ރައްޔިތުންގެ މަޖިލިސް

އީސީގެ މެންބަރު ކަމަށް ފަސް ބޭފުޅެއްގެ ނަން މަޖިލީހަށް ހުށަހަޅުއްވައިފި

Aug 16, 2021
3

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތިލައްވާފައިވާ ބޭފުޅުންނަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާ އަށް އެ މައްސަލަ ހުށަހަޅުއްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މަޖިލީހަށް ފޮނުއްވި ސިޓީފުޅު މަޖިލީހުގެ އަމީންއާންމު މިއަދުގެ ޖަލްސާގައި ވަނީ އިއްވާފަ އެވެ.

އީސީގެ މެންބަރު ކަމަށް ފޮނުއްވި ފަސް ނަން:

  • މުހައްމަދު އާސިފް، ހ. އިރުވައި
  • ޝަހުލާ އިސްމާއިލް، ފިނިއުނިމާގެ / ޅ. ހިންނަވަރު
  • އަޒްލީމާ އަހުމަދު، ދަފްތަރު، ނަމްބަރު ރސ 94-341
  • އަހުމަދު މަންސޫރު، ވ. ރިވެތި
  • އަލްއުސްތާޛާ މަރިޔަމް ހަނީފާ ޚާލިދު، އަނބުގަސްދޮށުގެ / ހއ.ކެލާ

މިބޭފުޅުންގެ ނަންތައް މަޖިލީހަށް ހުށަހެޅުއްވުމުން އެ މައްސަލަ ދިރާސާކުރުމަށް ފޮނުވާފައިވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށެވެ. އީސީގެ މެންބަރު ކަމަށް ފަސް ބޭފުޅަކު ކުރިމަތިލެއްވި ނަމަވެސް މަޖިލީހުން ރުހުން ދޭނީ އެއް ނަމަކަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި އަހްމަދު ޝަރީފް އެ ކޮމިޝަންގެ މެންބަރުކަމުން މިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެން އީސީގެ މެންބަރު ކަމަށް ކުރިމަތިލުމަށް ރައީސް އޮފީހުން ހުޅުވާލީ މިދިޔަ ޖޫން މަހުގެ 23 ވަނަ ދުވަހު އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލައްވާ ބޭފުޅުންނަކީ އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައި ނުވާ އުމުރުން 25 އަހަރުގެ ދިވެއްސަކަން ވާންޖެހެ އެވެ. އަދި ރާއްޖޭގެ ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ ނުވަތަ އައްޔަންކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުމާއި ސަރުކާރުގެ ނުވަތަ އެހެން ފަރާތެއްގެ ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުން ވެސް ހިމެނެ އެވެ.

މީގެއިތުރުން މި މަގާމަށް ކުރިމަތިލައްވާ ބޭފުޅުންނަކީ ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 މަސްދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ނުވުމާއި އަދި އެފަދަ ހުކުމެއް ތަންފީޒުކޮށްފައިވާނަމަ ތަންފީޒު ކުރި ފަހުން ފަސް އަހަރު ވާންޖެހެ އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނަކީ އެެއްވެސް ސިޔާސީ ޕާޓީ އަކަށް ނިސްބަތް ނުވާ އަދި ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކަށް ވެސް ވެގެން ނުވާނެ ކަމަށް ޝަރުތުތަކުގެ ތެރޭގައިވެ އެވެ.

ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ އިލެކްޝަންސް ކޮމިޝަންގައި މިވަގުތު ތިއްބެވީ ހަތަރު މެންބަރުންނެވެ.