ދުނިޔެ

ސަލްމާން ރުޝްދީ ވެންޓިލޭޓަރުގައި

އިސްލާމް ދީނާއި ކީރިތި ގުރުއާން އަދި ރަސޫލާ صلى الله عليه وسلم އަށް މަލާމާތްކޮށް ހަޖޫޖެހުމުގެ ސަބަބުން ހުޅަނގުގެ ގައުމުތަކަށް މޮޅު ލިޔުންތެރިއަކަށް ވެފައި ހުރި ސަލްމާން ރުޝްދީގެ ކަރަށާއި ގަޔަށް ވަޅި ހަރައި ވަނީ ޒަހަމްކޮށްލާފަ އެވެ.

ޚަބަރުތައް ބުނާ ގޮތުން އޭނާގެ ކަރަށާއި ގަޔަށް 12-15 ފަހަރު ވަނީ ވަޅި ހަރާފަ އެވެ. އޭނާއަށް ފަރުވާ ދިނުމަށް ހެލިކޮޕްޓަރުގައި ހޮސްޕިޓަލަށް ގެންދެވުނު ނަމަވެސް ޒަހަމްތައް ފަހައި މަރާމާތުކުރަން އެތައް ގަޑިއިރެއް ހޭދަކުރަން ޖެހުނު ކަމަށް ހޮސްޕިޓަލުގެ އޮފިޝަލުން ބުނެ އެވެ.

ސަރަހައްދީ ސެކިޔުރިޓީ ފުލުހުންނާ ހަވާލާދީ ރޮއިޓާސް ބުނާ ގޮތުގައި ސަލްމާން ރުޝްދީ މިހާރު އޮތީ ވެންޓިލޭޓަރުގަ އެވެ. ވާހަކައެއް ނުދެއްކެ އެވެ. ޒަހަމްތަކަށް ޚާއްސަ ފަރުވާ -- އެންޓިބަޔޮޓިކްސް ހިމެނޭ ގޮތުން މިހާރު ވަނީ ފަށާފަ އެވެ.

ސަލްމާން ރުޝްދީ، 75، އަކީ އިންޑިއާއަށް އުފަން، ކަޝްމީރު އާއިލާއަކަށް ނިސްބަތްވާ މީހެކެވެ. އެނާ އަކީ ކުރިން ދީންވެރި ނޫން އިސްލާމެކެވެ.

އޭނާ އަކީ އެއިރު ވެސް އަދި މިހާރު ވެސް އިނގިރޭސިވިލާތުގެ ރަށްވެއްސެކެވެ. އާންމުކޮށް ދިރިއުޅެނީ އިނގިރޭސިވިލާތުގަ އެވެ. އެހެން ނަމަވެސް ލެކްޗަރު ދިނުމަށް ގައުމުތަކަށް ދަތުރުކުރެ އެވެ.

އިސްލާމް ދީނަށާއި ކީރިތި ގުރުއާނަށް ފުރައްސާރަކޮށް ސެޕްޓެމްބަރު 26، 1988 ގައި އޭނާ ނެރުނު "ސަޓަނިކް ވާސަސް" -- ޝައިތޯނީ އާޔަތްތަކުގެ ސަބަބުން އިސްލާމުންގެ ރުޅިވެރިކަން އޭނާ އަށް ވަނީ އަމާޒުވެފަ އެވެ.

އޭނާ މަރާލަން ގޮވާލައި އިސްލާމީ ބައެއް ގައުމުތަކުގައި މުޒާހަރާކޮށް އާންމުންގެ ގިނަބަޔަކު ވަނީ އެއްބާރުލުން ދައްކާފަ އެވެ. އަނެއްކޮޅުން އީރާނުން އޮތީ އޭނާ މަރާލި މީހަކަށް 2.8 މިލިއަން ޑޮލަރު ހުށަހަޅާފަ އެވެ. މި އަދަދު ފަހުން އިތުރުކުރި ކަމަަށް ވެސް ވެއެވެ.

ސަލްމާން ރުޝްދީ މަރާލަން ގޮވާލުމާ ގުޅިގެން އިނގިރޭސިވިލާތުން ވަނީ އޭނާ އަށް ހިމާޔަތްދީފަ އެވެ. އަދި ގިނަ ދުވަސްތަކެއް ވަންދެން އޭނާ އުޅުނީ ސެކިޔުރިޓީގެ ހިމާޔަތުގައި ފޮރުވިގެންނެވެ.