ބޮލީވުޑް

ލަންކާގެ "މަނިކޭ މަގޭ ހިތޭ" ރީތިކަމުން އަމީތާބު ނިދިގެއްލިފައި

"މަނިކޭ މަގޭ ހިތޭ" އޮރިޖިނަލް ލަވަ

ސްރީލަންކާގެ ޔޮހާނީ އާއި ސަތީޝަން ކިޔާފައިވާ "މަނިކޭ މަގޭ ހިތޭ"ގެ ޖާދޫގައި އަމީތާބު ބައްޗަން ޖެހިއްޖެ އެވެ. އަމީތާބުގެ ބްލޮގްގައި އޭނާ ވަނީ މި ލަވައަށް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ.

އަމީތާބަށް ލަވަ އެހާ ކަމުދިޔަކަން އެނގުމުން އޭނާގެ ކާފަ ދަރިފުޅު ނަވްޔާ ނަވޭލީ ނަންދާ އެ ލަވަ ކާފަ ހިތްހަމަޖެހޭ ކަހަލަ ގޮތަކަށް ބަދަލު ކޮށްލައިފި އެވެ.

ނަވްޔާ ވަނީ އަމީތާބުގެ ވަރަށް ކުރީގެ ފިލްމެއް ކަމަށްވާ "ކާލިއާ"ގެ ވަރަށް މަޝްހޫރު ލަވައެއް ކަމަށްވާ 'ޖަހަ ތޭރީ ޔެ ނަޒަރް ހޭ" އެޑިޓްކޮށް "މަނިކޭ މަގޭ ހިތޭ" ލަވައިގެ އަޑު އަޅައިގެން ވީޑިއޯއެއް ތައްޔާރުކޮށްފަ އެވެ. އަދި އަމީތާބު ވަނީ ކާފަ ދަރިފުޅުގެ މި މަސައްކަތް އޭނާގެ ބްލޮގްގައި ޝެއާ ވެސް ކޮށްފަ އެވެ.

"އެ ރީތި ސްރީލަންކާ ލަވަ 'މަނިކޭ މަގޭ ހިތޭ" އެޑިޓްކޮށްގެން މަގޭ ޖީނަސް ކާފަ ދަރި ނަވްޔާ ނަވޭލީ މިވަނި އަހަރެން ކުޅެފައިވާ "ކާލިއާ"ގެ 'ޖަހަ ތޭރީ ޔެ ނަޒަރް ހޭ"އަށް އަޑު އަޅާފައި. މިހާރު މުޅި ރޭ މި ހޭދަކުރަނީ މި ލަވަ އަޑުއެހުމުގައި. އެއްގޮތަކަށް ވެސް ލަވަ އަޑުއެހުން ހުއްޓާލެވޭ ގޮތެއް ނުވި. ސުޕާބް،" އަމީތާބު މި ލަވަ ޝެއާ ކުރަމުން ލިޔެފައިވާ މެސެޖެއްގައި ވެއެވެ.

އަމީތާބުގެ ބްލޮގްގައި އޭނާ ވަނީ މި ލަވައިގެ މަޝްހޫރު ކަމާ ގުޅޭ ގޮތުން ވެސް ވާހަކަ ދައްކާފަ އެވެ. އޭނާ ބުނި ގޮތުގައި ސްރީލަންކާގެ މި ލަވަ އަކީ މިހާރު މުޅި ދުނިޔޭގައި ވެސް ވަރަށް ގިނަ ބަޔަކަށް މަގްބޫލުވެފައިވާ ލަވައެކެވެ. އޭނާއަށް މި ލަވަ އަޑު އަހާ އަހާ ފޫހި ނުވި ކަމަށާއި ރޭގަނޑު ނުނިދާ އޮވެގެން ވެސް މި ލަވަ އަޑުއަހާ ކަމަށް އަމީތާބު ލިޔެފައިވެ އެވެ.

އަމީތާބު ވަނީ މި ލަވައިގެ އޮރިޖިނަލް މިއުޒިކް ވީޑީއޯ ވެސް އޭނާގެ ބްލޮގްގައި ޝެއާ ކޮށްފަ އެވެ.

އަމީތާބު އިތުރަށް ލިޔެފައިވާ ގޮތުގައި މި ލަވަ މަގްބޫލު ވީވަރުން އިންޑިޔާ މީހުން ވާހަކަ ދައްކާ އެތައް ބަހަކުން ވެސް މިހާރު މި ލަވަ ރެކޯޑް ކޮށްގެން ނެރެފި އެވެ. އަދި ހިންދީ ބަހުން ބައެއް ލަވަކިޔުންތެރިން ބައެއް ތަންތަންކޮޅު ކިޔާފައި ނެރެފައިވާ ލަވަ ވެސް އޭނާއަށް ވަރަށް ކަމުދާ ކަމަށް އަމީތާބު ބުނެފައި ވެއެވެ. އަމީތާބު ވަނީ ޔޯހާނީ މުޒީސްޓާ ހަރަކާތްތެރިވާ ހިންދީ ބަހުން ކިޔާފައިވާ ލަވައެއް ވެސް ޝެއާ ކޮށްފަ އެވެ.

ފިލްމީ ރޮނގުން ބަލާއިރު އަމީތާބު މިހާރު ހަތަރު ފިލްމެއްގެ މަސައްކަތް އެބަ ކުރެ އެވެ. އެއީ "ބްރަހްމަޝްތުރާ" އާއި "ޗެހެރޭ"، "ގުޑްބައި" އަދި "މޭ ޑޭ" އެވެ. އަދި އޭނާ ހޯސްޓްކުރާ "ކޯން ބަނޭގާ ކްރޯޅްޕަތީ"ގެ އާ ސީޒަނެއް ފެށުމަށް ވެސް އަމީތާބު ވަނީ ތައްޔާރުވެފަ އެވެ.