(23 ސެޕްޓެމްބަރ 2024 އާ ގުޅޭ)
"އެތެރެއަށް ވަންނާނަންތަ؟." މިޔާ އަހާލި އެވެ.
"މިޔާގެ މައްސަލައެއް ނެތިއްޔާ." ރާހިން ބުންޏެވެ.
"އަހަރެންނަށް ތީ ކާކުކަމެއް ނޭނގޭ. އިތުބާރެއް ވެސް ނެތް... އެހެންވިޔަސް މިރޭ އަހަރެން އެކަނި އިންނާކަށް ބޭނުމެއްނޫން." ރާހިންނާ ނަޒަރު ސީދާކޮށްލައިގެން ހުރެ މިޔާ ބުންޏެވެ. އެ ދެ ލޮލުގައި ވިދަމުންދިޔަ ކަރުނަތައް ރާހިންނަށް ސިއްރެއް ނުވެ އެވެ.
މިޔާއާއެކު ރާހިން އެ ހޮޓެލަށް ވަނެވެ. ބޭރުން ފެންނައިރު ކުޑަހެން ހީވިޔަސް ގޭޓުން އެތެރެއަށް ވަދެގެން އަންނަން ފެށުމުން ތަނުގެ ހައިބަތު ފެންނަން ފެށި އެވެ. ލިފްޓަށް މިޔާގެ ފަހަތުން ރާހިން އެރި އެވެ.
"ރޫމަކަށްނޫންތަ؟." ލިފްޓުގެ ފިތްބަރިން "ރޫޕްޓޮޕް"އަށް އަރަން ހުރި ފިތަށް މިޔާ ފިތާލީތީ ރާހިންއަށް އަހާލެވުނެވެ.
"ރޫމަށް ދާންތަ ބޭނުމީ." ރާހިންނަށް ބަލާލަމުން މިޔާ އަހާލި އެވެ. އެ ބެލުމުން ރާހިންގެ ނިޔަތާ މެދު މިޔާ ސުވާލުކުރާކަން ދޭހަވެ އެވެ. ފަހަރެއްގައި ވެސް ރާހިން އެފަދައިން އަހާލީ ގޯސް ނިޔަތެއްގައެއް ނޫނެވެ.
"އެހެނެއްނޫން." އަވަސްއަވަހަށް ރާހިން ބުނެލި އެވެ.
ހާމަފެންޑާގެ އެއްބައި އޮތީ ޚިޔާކޮށްފަ އެވެ. ކުޑަ ބާއެއް އެތަނުގައި ހުއްޓެވެ. އޭރު ވެސް އެ ބާގެ އުސް ގޮނޑިތަކުގައި ބަޔަކު ތިއްބެވެ. ތަނުގައި ބޮކިތައް ދިއްލާފައި ހުއްޓެއްކަމަކު އެއިން ތަނަށް ވެރިކުރުވާފައިވަނީ ފަނޑުކަމެވެ. ހާމަކޮށް އޮތް ހިސާބުގައި ޖަހާފައި ހުރި ގޮނޑިތައް ފެންނަނީ ހުސްކޮށެވެ. އިސްޕެންޖު ޖެހި ގޮނޑިތަކުގެ މެދުގައި ހުރީ ކޮފީމޭޒެކެވެ. އެތަނަކީ ރެސްޓޯރެންޓެއްގެ ގޮތުގައި ބޭނުންކުރާ ތަނެއްނޫންކަން އަންގައިދެނީ ތަން ފަރުމާކުރެވިފައި ހުރި ގޮތުންނެވެ. ރާހިންނާއި މިޔާ ފެނުމުން ބާގައި ތިބި ހަތަރު ފިރިހެނުންނާއި ޚިދުމަތް ދޭން ހުރި ވެއިޓަރު މީހާ އޭގެ ދެ މީހުންނަށް ބަލާލި އެވެ. އާންމުކޮށް ފެންނަ މޫނަކަށް މީޔާވާކަން ރާހިންނަށް ދެނެގަންނަން އެނގުނީ ވެއިޓަރު މީހާ ހިނިތުންވުމެއް މިޔާއާ ބަދަލުކޮށްލީމަ އެވެ. ނަމަވެސް މިޔާގެ ފަރުވާލެއްނެތެވެ. އޭނާ އައިސް ހާމަފެންޑާގެ ކަނެއްގައި ހުރި ހަ މީހުންނަށް އިށީނދެވޭނެހާ ޖާގަހުރި ގޮނޑިތަކުން ގޮނޑިއެއްގައި އިށީނެވެ. ރާހިން އިށީނީ މިޔާ ފެންނާނޭހެން ކުރިމަތީގައި ހުރި ގޮނޑީގަ އެވެ.
"ހެލޯ މެޑަމް. ދެންމެ ހަމަ ކިޗަން ކްލޯޒްކުރީ. ކޮފީއެއް ގެނެސްދޭންތަ؟." މިޔާމެން އިށީންތާ އިރުކޮޅެއްގެ ތެރޭ ވެއިޓަރު އައިސް ވާހަކަދެއްކި އެވެ.
"ބޭނުންތަ ކޮފީއެއް؟." މިޔާ ބަލާލީ ރާހިންއަށެވެ.
"ކަޅުކޮފީއެއް." ވެއިޓަރަށް ބަލާލައި ރާހިން ބުނެލި އެވެ. އޭނާ އިޚްތިރާމާއެކު ބޯޖަހާލާފައި މިޔާއަށް ބަލާލި އެވެ.
"އަހަރެން ބޭނުމެއްނޫން." މިޔާ ބުންޏެވެ.
ހިމޭންކަމުގައި ވަގުތު ދިގުލައި ދާންފެށި އެވެ. ވެއިޓަރު ކޮފީ ގެނެސްދިނުމުން ރާހިން އެ ބޮއެ ވެސް ނިމިއްޖެ އެވެ. ވެއިޓަރު މީހާ ތަށި ހިފައިގެން ގޮސް އެތަނުގައި ކުރީން ތިބި މީހުން ވެސް ހިނގައްޖެ އެވެ. މިހާރު ހަމައެކަނި ތިބީ މިޔާއާއި ރާހިންނެވެ. އެ ހުރިހާ ވަގުތެއް ފާއިތުވީ އިރު ވެސް މިޔާގެ ދުލުން ބަހެއް ބުނާއަޑެއް ނީވުނެވެ. އޭނާ އިށީނދެ އިންއިރު މީހާއަށްވުރެ ގޮނޑި ބޮޑެވެ. ދެފައި ގޮނޑިއަށް އަރުވާލައިގެން ދެ ކަކޫ ގަޔާ ކައިރިކޮށްލައިގެން މިޔާ އިނީ ދުރު ބަލަހައްޓައިގެންނެވެ. އެހެން އިނދެ ދޭތެރެއަކުން މިޔާ ދެ ލޮލާއި ކޯތާފަތް ފުހެލަ އެވެ. އޭނާއަށް ރޮވެނީ އެވެ. ރާހިންނަށް ފާހަގަވީ އެތަނުގައި ތިބޭއިރު މިޔާ މިރޭ ފުންމާލަން އުޅުނު ދިމާ ސާފުކޮށް ފެންނަން އޮންނަކަމެވެ. އެދިމާގައި ވަނީ ވެސް އަނދިރިކަމާއި ފަޅުކަމެވެ. ދުރުން ފެންނަ މޫދަށް ހުއްޓާލެވުނު ނަޒަރު އަލުން އަނބުރާ މިޔާއަށް ރާހިން ހުއްޓާލި އެވެ. އެ އަންހެންކުއްޖާއާ މެދު އޭނާގެ ހިތުގައި ހަމްދަރުދީ އުފެދިއްޖެ އެވެ. އޭނާ ކުރާ ހިތާމަ ކުޑަކޮށްދޭން ރާހިންގެ ނަފްސުގައިވާ އިންސާނިއްޔަތުކަން އެދެމުންދިޔަ އެވެ.
"އަހަރެންނާ އެއްވެސް ވާހަކައެއް ނުދައްކާނަންތަ؟... ކުރިމަތިވެގެން ތިއުޅޭ މަޖުބޫރަކީ ކޮބާކަން އެނގެން އަހަރެން ޝައުގުވެރިވޭ. ފަހަރެއްގައި އަހަރެންނަށް އެހީއެއް ފޯރުކޮށްދެވޭ ކަހަލަ ކަމަކަށް ވެސް ވެދާނެއެއްނު... އެހީވާން ބޭނުން." ރާހިންގެ ޝައުގުވެރިކަން ގުޅިފައިވާ ގަސްދު ހާމަކުރި އެވެ.
"ހުރިހާ އެއްޗެއް ގެއްލިއްޖެ... އާދޭސްކޮށްކޮށް ވަރުބަލިވެއްޖެ. ދިރިހުންނާނެހާ ވަރެއްނެތް... މިރޭ އެކަނިވާން ބޭނުންނުވީ އެހެންވެ. އަމިއްލަ ނަފްސުގެ މައްޗަށް އެއްވެސް ކޮންޓްރޯލެއް ނެތް ފަދަ. ހުރިހާ ދިމާލަމުން ދުނިޔެ އަހަރެން ފިއްތާލަން މަސައްކަތް ކުރާ ކަހަލަ. ތަދުވަނީ ކޮންތާކަށް ކަމެއްނޭނގޭ... އެކަމަކު މީ ކެތްކުރެވޭވަރުގެ ތަދެއްނޫން... އަހަރެން ހިފެހެއްޓީ ކީއްވެ؟. އަހަރެން އެތަނުން ފުންމާލަން ދޫކޮށްލިނަމަ." ވާހަކަދައްކަމުންދިޔަ ވަރަކަށް މިޔާގެ ރުއިން ގަދަވެ ގިސްލެވެން ފެށި އެވެ.
މިޔާގެ ވާހަކަތަކުން ރާހިންނަށް މާބޮޑު އެއްޗެއް ނޭނގުނެވެ. އެހެންވިޔަސް އެ އަންހެންކުއްޖާ އެވަނީ ނަފްސާނީ ގޮތުން ވަރަށް ބޮޑަށް ބަލިކަށިވެފައިކަން ރާހިންގެ ހިތް ބުންޏެވެ. މިޔާގެ ވާހަކަތައް ހުރީ އެފަދަ ގޮތަކަށްވީމަ އެވެ. ހަޤީޤީ މައްސަލައެއް މިޔާ ނުބުނެ އެވެ. އިތުރަށް އޮޅުންފިލުވަން ރާހިން ސުވާލުކުރަން ފެށީ އެހެންވެ އެވެ. އެކަމަކު މާބޮޑު އެއްޗެއް އޮޅުންފިލާ ގޮތެއް ނުވި އެވެ. އެރޭ ނިމުމަކަށް އައިއިރު މާގިނަ ވާހަކައެއް މިޔާއާ ދެއްކޭ ގޮތެއް ނުވި އެވެ.
އަރައިގެން އައި އިރުގެ ދޯދިތައް ނިދިޖެހިފައި އިން މިޔާގެ މޫނުން ފެށިގެން އެއްފަޅިއަށް އެޅިފައިވި އެވެ. އެ ދޮން މޫނަށް ރަންކުލަ ވެރިވެފައިވާ ކަހަލަ އެވެ. ގޮނޑީގެ އަތްގަނޑުގައި އުޅަންބޮށި ވިއްދާލައިގެން އަތަށް ދަތްދޮޅި ދީގެން އިން ރާހިންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވި އެވެ. ރޮއެރޮއެފައި އިރުކޮޅަކަށް ވިޔަސް މިޔާގެ ދެ ލޯ މެރިލީތީ ޚުދު ރާހިންނަށް ވެސް ހިތްހަމަޖެހުމެއް ލިބުނެވެ.
ކުއްލިއަކަށް ލޯ ހުޅުވާލުމާއެކު މިޔާ ފުންމައިގެން ތެދުވި އެވެ. އޭނާ ސިހުނީ އެވެ. ނަފްސު ހަމައަކަށް އަޅުވާލުމާއެކު މިޔާ އަލުން އިށީނެވެ.
"ނުދަންތަ؟." މިޔާ އަހާލި އެވެ.
"ދާކަށް ނުބުނަމެންނު. އެކީގައި އަންނާށޭއެއްނު ބުނީ." ރާހިން ސަމާސާކަން އެކުލެވޭހެން ބުނެލި އެވެ. މިޔާ ހިމޭންވެލީ އެވެ.
"ސައިބޯން ދާނަންތަ؟." މިޔާ އެއްޗެކޭ ބުނޭތޯ މަޑުކޮށްލާފައި ރާހިން އަހާލި އެވެ.
"އަހަރެން މިހާރު އޯކޭ." މިޔާ ބުނެލި އެވެ.
"ތިބުނީ ނުދާނަމޭތަ؟. އެކުގައި ސައިބޯލަން ދިޔައިމަ އަހަރެންގެ އެކަނިވެރިކަން ވެސް އަދި މިޔާ ވެސް އެކަނި ސައިބޯކަށް ނުޖެހޭނެ. އަހަރެންނަށް އޯކޭ މިޔާ ވާހަކަތަކެއް ނުދެއްކިޔަސް. އަހަރެން ސައިބޮންދެން އަހަރެންނާއެކީ އިންނަނިކޮށް އޯކޭ." ރާހިން ނިކަން އާދައިގެ ގޮތަކަށް ރާހިން ބުންޏެވެ.
"ކީއްވެ؟." މިޔާ ސުވާލުކޮށްލި އެވެ.
"މިޔާގެ ރަޙުމަތްތެރިއަކަށް އަހަރެންނަށް ވެވިދާނެތަ؟... އިތުރު އެއްވެސް ކަމަކަށް ނޭދޭނަން. ބަދަލުގައި ކަމެއްކޮށްދޭށޭ ވެސް ނުބުނާނަން... ހަމައެކަނި އެކުވެރިކަން." ފަރުވާތެރިކަމާއެކު މިޔާއަށް ބަލަން އިނދެފައި ރާހިން ބުނެލީ ނިކަން ސީރިއަސްކަމާއެކީ އެވެ.
"އަހަރެން އަތަކު ރާހިންނަށް ދޭނޭ އެއްވެސް އެއްޗެއްނެތް." މިޔާ ނިކަން އަވަހަށް ބުނެލި އެވެ.
"އެކުވެރިކަމަކީ އަނެކާއަށް އެއްޗެހިތަކެއް ދޭން ލިބުމެއްނޫން. މިހެން ވާހަކަދައްކާލާނޭ މީހަކު ހުރުމަކީ ވެސް ލިބޭނެ ހިތްހަމަޖެހުމެއް." ރާހިން ބުންޏެވެ.
"އެކަމަކު ރާހިންގެ އަހަރެންނަށްވުރެ މާ ރަނގަޅު ރައްޓެހިން ތިބޭނެ." މިޔާ ހައިރާންވެފައި ބުންޏެވެ.
"އަހަރެން ހިތަށް އަރާ އެއްޗެއް ހާމަކޮށްލެވޭހާ ގާތް ރަޙުމަތްތެރިއަކުނެތް. މިހާރު އައިސް މިއުޅެނީ ވެސް އެއްކޮށް ކިޔަވަން އުޅުނު އިރުގެ ރަޙުމަތްތެރިއެއްގެ ކައިވެނި ދަޢުވަތަކަށް. ކިޔެވުން ނިމުމުން ކުރީގައި އޮތް އެކުވެރިކަން ވަރަށް ބޮޑަށް ބަދަލުވެއްޖެ. މިހާރު ހަމައެކަނި މިކަހަލަ ޚާއްޞަ ކަންކަމުގައި އެކަކުއަނެކަކަށް ގުޅާލަން ހަނދާން ހުންނަނީ... އެކަހަލަ ރަޙުމަތްތެރިކަމެއްނޫން އަހަރެން ބޭނުންވެގެން މިއުޅެނީ. ޒަމާންތަކަށް ދެމިގެންދާނޭ އިތުބާރު ހިފޭ ގާތް އެކުވެރިކަމެއް. އަހަރެން މިޔާއަށް ޔަޤީންކަން ދޭނަން އަހަރެންނަށް އިތުބާރު ކުރެވިދާނެކަން. އެހެންވީމަ... އަހަރެމެންގެ މި އެކުވެރިކަމުގެ ފުރަތަމަ ހަރުފަތް ކަމުގައި ހެނދުނު ނާސްތާ އެކުގައި ކޮށްލުން ކިހިނެއްވާނެ." ރާހިން ވާހަކަދެއްކި އެވެ.
މިޔާ ވަރަށް ވިސްނާފައި އެއްބަސްވި އެވެ. ރާހިންގެ ބަސް ފުރަތަމަ ފަހަރަށް މިޔާ ޤަބޫލުކުރީ އެ ދުވަހެވެ. ހެނދުނުގެ ނާސްތާއަށް ދެ ޒުވާނުން ދިޔައީ ރާހިން ޚިޔާރުކުރި ރެސްޓޯރެންޓަކަށެވެ. އެތަނުގައި ތިބެ ދެ ޒުވާނުންގެ އަމިއްލަ ވާހަކަތައް ޚިއްޞާކުރި އެވެ. މިޔާގެ ބައްޕަ މަރުވުމާއެކު ދިރިއުޅުން ބަދަލުވެގެންދިޔަ ގޮތް އޭނާ ކިޔައިދިނެވެ. މީހަކާ އިން ވާހަކަ ބުނެފައި ދެން އިތުރަށް ކިޔައިދިނުން މިޔާއަށް ފަސޭހައެއް ނުވި އެވެ. އެ ދުވަހު ޚިއްޞާ ކުރެވުނީ އެވަރަށެވެ. ރާހިން އިތުރަށް ބާރެއް ވެސް ނޭޅި އެވެ.
ދެ ހަފްތާ ފާއިތުވެ ރާހިން ފުރަންވީ ދުވަސް ފަހަނައަޅައި ހިނގައްޖެ އެވެ. މިޔާއާއެކު ލަންކާގައި ދޮޅުމަހަށްވުރެ ގިނަ ދުވަހު ރާހިން މަޑުކުރި އެވެ. އެ ދުވަސްތަކުގެ ތެރޭގައި ރާހިންނަށް މިޔާގެ ބަލިކަށި ހުރިހާ ސިފައެއް ފެނުނެވެ. އެ އަންހެންކުއްޖާ ހިތްދަތިވެގެން ރޮއެރޮއެ ހަލާކުވަމުންދިޔަ މަންޒަރު ދުށްޓެވެ. ވާގޮތެއް ބަޔާންކުރާން ނޭނގި ހިތްދަތިކަމަށް ކެތް ނުކުރެވިގެން ރާހިންގެ މަދަދަށް މިޔާ އެދި އާދޭސްކުރި ރޭތައް އޭނާގެ ހަނދާނުން ފިލައިގެން ދުވަހަކުވެސް ނުދާނެ އެވެ.
"ހިނގާ އަހަރެންނާއެކީ. ޑުބާއީގައި އަހަރެން ފެމެލީ އުޅެނީ. އެތަނުގައި އަހަރެންނާއެކީ މިޔާއަށް ހުރެވޭނެ. އަހަރެންނަކީ ޑަކްޓަރެއްނޫން. މިޔާއަށް ކައުންސިލިންގެ އެހީއާއެކު ތި ހުރިހާ ކަމަކުން ސަލާމަތްވެވިދާނެ. މިހާ ދުވަހު އަހަރެން މިޔާގެ ގާތުގައި ހުރިހެން އެކަމުގައި ފުރިހަމަ އެއްބާރުލުން ދޭނަން. އަހަރެން އެހީވާނަން." އިތުރަށް މަސައްކަތާ ދުރުގައި ލަންކާގައި މަޑުކުރެވެން ނެތުމުން ރާހިންގެ ޚިޔާލު މިޔާއަށް ހުށަހެޅި އެވެ.
ރާހިންނާއެކީ މިޔާ ފުރައިގެން ދިޔައީ އެހިސާބުންނެވެ. ހުރިހާ ހިތްދަތިކަމުން އަރައިގަންނަން މިޔާ މަސައްކަތް ފެށީ އެވެ. އޭނާގެ އެންމެ ގާތުގައި ހުރީ ރާހިންނެވެ. ބަލިކަށިވާ ވަގުތު ހިތްވަރުދެމުން ކޮންމެ ފަހަރަކު މިޔާ ކޮޅަށް ނަގައިދިން މީހަކީ ރާހިންނެވެ. އިޒީކިއަލްގެ މައްޗަށް ރާހިންގެ ހިތުގައި ނަފުރަތު އުފެދެން ޖެހުނީ އެސަބަބާ ހުރެ އެވެ. މިޔާއާ މެދު އިޒީކިއަލް ކަންތައް ކުރި ގޮތް އެނގުނީމަ އެވެ.
އެކުގައި ފަސް އަހަރު ހޭދަވަންވީރު މިޔާގެ މައްޗަށް ރާހިންގެ ހިތް ދޫވެއްޖެ އެވެ. އޭނާގެ މިލްކަކަށް މިޔާ ހެދުމުގެ ޚިޔާލުތައް ހިތާއި ސިކުނޑީގައި އެނބުރެން ފަށައިފި އެވެ. ދުރުދުރުން މިޔާއަށް ކުދިކުދި އިޝާރާތްތައް ރާހިން ދޭންފެށި އެވެ. ނަމަވެސް މިޔާ ހީވަނީ އޭނާގެ ހިތާއި ދެމެދުގައި ރޮނގެއް ދަމާފައި ވާހެންނެވެ. އެ ރޮނގު ރާހިންނަށް ވެސް ހުރަސްކުރާން ފުރުޞަތެއް އޭނާ ނުދެ އެވެ. މިޔާގެ ލަނޑުދަނޑިއަކަށްވީ މުޅިން އާ މީހެއްގެ ގޮތުގައި ދުނިޔެއަށް ނުކުންނާށެވެ. އޭނާއަށް އެ ފުރުޞަތު ރާހިން ހޯދާދިނެވެ. މިޔާ އެނބުރި ރާއްޖެ އަންނަން ރާހިން ޤަބޫލެއްނޫނެވެ. އެހެންނަމަވެސް މިޔާގެ ނިންމުމަށް އޭނާ އިޚްތިރާމް ކުރީ އެވެ. މިޔާއިން މާޔާއަށް ބަދަލުވެ ރާއްޖެ އައިސް ކުންފުނީގެ އިސް މަޤާމަކާ މިޔާ ހަވާލުވީއިރު އެ ހުރިހާ ކަމަކީ ރާހިންގެ ދީލަތިކަމާއި އެހީތެރިކަމެވެ.
މާޒީގެ ސަފްހާތައް ލައްޕާލަމުން ބެލްކަނީގައި ހުރި ރާހިން ފުންނޭވާއެއް ދޫކޮށްލި އެވެ. އަދި މޫނުގައި ދެ އަތްތިލަ ހާކާލާފައި އިސްތަށިގަނޑުގައި އިނގިލިތަކުން އަތްފުނާ އަޅާލި އެވެ. އިރުގެ އަލިކަން ފަނޑު ރޮއްޖެހެން އުދަރެހުން ފާޅުވޭވޭ ހުއްޓެވެ. ރާހިން އެނބުރި ގޭތެރެއަށް ވަނީ އެވެ. އޭނާ އައިސް ސިޓިންރޫމުގައި ހުރ ހަތަރު މީހުންގެ ސީޓުގެ ބޮޑު ސޯފާގައި ހަށިގަނޑު ދަމާލި އެވެ. ސޯފާގައި ހުރި ކުދި ބާލީސްތައް ފައިން އެއްފަރާތްކޮށްލުމުގެ ކުރީން އެއް ބާލީސް ނަގައި ބޯދަށަށް ހަމަޖައްސާލި އެވެ.
"މަންމަ ރުއްސުން އެންމެ އުނދަގޫވާނީ. އޭގެ ކުރީން ޑޭޑް ކައިރީ ބުނަންވީ ކަންނޭނގެ. އަހަރެން އިންނަން ބޭނުންވާ ކުއްޖަކީ މާޔާ. ހާދަ ދުވަހެއްވެއްޖެއޭ އެ ލޯތްބަށް އިންތިޒާރު ކުރާތާ... އެއީ އަހަރެންގެ މާޔާ. ހަމައެކަނި އަހަރެންގެ. މާޔާއަކަށް ނޭނގޭނެ އަހަރެން ތި ކުއްޖާދެކެ ވާ ލޯތްބެއް. މޮޔަވާވަރުވޭ. އެންޑް ފައިނަލީ... އަހަރެންގެ މީހަކަށްވާން ތި އެއްބަސްވީ. ކައިވެންޏަކީ ކިހާ ޚާއްޞަ ގުޅުމެއްކަމާއި، ފިރިމީހާގެ ލޯތްބަކީ ކޮބާކަން އަހަރެން މާޔާއަށް އިޙްސާސް ކޮށްދޭނަން. ތި ދެ ލޮލުން ކަރުނަ އަތުވެއްޖެނަމަ އެ ކަރުނަވާނީ އުފާވެރިކަމުގެ ކަރުނައަށް. ދުވަހަކުވެސް ތި ލޯބިކުއްޖާގެ ހިތުގައި ނުޖައްސާނަން. ރާނިންހެން ގެންގުޅޭނަން." ޚިޔާލުގައި އޮތް ރާހިންގެ ހިތާއި ޟަމީރު ބުނަމުންދިޔަ އެވެ.
(ނުނިމޭ)