ލ. ފޮނަދޫ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ފާއިގު މަގާމުން ވަކިކޮށްފި އެވެ.
އެ ރަށުގެ ކައުންސިލުން ވަނީ މެއި މަހުގެ ތެރޭގައި އޭނާ މަގާމުން ވަކި ކުރުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އަށް ހުށަހެޅުމަށް ނިންމާފަ އެވެ.
ނަމަވެސް މައްސަލަ ބެލުމަށްފަހު އޭނާ މަގާމުން ވަކި ކުރީ ޖުލައި މަހުގެ 18 ވަނަ ދުވަހު އެވެ.
ފޮނަދޫ ކައުންސިލުން ފާއިގު މަގާމުން ވަކިކުރަން ނިންމީ ސެކްރެޓަރީ ޖެނަރަލްގެ ހައިސިއްޔަތުން އޭނާ އަދާކުރައްވަންޖެހޭ ޒިންމާއާއި މަސްއޫލިއްޔަތުތައް އަދާނުކުރައްވާތީ އާއި ބައިވެރިވެވަޑައިގަންނަވަން ޖެހޭ މުހިއްމު ބައްދަލުވުންތަކުގައި ބައިވެރިވެވަޑައި ނުގަންނަވާ ކަމަށް ތުހުމަތުކޮށްފަ އެވެ.
ނަމަވެސް ފާއިގު ވިދާޅުވި ގޮތުގައި އޭނާ މަގާމުން ވަކިކުރަން މަސައްކަތް ކުރަނީ ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެ ދާއިރާއަށް ވާދަކުރެއްވި ސަރުކާރުގެ ކެންޑިޑޭޓް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)އަށް އޭނާ ތާއީދު ނުކުރެއްވުމުން ސިޔާސީ ބޭނުމެއްގައެވެ.
ޒިންމާ އާއި މަސްއޫލިއްޔަތު އަދާނުކުރާ ކަމަށް ފޮނަދޫ ކައުންސިލުން ބުނާތީ ފާއިގު އެ ތުހުމަތު ދޮގުކުރައްވަ އެވެ.