އެމްއެންޑީއެފްގެ އާމަރީ ޑެޕިއުޓީ ކޮމާންޑަރުގެ މަގާމުގައި ކުރިން ހުންނެވި ކެޕްޓަން އަލީ އިހުސާން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އާ ގުޅިވަޑައިގަތުމަށް ނިންމަވައިފި އެވެ.
އެކަން ހާމަކުރައްވާ އިހުސާން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހިންގެ އަމިއްލަވަންތަކަމާއި އިގްތިސާދީ އަދި ސަރަހައްދީ މިނިވަން ކަމަށް ކުރިމަގުގައި ގިނަ ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށާ މިހާރުވެސް ބައެއް ގޮންޖެހުންތައް ކުރިމަތިވެފައިވާ ކަމަށެވެ. އެކަމަށް އޮތް އެންމެ ބޮޑު ހައްލަކީ ދިވެހި ފަސްގަނޑާއި ދިވެހިން ދެކެ ތިމާގެ ނަފްސަށްވުރެ ލޯބިވާ ތެދުވެރި އަދި އިހުލާސްތެރި، ތައުލީމީ އަދި ޒިންމާދާރު ދިވެހިންތަކެއް ދިވެހި ސިޔާސީ މައިދާނުގައި މަސައްކަތް ކުރުން ކަމަށެވެ.
އިހުސާން ވިދާޅުވީ އޭނާއަކީ ރާއްޖެ އާއި ދިވެހިންގެ ދިފާއުގައި އަމިއްލަ ފުރާނައިން ގުރުބާންވާން ހުވާކޮށްގެން ހުރި ސިފައިންގެ ކުރީގެ އޮފިސަރަކަށްވާތީ މި ހާލަތުގައި ރާއްޖެ އޮންނަން އެއްގޮތަކަށްވެސް އެދިވަޑައިނުގަންނަވާ ކަމަށެވެ. އެހެން ކަމުން ފުރަތަމަ ފަހަރަށް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވެ ގައުމުގެ ހައްގުގައި މަސައްކަތް ކުރެއްވުމަށް ނިންމަވައިފި ކަމަށެވެ.
އެގޮތުން އަލަށް އުފައްދަން މަސައްކަތްކުރާ މޯލްޑިވްސް ނެޝަނަލް ޕާޓީގެ މެންބަރަކަށްވުމަށް ނިންމާފައިވާ ކަަމަށް ޕޯސްޓްގައި ވިދާޅުވެފައިވެއެވެ. އަދި އެމްއެންޕީއަކީ ގައުމާއި ދޭތެރޭ އޭނާވެސް ދެކެވެޑައިގަންނަވާ ގޮތަށް ޒުވާނުންނަށް ފުރުސަތު އޮތް ޕާޓީއެއް ކަމަށެވެ.
އިހުސާން އެމްއެންޕީއާ ގުޅިވަޑައިގަތުމަށް ނިންމެވުމުން އެ ޕާޓީ އުފެއްދެވުމުގައި އިސްކޮށް ހުންނެވި ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވަނީ މަރުހަބާ ވިދާޅުވެފައެވެ. ނާޒިމް ވިދާޅުވީ އަލީ އިހްސާން ފަދަ ވިދަމުން އަންނަ އައްޑޫ ދަރިއަކު މޯލްޑްވިސް ނެޝެނަލް ޕާޓީއާ ގުޅުމަކީ ވަރަށް ބޮޑު އުފަލަކާއި ހިއްވަރެއް ކަމަށެވެ.
"އިހްްސާން އަކީ ގައުމަށް ޒުވާނެއްގެ ގޮތުން އަގުހުރި ހިދުމަތްތަކެއްކޮށް ކޮށްދެއްވާފައިވާ އަދި ކޮށްދެއްވަމުންގެންދަވާ ވަރުގަދަ ޒުވާނެއް،" ނާޒިމް ވިދާޅުވިއެވެ.