ކްރިމިނަލް ކޯޓް

ރިސޯޓެއްގައި ވަޅިއަކުން އިންޒާރު ދިން މީހަކު ޖަލަށް

ރިސޯޓެއްގައި ވަޅިއަކުން މީހަކަށް އިންޒާރު ދިން މީހަކު ޖަލަށް ލުމަށް ހުކުމްކޮށްފި އެވެ.

އެ މައްސަލައިގައި ޖަލަށް ލާން ހުކުމްކުރީ ސ. ހިތަދޫ، ޗޮކްލެޓްގޭ، މުހައްމަދު ސަނީ އެވެ.

ކްރިމިނަލް ކޯޓުގެ ހުކުމްގައިވާ ބުނެފައިވަނީ 2015 ވަނަ އަހަރު ކ. މާދުއް ފިނޮޅު ރިސޯޓްގައި މުހައްމަދު ސަނީ ވަޒީފާ އަދާކުރަމުން ދިޔައިރު އެ ރިސޯޓްގެ ކެންޓީނުގައި އިން އަބްދުﷲ އުމައިޝްއަށް ވަޅިން ބިރު ދެއްކި ކަމަށެވެ.

އެގޮތުން އުމައިޝް ކޮފީ ބޯން އިންދައި ސަނީ ގޮސް އުމައިޝްގެ ކޮފީ ތަށީގައި 12 އިންޗީގެ ވަޅިއަކުން ޖަހައި އެ ތަށީ ބުރުވާލައި، އުމައިޝްއާ ދިމާލަށް "ކަލޭ ފުއްޕައިގެން ނޫޅޭށޭ، ތިމަންނާއޭ ކިޔައިގެން ފާޑުފާޑުގެ ވާހަކަ ނުދައްކާށޭ" ކިޔައި އަޑުގަދަކޮށް ހެދި ކަމަށެވެ.

އެ މައްސަލާގައި ދައުލަތުން ސަނީގެ މައްޗަށް އުފުލީ ތޫނު އެއްޗެކާއެެކު ބިރު ދެއްކުމުގެ ދައުވާ އެވެ. ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މާނަކުރުމުގެ ގާނޫނުގެ ދަށުން މީހެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ގެއްލުމެއް ދީފާނެކަމުގެ ބިރު ދެއްކުން ނުވަތަ އިންޒާރު ދިނުމުގެ އަދަބެއްގެ ގޮތުން ހަ މަހާއި 18 މަސްދުވަހަށް ޖަލަށް ލެވިދާނެ އެވެ. އަދި ތޫނު އެއްޗެއް ބޭނުންކޮށްގެން ބިރު ދައްކައިފިނަމަ އެއް އަހަރު ދުވަހާއި ތިން އަހަރު ދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވިދާނެ އެވެ.

ތޫނު އެއްޗަކާއެކު ބިރު ދެއްކި ކަމަށް ސަނީ ވަނީ އިއުތިރާފްވެސް ވެފަ އެވެ. އެހެންވެ ސަނީ ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެތި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން ސަނީ އެއް އަހަރާއި ހަ މަސް ދުވަހަށް ޖަލަށް ލާން ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.