ލިޔުން ހުތުރުވުމަކީ ވެސް ކުރަން އުޅޭ ބައެއް ކަންތައްތަކަށް އެޅޭ ހުރަހަކަށް ވެދާނެކަމަށް ގަބޫލު ކުރެވޭ ހެއްޔެވެ؟ އިންގްލެންޑްގެ ބެންކެއް ލޫޓުވަން އުޅުނު މީހަކަށް މިފަހަރު އެކަން ވާގޮތް ނުވީ އޭނާގެ ލިޔުން ހުތުރުކަމުންނެވެ. އެމީހާ ލިޔުނު ނޯޓު ބޭންކުގެ ސްޓާފުންނަށް ކިޔަން ނޭނގިގެން އެމީހާ ކުރަން އުޅުނު ކަންތައް ވާގޮތް ނުވީ އެވެ.
އެލަން ސްލޭޓަރީ، 67، އަށް ބޭންކް ލޫޓުވޭނެ ގޮތް ނުވިޔަސް އޭނާ އެކަން ކުރަން މަސައްކަތް ކޮށްފައިވާތީ މިހާރު އޭނާގެ މައްޗަށް ހަ އަހަރަށް ޖަލަށް ލުމުގެ ހުކުމެއް ވަނީ އައިސްފަ އެވެ. އަދި އެ ހުކުމް މިހާރު އޭނާ ގެންދަނީ ޖަލުގައި ހުރެ ތަންފީޒު ކުރަމުންނެވެ.
ދެ ހަފުތާ ތެރޭގައި ސްލޭޓަރީ ވަނީ ތިން ބެންކަކަށް ވަދެ އެ ބެންކްތަކުން ވައްކަން ކުރަން އުޅެފަ އެވެ. ކޮންމެ ބެންކަކަށް ވެސް ވަދެ އޭނާ ބޭންކުގެ ކޭޝިއަރުން އަތަށް ދެނީ އަތުން ލިޔެފައިވާ ނޯޓެކެވެ. އެ ނޯޓުގައި އޮންނަނީ ވަކި ވަރަކަށް ފައިސާ އޭނާއާ ހަވާލުކުރަން ބުނެފަ އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި މިދިޔަ މާޗް މަހުގެ 18 ވަނަ ދުވަހު ސްލޭޓަރީ އެންމެ ފުރަތަމަ ވަނީ ޓާމިނަސް ރޯޑުގައި ހުރި ބެންކަކަށެވެ. އެ ބެންކަށް ވަދެ އޭނާ އަތުން ލިޔެފައިވާ ނޯޓެއް ކޭޝިއަރަކާ ހަވާލު ކުރި އެވެ. ނަމަވެސް އެ ކޭޝިއަރަށް އެ ނޯޓުގައިވާ ލިޔެފައިވާ އެއްޗެއް ކިޔާކަށް ނޭނގުނެވެ. އެހެންވެ އޭނާއަށް ފައިސާ ލިބޭނެ ގޮތެއް ނުވެ ހުސްއަތާ އެތަނުން ނުކުމެގެން ދިޔައީ އެވެ.
ނަމަވެސް ފަހުން ބެންކުގެ މުވައްޒަފުންނަށް އެ ނޯޓުގައިވާ އެއްޗެއް ދޭހަވި އެވެ. އޭގައި އޮތީ އެމީހުންނަށް ބިރުދައްކާފަ އެވެ. އަދި ބުނަފައިވަނީ 10 އާއި 20ގެ ނޫޓުތައް އޭނާއާ ހަވާލު ކުރުމަށެވެ. ބެންކަށް ޚިދުމަތް ހޯދަން އައިސް ތިބި އެހެން ކަސްޓަމަރުންނާ މެދު ވިސްނާލުމަށް އޭނާ އިންޒާރު ކޮށްފައި ވެސް ވެއެވެ.
ވަގުތުން ބެންކުން ފުލުހުންނަށް ގުޅައި މި މައްސަލަ ރިޕޯޓު ކުރި އެވެ. ފުލުހުން އައިސް އެ ނޯޓު އަތުލައި އަދި ބެންކްގެ އެތެރޭގެ ސީސީޓީވީ ފުޓޭޖް ބެލި އެވެ.
ސްލޭޓަރީ ދެވަނަ ފަހަރަށް އެހެން ބެންކަކަށް ވަނީ މާޗް މަހުގެ 24 ވަނަ ދުވަހު އެވެ. އެ ދުވަހު އޭނާ ކޭޝިއަރަށް ބިރު ދައްކައިގެން 2400 ޑޮލަރު ފޭރުނެވެ. ނަމަވެސް ތިންވަނަ އަށް އޭނާ ދިޔަ ބޭންކުގައި އިން ކޭޝިއަރު އެމީހާ އަށް ޗެލެންޖްކޮށް އޭނާ އަށް ފައިސާ ނުދީ ހިފަހައްޓާލުމުން ސްލޭޓަރީ އެ ބޭންކުން ހުސް އަތާ ނުކުމެގެން ދިޔައީ އެވެ.
މި ތިން ހާދިސާ ހިނގުމުން ފުލުހުންނަށް އެމީހަކީ ސްލޭޓަރީ ކަން އެނގި އޭނާ އެންމެ ފަހުން އޭނާ ދިރިއުޅުނު ގެޔަށް ގޮސް ބެލިއިރު އެ ގެއިން ބެންކަށް ސްލޭޓަރީ ލިޔުނު ކަހަލަ ނޯޓުތަކެއް ވެސް ފެނިފައި ވެއެވެ. އަދި ސީސީޓީވީ ފުޓޭޖުން އޭނާ ފެނުނުއިރު ލައިގެން ހުރި ކޯޓުވެސް އެ ގޭން ވަނީ ފެނިފަ އެވެ. އަދި ފަހުން އޭނާ ގެއަށް އައުމުން ހައްޔަރުކުރީ އެވެ.