މެންޗެސްޓާ ސިޓީ

ގްރީލިޝްއަށް ހަރަދުވީ 40 މިލިއަން

ގްރީލިޝް ގެނައުމަށް ހަރަދުވީ 40 މިލިއަން ޔޫރޯ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ގްރިލީޝްގެ އަގާ ގުޅޭ ގޮތުން ގާޑިއޯލާ ވާހަކަދައްކާފައި މިވަނީ ޕްރިމިއާ ލީގުގެ ރެކޯޑު އަގަކަށް ގްރީލިޝް މެންޗެސްޓާ ސިޓީއަށް ގެނައުމާއި އެކު ގިނަ ބަޔަކު ފާޑު ކިޔަން ފެށުމުންނެވެ.

ގްރީލިޝް ސިޓީއަށް ގެނެސްފައި ވަނީ 100 މިލިއަން ޕައުންޑަށް ކަމަށް ފާޑުކިޔާ މީހުން ބުނެފައިވެ އެވެ.

ގްރީލިޝްގެ މައްސަލާގައި ލިވަޕޫލްގެ ކޯޗު ކްލޮޕްގެ ފާޑުކިޔުންތައް އަމާޒުވުމުން ގާޑިއޯލާ ބުނީ 60 މިލިއަންގެ އަގަކަށް އެޓީމުން ކުޅުންތެރިން ވިއްކާފައިވާ ކަމަށާއި އެހެންކަމުން ހަގީގަތުގައި ސިޓީން ގްރީލިޝް ގަތީ 40 މިލިއަން ޔޫރޯ އަށް ކަމަށެވެ. އަދި ކްލަބަށް އެވަރުގެ އާމްދަނީއެއް ނުލިބުނު ނަމަ ބޮޑު އަގެއް ދީފައި ގްރީލިޝް ނުގެނެވޭނެ ކަމަށެވެ. އެހެންކަމުން އޭގައި އެއްވެސް މައްސަލައެއް އޮތް ކަމަށް އޭނާއަށް ނުފެންނަ ކަމަށްވެސް ގާޑިއޯލާ ބުންޏެވެ.

ފައިނޭންޝިއަލް ފެއާ ޕްލޭ ގަވައިދުގައި މިންގަނޑުތަކެއް ހުންނަކަން ގަބޫލު ކުރާކަން ފާހަގަކުރަމުން ގާޑިއޯލާ ބުނީ ސިޓީންވެސް ކަން ކުރަމުން އަންނަނީ އެހެން ކްލަބު ތަކުން ކަން ކުރަމުން އަންނަ ގޮތަށް ކަމަށެވެ. އަދި މީގެ ކުރިން ހުރިހާ ސީޒަނެއްގައި ވެސް ސިޓީން ވާނީ ފައިނޭންޝަލް ފެއާ ޕްލޭ ގަވައިދުގެ ދަށުން މަސައްކަތް ކޮށްފައި ކަމަށާއި އެއާ ހިލާފުވެފައިވާ ކަމަށް ބަޔަކު ބުނާނަމަ އެކަން ސާބިތު ކޮށްދިނުމަށް ވެސް ގާޑިއޯލާ ވަނީ އެދިފަ އެވެ.