ރައްޔިތުންގެ މަޖިލިސް

241 ކޮމިޓީއަށް އާޒިމް އާއި އިލިޔާސް ލަބީބް އަލުން ހަމަޖައްސައިފި

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އާއި ހުޅުދޫ ދާއިރާގެ މެމްބަރު އިލިޔާސް ލަބީބް އަލުން ހަމަޖައްސައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ޖަލްސާ ފަށައި މިއަދު ރިޔާސަތުގައި އިންނަވައިގެން މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ ވަނީ 241 ކޮމިޓީއަށް ގެންނެވި ބަދަލު އާންމުކުރައްވާފަ އެވެ.

އެގޮތުން އެމްޑީޕީގެ ފަރާތުން 241 ކޮމިޓީގައި އިންނެވި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީގެ ބަދަލުގައި އިލިޔާސް ލަބީބް އަދި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިންގެ ބަދަލުގައި އަލީ އާޒިމް ހަމަޖެއްސެވި ކަމަށް އީވާ ވިދާޅުވި އެވެ.

ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް އިލިޔާސް ލަބީބާއި އާޒިމް އަލުން ހަމަޖެއްސިއިރު މީގެ ކުރިން އެ ކޮމިޓީގައި އެ ބޭފުޅުން ތިއްބަވަނިކޮށް ވަގުތީ ގޮތުން ކޮމިޓީން ވަކިކުރީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ފަހެއް ހައެއްގައި ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވީ ގޮތާ ގުޅޭގޮތުން މަޖިލީހުގެ އިންކުއަރީއެއް ކުރިއަށް ގެންދިއުމަށެވެ.

އެގޮތަށް އެމްޑީޕީ ޕީޖީ ގުރޫޕުން ނިންމީ ރައީސް ނަޝީދަށް ހަމަލާ ދިނުމުގެ ކުރިން އެފަދަ ހަމަލާއެއް ދޭން އުޅޭކަމުގެ މައުލޫމާތު އިލްޔާސްއަށް ލިބިވަޑައިގެންނެވި ކަމަށާއި އަދި އެކަން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ ސަމާލުކަމަށް ގެންނެވި ކަމަށް އިލިޔާސް ވިދާލުވުމުން އިންކުއަރީން އެކަން ބަލަން ބޭނުންވުމުންނެވެ. ނަމަވެސް ފުލުހުން ފަހުން ބުނީ އިލިޔާސް ދިން މައުލޫމާތާއި ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅުމެއް ނެތް ކަމަށެވެ. އަލީ އާޒިމް ކޮމިޓީން ވަކިކުރީ އިންކުއަރީގެ ބޭނުމަށް އެމްޑީޕީގެ ޕީޖީގެ ތެރެއިން ގާނޫނީ ބޭފުޅަކު ކޮމިޓީ އަށް ލުުމަށް ބޭނުންވުމުންނެވެ.

ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ މަސްއޫލިއްޔަތަކީ، ސަލާމަތީ ހިދުމަތްތައް ހިނގާ ނުހިނގާ ގޮތް ބެލުމާއި، ގައުމީ ސަލާމަތުގެ ކަންކަން ދިރާސާކުރުމާއި، ގައުމީ ސަލާމަތުގެ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލެއް އޮތްނަމަ، އެކަމެއް ފާހަގަކޮށް އެކަމެއް މަޖިލީހަށް ހުށަހެޅުމާއި، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް، މޯލްޑިވްސް ޕޮލިސް ސާވިސް، މިނިސްޓްރީ އޮފް ޑިފެންސް، މިނިސްޓްރީ އޮފް ހޯމް އެފެއާޒް އަދި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާ ގުޅުންހުރި ކަންކަން ބަލައި މަޖިލީހަށް ފެންނަ ހުށަހެޅުންތައް ހުށަހެޅުމެވެ.