އިޒްރޭލް

އިޒުރޭލުގެ ޖާސޫސީ އިދާރާގެ މައި މަރުކަޒަށް މިސައިލް ހަމަލާތަކެއް ދީފި

ލުބްނާންގެ ހިޒްބުﷲ ޖަމާއަތުން އިޒުރޭލުގެ ވެރިރަށް ތެލް އަވީވުގެ މެދުތެރޭ ސަރަޙައްދުގައި ހުރި އިންޓެލިޖެންސް އޭޖެންސީ (މޮސާދު)ގެ މައި މަރުކަޒަށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފި އެވެ.

މި ހަމަލާ ދީފައިވަނީ އިޒުރޭލުން ލުބްނާނުގެ އާންމު ރައްޔިތުންނަށް ދެމުންދާ ހަމަލާތަކަށް ބަދަލުހިފުމުގެ ގޮތުން ކަމަށް ހިޒްބުﷲ އިން ބުނެފައިވެ އެވެ.

ސެޕްޓެންބަރު 23 އިން ފެށިގެން އިޒުރޭލުން ލުބްނާނަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 600 އެއްހާ މީހުން މަރުވެފައިވާ ކަމަށާއި، މީގެތެރޭގައި 50 ވަރަކަށް ކުޑަކުދިން ހިމެނޭ ކަމަށް ބުނެފައިވެ އެވެ. އަދި 1,835 މީހުން ޒަހަމްވެފައިވާ ކަމަށްވެސްވެ އެވެ.

މީގެ ކުރިން އިޒުރޭލުން ލުބްނާނުގެ މުވާސަލާތީ ވަސީލަތްތަކަށް ދިން ހަމަލާއެއްގައި 39 މީހުން މަރުވެ، 3,000 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވެ އެވެ.

ހިޒްބުﷲގެ މިސައިލް ހަމަލާއާ ގުޅިގެން ތެލް އަވީވުގައި އިންޒާރުގެ ސައިރަން އިއްވައި، ރައްޔިތުންނަށް ހިމާޔަތްތެރި ސަރަޙައްދުތަކަށް ވަނުމަށް އަންގާފައިވެ އެވެ. ނަމަވެސް މި ހަމަލާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމަކަށް ރިޕޯޓުކޮށްފައެއް ނުވެ އެވެ.

ހިޒްބުﷲގެ ހަމަލާތަކަށް ފިލަން އިޒްރޭލުގެ އެއް މިލިއަނަށް ވުރެ ގިނަ މީހުން ރައްކާތެރިކަން ހޯދުމަށް ބަންކަރުތަކަށް ވަދެފައިވާ ކަމަށް އެގައުމުގެ މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވާއިރު އިޒްރޭލުގައި ދިރިއުޅޭ ބައެއް ވަޒަންވެރިން އެނބުރި ހުޅަނގުގެ ގައުމުތަކަށް ހިޖުރަކުރަން ފަށާފައިވާ ކަަމަށްވެސްވެ އެވެ.

ހިޒުބުﷲ އިން އެންމެ ފަހުން މޮސާދުގެ މަރުކަޒަށް މިދިން ހަމަލާއަކީ މިދިޔަ އޮކްޓޯބަރު ހަތްވަނަ ދުވަހުން ފެށިގެން ހިޒްބުﷲ އިން އިޒުރޭލަށް ދިން 1,901 ވަނަ ހަމަލާ އެވެ. މި މުއްދަތުގައި ހިޒްބުﷲގެ ހަމަލާތަކުގައި 45 އިޒުރޭލު މީހުން މަރުވެފައިވާ ކަމަށް ބުނެވެ އެވެ. ހިޒްބުﷲގެ ހަމަލާތަކުގެ ރައްދުގައި އިޒުރޭލުން 8,313 ފަހަރު ލުބްނާނަށް ހަމަލާދީ، 752 މީހުން މަރާލާފައިވާ ކަމަށްވެ އެވެ.

މި ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގައި ބޮޑު ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު އިތުރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް ވިދާޅުވީ ލުބްނާނަކީ "ދެވަނަ ޣައްޒާއަށް" ހެދުމަށް ބޭނުން ނުވާ ކަމަށެވެ.

ލުބްނާންގެ ހާރިޖީ ވަޒީރު އަބްދުﷲ ބޫ ހަބީބު ވިދާޅުވީ އިޒުރޭލުގެ ހަމަލާތަކުގެ ސަބަބުން އެއް މިލިއަނަށްވުރެ ގިނަ މީހުން ގެދޮރު ގެއްލިފައިވާ ކަމަށެވެ. އަދި މި މައްސަލަ ހައްލުކުރުމަށް ލުބްނާނުގެ ބޮޑުވަޒީރު އެމެރިކާގެ ރައީސްއާ ބައްދަލުކުރައްވަން ހަމަޖެހިފައިވާ ކަމަށްވެސް ވިދާޅުވެފައިވެ އެވެ.