ދުނިޔެ

ޔުކްރޭންގެ ޒަމާން ހިނގައްޖެ: ޓްރަމްޕް

ރަޝިއާއާ އެކު މަޝްވަރާކުރަން ލިބިވަޑައިގަތް ފުރުސަތު ޔުކްރޭންގެ ރައީސް ޒެލެންސްކީ ދޫކޮށްލެއްވުމުގެ ސަބަބުން ދައްކަންޖެހިފައި އޮތް އަގު އިންތިހާއަށް ބޮޑުވެއްޖެ ކަމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވީ ގާތް އަވަށްޓެރިއެއްގެ ހައިސިއްޔަތުން ރަޝިއާ ދިން ނަސޭހަތް ގަބޫލުނުކުރުމަކީ ޔުކްރޭނަށް ހެދުނު އެންމެ ބޮޑު ގޯސް ކަަމަށެވެ.

"ޔުކްރޭން މިހާރު އެ އޮތީ ކަފުންކޮށްފައި،" ޓްރަމްޕް ވިދާޅުވި އެވެ. "ހަނގުރާމައިގެ މައިދާނަށް ފޮނުވާނެ ގާބިލު ޒުވާނެއް އަދި މުސްކުޅިއަކުވެސް ނެތް -- ދެން ތިބީ ބުއްބޯކުދިން" ޓްރަމްޕް ވިދާޅުވި އެވެ.

ޒެލެންސްކީ މިހާރު އުޅުއްވަނީ އެމެރިކާގަ އެވެ. އެއީ އދގެ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށެވެ.

ޒެލެންސްކީ އެމެރިކާއަށް ވަޑައިގަތުމުގައި ދެން އޮތް ބޭނުމަކީ ޔުކްރޭން ހަނގުރާމަ ކާމިޔާބު ކުރެއްވުމަށް އޭނާ ގެންގުޅުއްވާ ރޭވުންތައް، އެމެރިކާގެ ރައީސް ޖޯ ބައިޑަން ސަރުކާރުގެ ވެރިންނަށް ހުށަހަޅައިދެއްވުމެވެ.

އެމެރިކާ ސަރުކާރުގެ ވެރިންގެ އިތުރުން ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް ވެސް ޒެލެންސްކީގެ ރޭވުންތައް ހުޅަހަޅުއްވާނެ ކަމަށް ހަބަރުތައް ބުނެ އެވެ.

ނަމަވެސް ގާނޫނު ހަދާ މަޖިލީހުގައި ތިއްބެވި ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ މެމްބަރުންގެ ފަރާތުން ޒެލެންސްކީއަށް ތަފާތު މަންޒަރެއް ފެނިވަޑައިގަތުމަކީ ވަރަށް ގާތް ކަމެކެވެ.

ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ އެެމެރިކާގެ ރައީސްކަން އެއްދައުރު ފުރިހަމަކުރައްވާފައި އަދި މިއަހަރު ދެވަނަ ދައުރަށް ވާދަކުރައްވާ ޑޮނަލްޑް ޓްރަމްޕް އެވެ.

ޒެލެންސްކީ މިދާކަށް ދުވަހު އެމެރިކާގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގެ މައްސަލަ ޑޮނަލްޑް ޓްރަމްޕަށް ވަނީ ހުށަހަޅާފަ އެވެ.

މި އިންޓަވިއުގައި ޓްރަމްޕަށް ފާޑުވިދާޅުވެ ޒެލެންސްކީ ވިދާޅުވީ ޔުކްރޭން ހަނގުރާމަ ހުއްޓުވުމަކީ ޑޮނަލްޑް ޓްރަމްޕަށް ކުރެއްވޭނެ ކަމެއް ނޫން ކަމަށެވެ.

ހަނގުރާމައެއް ހުއްޓުވުމުގެ ތަޖުރިބާ އަދި ގޮތްފޮތް ޓްރަމްޕަށް އެނގިވަޑައި ނުގަންނަވާ ކަމަށްވެސް ޒެލެންސްކީ ވިދާޅުވި އެވެ.

ރަޝިއާ ސިފައިން ޔުކްރޭން އިން ބޭލުމަށް މަޝްވަރާކުރުމަށް 2022 ގައި ތުރުކީގެ އިސްތަންބޫލްގައި އޮތް މަޝްވަރާ ބައްދަލުވުންތަކުގައި ޔުކްރޭނަށް ރަނެއް ކަހަލަ ފުރުަސަތުތަކެއް ލިބުނު ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އެކަމަކު އެ އެއްބަސްވުމުގައި ސޮއިކުރައްވަން ޒެލެންސްކީއަށް ކެރިވަޑައި ނުގަތް ކަަމަށް ޓްރަމްޕް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޒެލެންސްކީގެ ރައްޓެހިން -- އެމެރިކާ އާއި ޔޫރަޕުން އޭނާއަށް ބުއްދިލައިދިނީ ރަޝިއާއާ ސުލްހަވުމަކީ ނުރައްކަލެއް ކަަމަށް ބުނެ ކަމަށެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި މުޅި ޔުކްރޭން ސުންނާފަތި ވެގެން އެ ދަނީ ޒެލެންސްކީއަަށް ލިބިވަޑައިގެންނެވި ނުބައި އެކުވެރިންތަކެއްގެ ސަބަބުން ކަމަށެވެ.