިއަން މީހުން އަތުލާފައިވެ އެވެ.

އިނގިރޭސިވިލާތުގައި ކޮކެއިން ބޭނުންކުރާ މީހުންނަށް ހަރުކަށި އަދަބު ކަނޑައަޅާފައި އޮވެއެވެ. ވަރުގަދަ ޖޫރިމަނާއެއްގެ އިތުރުން ކުރު ނޫން މުއްދަތަކަށް ޖަލަށް ލުމަކީ ވެސް ޑްރަގް ބޭނުން ކުރުމާ މެދު ވިސްންނަ ލިބޭ ފުރުސަތެކެވެ.

އިނގިރޭސި ސަރުކާރުގެ އެންމެ މަތީ ގިންތިގެ މީހުންނަށް ޑްރަގް ބޭނުންކުރާ ކަމުގެ ތުހުމަތު ކުރެވިފައި އޮތްއިރު، މިއީ ޚާއްސަ މައްސަލައެއް ގޮތުގައި މަޖިލީސްގައި ބަހުސް ކުރެވޭނެ ކަމަށް ވެސް މެމްބަރުން ބުނެ އެވެ.

ޕާލަމެންޓްގެ ރައީސް ވިދާޅުވީ މަޖިލީސް މެމްބަރެއް ނަމަވެސް ޑްރަގް ބޭނުން ކުރާކަން ސާބިތުވެއްޖެ ނަމަ ހިނދުކޮޅެއް ވެސް ލަސް ނުކުރައްވާނެ ކަމަށެވެ. އެމީހަކު ފުލުހުން މެދުވެރިކޮށް ޑްރަގް އޮތޯރިޓީއަށް ފޮނުވާނެ ކަމަށެވެ. އަދި އައްސިފިލާ ވަރުގެ އަދަބެއް ދެއްވުމަށް އެދިވަޑައި ގަންނަވާނެ ކަމަށެވެ.