މޯލްޑިވްސް ނޭޝަނަލް ޕާޓީ

އަހަރު ނިމުމުގެ ކުރިން 10،000 މެމްބަރުން ހަމަވާނެ: އެމްއެންޕީ

ދަނގެތީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އިސްވެ ހުންނަވައިގެން އުފައްދަން މަސައްކަތް ކުރައްވަމުންދާ ގެންދަވާ މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ)އަށް 10،000 މެމްބަރުން މިއަހަރު ނިމުމުގެ ކުރިން ހަމަވާނެ ކަމަށް ނާޒިމް ވިދާޅުވެއްޖެ އެވެ.

އެމްއެންޕީ އުފައްދަން އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދިނީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އެވެ. އަދި ޕާޓީ އުފައްދަން ބޭނުންވާ 3000 މީހުންގެ ސޮއި ހޯދަން އެ ޕާޓީން މިހާރު އަތޮޅުތަކުގައި ވަނީ ހާއްސަ މަސައްކަތްތަކެއް ފަށާފަ އެވެ.

އެ ޕާޓީގައި ރަޖިސްޓްރީވާން ތ. އަތޮޅުން އެކަނިވެސް 500 ފޯމް ވަނީ ލިބިފަ އެވެ.

އެމްއެންޕީގެ އެއް ފައުންޑާ ނާޒިމް އަވަސް އަށް މިއަދު ވިދާޅުވީ ޕާޓީ އުފެއްދުމުގެ ގޮތުން ސޮއި ހޯދަން ކުރިން މަސައްކަތަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ. އެގޮތުން މިހާރުވެސް 4000 އަށް ވުރެ ގިނަ ފޯމް ލިބިފައިވާ ކަމަށެވެ.

"އެ ހުރިހާ ފޯމެއް އަންނަ މަހު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނަން. ދެން އަޅުގަނޑުމެންގެ ޓާގެޓެއް 10،000 މެމްބަރުން ޕާޓީއަށް ހަމަކުރުން. އިރާދަކުރެއްވިއްޔާ މި އަހަރު ނިމުމުގެ ކުރިން 10،000 މެމްބަރުން ހަމަވާނެ" ނާޒިމް ވިދާޅުވި އެވެ.

ތ. ހިރިލަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ޖަލާލު އާއި އެ ކައުންސިލްގެ މެންބަރު އަލީ އައްސަދު ވެސް އިއްޔެ ވަނީ އެމްއެންޕީއާ ގުޅިވަޑައިގެންފަ އެވެ. ހަމަ އެހެންމެ ސިޔާސީ ދާއިރާއިން ފާހަގަކޮށްލެވޭ ބައެއް އެހެން ބޭފުޅުންނާއި ތައުލީމީ އަދި ގާނޫނީ ދާއިރާގެ ބައެއް ބޭފުޅުންވެސް ގެންދަވަނީ އެމްއެންޕީއާ ގުޅިވަޑައިގަންނަވަމުންނެވެ.

އެމްއެންޕީ އުފެއްދުމުގެ މަސައްކަތް ކުރަމުން ގެންދާއިރު ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް އާއި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) އާއި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ) އަކީވެސް އެ ޕާޓީގެ މެންބަރުންނެވެ. އެމްއެމްޕީން ބުނެފައިވަނީ މަޖިލީހުގެ އިތުރު ދެ މެންބަރަކުވެސް އެ ޕާޓީއާ އަދި ގުޅިވަޑައިގަންނަވާނެ ކަމަށެވެ.