ލ. ފޮނަދޫ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ފާއިގު މަގާމުން ވަކިކުރުމަށް ފޮނަދޫ ކައުންސިލުން ނިންމައިފި އެވެ.
ނަމަވެސް ލާމަރުކަޒީ ގާނޫނު ބުނާ ގޮތުން ކައުންސިލެއްގައި ހުންނަވާ ސެކްރެޓަރީ ޖެނަރަލް އަކު މަގާމުން ވަކިކުރެވޭނީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އަށެވެ. އެހެންވެ ފޮނަދޫ ކައުންސިލުން މިހާރު ވަނީ އޭނާ މަގާމުން ވަކިކުރުމަށް ސީއެސްސީއަށް ހުށަހެޅުމަށް ނިންމާފަ އެވެ.
ފޮނަދޫ ކައުންސިލުން ފާއިގު މަގާމުން ވަކިކުރަން ނިންމީ ސެކްރެޓަރީ ޖެނަރަލްގެ ހައިސިއްޔަތުން އޭނާ އަދާކުރައްވަންޖެހޭ ޒިންމާއާއި މަސްއޫލިއްޔަތުތައް އަދާނުކުރައްވާތީ އާއި ބައިވެރިވެވަޑައިގަންނަވަން ޖެހޭ މުހިއްމު ބައްދަލުވުންތަކުގައި ބައިވެރިވެވަޑައި ނުގަންނަވާ ކަމަށް ތުހުމަތުކޮށްފަ އެވެ.
ނަމަވެސް ފާއިގު ވިދާޅުވި ގޮތުގައި އޭނާ މަގާމުން ވަކިކުރަން މަސައްކަތް ކުރަނީ ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެ ދާއިރާއަށް ވާދަކުރެއްވި ސަރުކާރުގެ ކެންޑިޑޭޓް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)އަށް އޭނާ ތާއީދު ނުކުރެއްވުމުން ސިޔާސީ ބޭނުމެއްގައެވެ.
ޒިންމާ އާއި މަސްއޫލިއްޔަތު އަދާނުކުރާ ކަމަށް ފޮނަދޫ ކައުންސިލުން ބުނާތީ ފާއިގު އެ ތުހުމަތު ދޮގުކުރައްވަ އެވެ.
"މިއީ ސީދާ ސިޔާސީ ބޭނުމެއްގައި ކޮށްގެން އުޅޭ ކަމެއް. އަޅުގަނޑު މިއީ އެމްޑީޕީގެ ރަޖިސްޓަރީގައި ނަން އޮތް މީހެއް. ކައުންސިލްގައި ތިއްބެވި ފަސް ބޭފުޅުންނަކީ ވެސް ޕީއެންސީގެ ބޭފުޅުންވީމާ ސިޔާސީ ގޮތުން ކުރާ ކަމެއް މިއީ. އަޅުގަނޑު ޗުއްޓީގައި ހުއްޓާ މިކަމެއް މިކުރީ،" ފާއިގު ވިދާޅުވި އެވެ.
ފޮނަދޫ ކައުންސިލަކީ ވެރިކަން ކުރާ ޕީއެންސީގެ މެޖޯރިޓީ އޮތް ކައުންސިލެކެވެ.