މާލޭގެ ގުދަނެއްގެ ތެރޭގައި ގޭސް ހުރި އެއްޗެއް ގޮވައި މީހަކު ފިހިއްޖެ އެވެ
ސިފައިންގެއިން ބުނީ މި ހާދިސާ ހިނގާފައި ވަނީ މާފަންނު ބޮޑުގޭގައި ހުންނަ ވަގުތީ މިސްކިތް ކުރިމަތީގައި ހުރި ގުދަނެއްގައި ކަމަށެވެ. އެތަނުން ގޭސް ހުރި އެއްޗެއް ގޮވައި މީހަކު ފިހިފައިވާ ކަމަށެވެ.
ފިހުނު މީހާއަށް ފަރުވާދިނުމަށް ހޮސްޕިޓަލަށް މިހާރު ވަނީ ގެންގޮސްފައި ކަމަށްވެސް ސިފައިން ބުނެ އެވެ.
އެމްއެންޑިއެފްގެ ފަޔާ ސާވިސް އިން މިހާރު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށާއި އިތުރު މައުލޫމާތު ލިބޭ ވަރަކަށް ހިއްސާ ކުރާނެ ކަމަށްވެސް ސިފައިން ބުނެ އެވެ.
މި ހާދިސާގައި ފިހުނު މީހާގެ އިތުރު މައުލޫމާތެއް އަދި ނުލިބެ އެވެ. އަދި އެ ގުދަނަށް ލިބިފައިވާ ގެއްލުމާ ގުޅޭ އެއްވެސް މައުލޫމާތެއް ވެސް އަދި ލިބިފައެއް ނުވެ އެވެ.
މާލޭ ސަރަހައްދުގައި ގޭސް ފުޅި ގޮވުމާއި އެކި ގުދަންތަކުގައި އެއްޗެތި ގޮވައި އަލިފާނުގެ ހާދިސާ ހިނގުން ވަނީ ވަރަށް އާންމުވެފަ އެވެ. މި ކަމާ ގުޅޭގޮތުން ކަމާ ގުޅުންހުރި އިދާރާތަކުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް ބުނި ނަމަވެސް ނަތީޖާއެއް ނުފެނެ އެވެ.