ކްރިމިނަލް ކޯޓް

އަނބިމީހާއަށް އަނިޔާކުރުމުން ޖަލުގައި ހުރެގެން ރުޅިމައިތިރިކުރަން ތެރަޕީ ނަގަން ހުކުމްކޮށްފި

އަނބިމީހާއަށް އެކި ދުވަސްމަތިން އަނިޔާކޮށް ދަރިފުޅު ގައިގައި ޖެހި ފިރިހެނަކު ޖަލަށްލުމަށާއި ރުޅިމައިތިރިކުރުމާ ގުޅޭ ތެރަޕީ ނެގުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ކޯޓުން މި ހުކުމް ކުރީ ކ. ކާށިދޫ، މަލަސް އިބްރާހިމް ސިރާޖުގެ މައްޗަށެވެ.

ސިރާޖުގެ މައްޗަށް 2020 ވަނަ އަހަރު ދައުލަތުން އުފުލާފައިވަނީ ދެ ދައުވާ އެވެ.

ފުރަތަމަ ދައުވާކޮށްފައިވަނީ ދަރިފުޅު ލައިގެން ހުރި ޓީޝާޓުގައި ހިފާ ދަމާ ބުރަކަށްޓާ ދިމާލުން ވީދާލުމަށްފަހު ދަރިފުޅުގެ ބޮލުގެ ވާތްފަރާތުގައްޔާއި ކޯ މަތީގައި ދެ ފަހަރު ޖެހުމުންނެވެ. ދެވަނަ ދައުވާ ކުރީ އަނބިމީހާ ކޮށްޕާޅާޢީ ސިޑިމައްޗަށް ވައްޓާލައި އަނިޔާ ދީފައިވާތީއާއި އެކި ދުވަސް މަތިން ދަރިންގެ ކުރިމަތީގައި އަނބިމީހާއަށް އަނިޔާކުރުމުންނެވެ.

ދައުވާތަކަށް ސިރާޖު އިންކާރު ކުރުމުން އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައެޅީ ދައުލަތުން ހުށަހެޅި ހެކިތަކާ އެކު އެވެ.

ފުރަތަމަ ދައުވާ ސާބިތުވުމުން އޭނާގެ މައްޗަށް އިއްވީ އެއް މަސް ދުވަހުގެ ޖަލު ހުކުމަކާ އެކު ސަރުކާރުގެ ހުއްދަ އޮތް ކައުންސިލަރެއްގެ ކައިރިން ރުޅި މައިތިރިކުރުމަށް 40 ގަޑިއިރުގެ ތެރަޕީ ނެގުމަށެވެ. ދެވަނަ ދައުވާ ސާބިތުވުމުން ހުކުމް ކުރީ ދެ މަހާއި 21 ދުވަހަށް ޖަލަށްލުމަށެވެ. ނަމަވެސް މިމައްސަލައިގެ ތަހުގީގަށް ސިރާޖު 22 ދުވަހު ފުލުހުންގެ ބަންދުގައި ހުރުމުން ދެވަނަ ދައުވާގެ ކުށުގެ އަދަބެއްގެ ގޮތުގައި އޭނާ ޖަލުގައި ހުންނަން ޖެހޭނީ 1 މަހާ 29 ދުވަހު އެވެ.