ބޮލީވުޑް

"މަނިކޭ މަގޭ ހިތޭ" ގެ ހިންދީ ލަވަ ޔޮހާނީގެ އަޑުން

ސްރީލަންކާގެ ލަވަކިޔުންތެރިޔާ ޔޮހާނީ ކިޔާފައިވާ "މަނިކޭ މަގޭ ހިތޭ" ސޯޝަލް މީޑިއާގައި ހޯދި ބޮޑު ކާމިޔާބުން ޔޮހާނީއަށް ވަނީ ހީނުކުރާ ވަރުގެ ބޮޑު މަޝްހޫރު ކަމެއް ލިބިފަ އެވެ. ހާއްސަކޮށް އިންޑިޔާ މީހުންނަށް މި ލަވަ ކަމުދިޔަލެއް ބޮޑުކަމުން އެ ގައުމުގައި މީހުން ވާހަކަ ދައްކާ އުޅޭ އެތައް ބަހުރުވައަކުން މި ލަވަ ރެކޯޑް ކޮށްގެން ނެރެފައި ވެއެވެ. އަދި ޔޮހާނީ އަށް ދައުވަތު ދީގެން ގެންގޮސް ހިންދީ ފިލްމު އިންޑަސްޓްރީގެ މީހުން ވެސް އޭނާ ލައްވާ ލަވަ ކިއުއްވުމަށް މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.

އެގޮތުން ޔޮހާނީ ހިންދީ ފިލްމަކަށް ކިޔައިދޭ ފުރަތަމަ ލަވައަކީ އޭނާ މަޝްހޫރުކަން ހޯދި "މަނިކޭ މަގޭ ހިތޭ" ގެ ހިންދީ ވާޝަން އެވެ. ޔޮހާނީގެ މި ލަވަ ހިމަނާފައި ވަނީ ސިދާރްތު މަލްހޯތުރާ އާއި ރަކުލް ޕްރީތު ސިންގް ލީޑް ރޯލު ކުޅޭ "ތޭންކް ގޯޑް" ގައެވެ.
ތާނިޝްކް ކޮމްޕޯޒް ކޮށްފައިވާ މި ލަވައިގެ ލިރިކްސް ލިޔެފައިވަނީ ރަޝްމީ ވިރާގް އެވެ. ޓީ ސީރީޒް އިން އިއްޔެ ކުރި ޓުވީޓެއްގައި މި ލަވަ ޕްރޮޑިއުސްކުރާކަން ވަނީ އިއުލާން ކޮށްފަ އެވެ.

މިކަމާ ގުޅިގެން ޔޮހާނީ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އިންޑިޔާ އިން ހާއްސަކޮށް ބޮލީވުޑުން އޭނާއަށް ހީނުކުރާ ވަރުގެ ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ. އަދި އެކަމަށްޓަކައި "ތޭންކް ގޯޑް" ގެ ޕްރޮޑިއުސަރު ބޫޝަން ކުމާރާއި ޑައިރެކްޓަރު އިންދަރު ކުމާރަށް އަދި އެ ފިލްމުގެ މުޅި ޓީމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި އޭނާގެ "މަނިކޭ މަގޭ ހިތޭ" ގެ ހިންދީ ވާޝަން އެ ފިލްމަށް ކިޔައިދީފައިވާ ކަމަށާއި ވަރަށް އަވަހަށް އެނބުރި އިންޑިޔާ އަށް ދާން ގަސްތުކުރާ ކަމަށް ވެސް ޔޮހާނީ ބުނެފައި ވެއެވެ.

"ތޭންކް ގޯޑް" ގެ ޑައިރެކްޓަރު އިންދަރު ކުމާރު ބުނި ގޮތުގައި ޔޮހާނީގެ ލަވައަކީ މުޅި ދުނިޔޭގެ މަޝްހޫރުކަން ހޯދާފައިވާ ލަވައަކަށް ވެފައި އެ ލަވައިގެ ހިންދީ ވާޝަން އޭނާގެ ފިލްމު "ތޭންކް ގޯޑް" ގައި ހިމެނުމުގެ ފުރުސަތު ލިބުމުން ވަރަށް އުފާކުރާ ކަމަށެވެ. އަދި އެ ފުރުސަތު ދިނީތީ ބޫޝަން ކުމާރަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ.

އިންދުރަ ބުނެފައިވާ ގޮތުގައި މި ޓްރެކްގެ ޝޫޓިން އޭނާ ވަރަށް އަވަހަށް ފަށަން ގަސްތުކުރެ އެވެ. އަންނަ އަހަރު ރިލީޒްކުރަން ތައްޔާރުކުރަމުންދާ "ތޭންކް ގޯޑް" އަކީ ކޮމެޑީ ފިލްމެކެވެ.