ބޮލީވުޑް

"މަނިކޭ މަގޭ ހިތޭ"ގެ ހިންދީ ލަވަ ކިޔަން ޔޮހާނީއަށް ފަސޭހައެއް ނުވި

ސްރީލަންކާގެ ލަވަކިޔުންތެރިޔާ ޔޮހާނީ ޑިލޯކާ ޑި ސިލްވާ ކިޔާފައިވާ "މަނިކޭ މަގޭ ހިތޭ" މުޅި ދުނިޔެއަށް މަޝްހޫރުވީ އެއްވެސް މީހަކު އުންމީދު ވެސް ނުކުރާ މިންވަރަކަށެވެ.

މި ލަވައިގެ މަޝްހޫރުކަން އިންޑިއާގެ ބޮލީވުޑަށް ވެސް ފެތުރި ޔޮހާނީ އަށް ބޮލީވުޑް ފިލްމުތަކުން ލަވަ ކިޔުމުގެ ފުރުސަތުތައް ވެސް ތަނަވަސް ވެފައި ވެއެވެ. އަދި އަޖޭ ދޭވްގަންގެ "ތޭންކް ގޯޑް" އަށް ހަމަ މީގެ ހިންދީ ލަވަ ކިޔައިދިނުމުގެ ފުރުސަތު ވެސް ޔޮހާނީ އަށް ލިބި މިހާރު އޭނާ އެ ލަވަ ވަނީ ރެކޯޑް ވެސް ކޮށްފަ އެވެ.

ލަވަ ރެކޯޑް ކުރުމަށްފަހު އިންޑީއާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ޔޮހާނީ ބުނީ "މަނިކޭ މަގޭ ހިތޭ"ގެ ހިންދީ ލަވަ ކިޔަން އެހާ ފަސޭޙަ ނުވި ކަމަށެވެ. އެ ލަވަ ކިޔުމުގައި ވަރަށް ގިނަ ގޮންޖެހުންތައް އޭނާއަށް ކުރިމަތިވީ ކަމަށެވެ.

"ހިންދީ ބަސް ދަސްކުރުން އެންމެ ބޮޑު ޗެލެންޖަކަށްވީ،" ޔޮހާނީ ބުންޏެވެ.

ޔޮހާނީ އިތުރަށް ބުނި ގޮތުގައި އޭނާ އަކީވެސް ކުޑައިރުއްސުރެ ހިންދީ ލަވަ އަޑުއަހާ މީހެއް ކަމަށެވެ. ނަމަވެސް ލަވަ އަޑުއެހުމާއި އަސްލު ފިލްމަކަށް ލަވަކިޔައިދިނުމާ ވަރަށް ތަފާތު ކަމަށް އޭނާ ބުންޏެވެ.

"ފިލްމަކަށް ލަވަ ކިޔައިދޭއިރު އަހަރެންގެ އަޑަކީ ހަގީގަތުގައި އެހެން ބަތަލާއެއްގެ އަޑު. އެހެންގެ ލަވައިގެ މަޚުރަޖައާއި ޓެކްސްޗާ އަދި ޑައިނަމިކްސް މުޅިން ބަދަލުކޮށްގެން ރެކޯޑީން ހަދަން ޖެހެނީ. އަދި މިއީ މިފަދަ ގޮތަކަށް އަހަރެން ކީ ފުރަތަމަ ލަވައަށް ވާތީ ދިމާވީ އުނދަގޫތައް ވަރަށް ގިނަ،" ޔޮހާނީ ބުންޏެވެ.

އޭނާ އިތުރަށް ބުނީ މި ލަވަ އޭނާއަށް ރެކޯޑް ކުރެވުނީ ވަރަށް ގިނަ ފަހަރަށް މަސައްކަތް ކޮށްގެން ކަމަށެވެ. އަދި ޓީމުން ދިން ހިތްވަރަށް އޭނާ ޝުކުރުވެރިވާ ކަމަށް ވެސް ބުންޏެވެ.

މި ލަވަ ކޮމްޕޯސްކޮށްފައިވަނީ ތާނިޝްކް ބާގްޗީ އެވެ. "ކަޕޫރު އެންޑް ސަންސް"ގެ 'ބޯލްނާ' އާއި "ކެސާރީ"، 'ވޭ މާހީ" ފަދަ ލަވަތައް ކޮމްޕޯޒްކުރީ ތާނިޝްކް އެވެ.