އިންސާނީ ވަގުފާރި

މަގުމަތިވި މީހުންނަށް ހުޅުމާލެ ފުޓްބޯޅަ ސްކޫލުން ވަގުތީ ބޯހިޔާވެހިކަން ދީފި

އޮޅުވާލައިގެން ރާއްޖެ ގެނެސް މަގުމަތިވެފައި ތިބި އިންޑިއާގެ ފަތުރުވެރިންތަކަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި އެވެ.

އޮޅުވާލައިގެން ރާއްޖެ ގެނައި އިންޑިއާގެ 27 ފަތުރުވެރިންގެ ތެރޭގައި 13 ކުޑަކުދިން ހިމެނެ އެވެ. އޭގެ ތެރޭގައި އަހަރު ނުވާ ތުއްތު ކުއްޖަކުވެސް ހިމެނެ އެވެ.

އިއްޔެ އެ މީހުން ރާއްްޖެ އައިސް ތިބީ ވަންނާނެ ތަނެއް ނެތި މަގުމަތިވެފަ އެވެ. އެެހެންވެ ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް ވަނީ އެމީހުންނަށް ވަގުތީ ބޯހިޔާވަހިކަމެއް ހޯދަން މަސައްކަތް ކޮށްދެއްވާފަ އެވެ.

މަހުލޫފް އަވަސްއަށް ވިދާޅުވީ އެ މީހުންނަށް ވަގުތީ ބޯހިޔާވަހިކަމެއް ހޯދައިދޭން ކ. ގުރައިދޫ އާއި މާފުށިން ކޮޓަރިއެއް ވެސް ލިބޭތޯ ވަރަށް ބޮޑަށް ބެލި ކަމަށެވެ. އެހެންނަމަވެސް އެއްވެސް ކުރިއެރުމެއް ނުލިބުނު ކަމަށެވެ. އަދި ފަހުން އެމީހުންނަށް ހުޅުމާލޭގައި ހުންނަ ފުޓްބޯޅަ ސްކޫލުން ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

މަގުމަތިވި މީހުންނަށް މޯލްޑިވިއަން ރެޑް ކްރެސެންޓުން ވަނީ ސައިކޯ ސޯޝަލް ސަޕޯޓާއި އަދި ކެއުން ވެސް ރޭގެ ވަގުތެއްގައި ހަމަޖައްސައިދީފަ އެވެ.

މަގުމަތިވި މީހުން އައީ ކޮން ގެސްޓް ހައުސްއަކަށް ކަމެއް އަވަސްއަށް އެނގިފައެއް ނުވެ އެވެ. އަދި އެ މައްސަލައިގައި ޓޫރިޒަމް މިނިސްޓްރީގެ ބަހެއް ނުލިބެ އެވެ.

އިންޑިއާގައި ކޮވިޑްގެ ހާލަތު އަދިވެސް ގޯސްކޮށް އުޅޭތީވެ އިންޑިއާގެ މީހުންނަށް މެދުއިރުމަތީގެ ބައެއް ގައުމުތަކަށް ސީދާކޮށް ދަތުުރުކުރުން ވަނީ މަނާކޮށްފަ އެވެ. އެހެންވެ އިންޑިއާގެ ގިނަ ބަޔަކު ރާއްޖެ މިވަގުތު ބޭނުންކުރަނީ ކަރަންޓީނުވާ މަންޒިލެއްގެ ގޮތުގަ އެވެ. މިސަބަބާ ގުޅިގެން ރާއްޖޭގެ ގެސްޓްހައުސްތައް ވަނީ އިންޑިއާގެ ފަތުރުވެރިންނާއެކު ފުރިފަ އެވެ.