ދުނިޔެ

ދުނިޔެ އެންމެ ހޫނުވީ މިދިޔަ ޖުލައިގައި

ދުނިޔޭގެ ފިނިހޫނުމިން ރިކޯޑު ކުރަން ފެށިފަހުން ދުނިޔެ އެންމެ ބޮޑަށް ހޫނުވި މަހުގެ ގޮތުގައި މިދިޔަ ޖުލައި މަސް ވެއްޖެ އެވެ.

އެމެރިކާގެ މޫސުމާ ބެހޭ އެޖެންސީއެއް ކަމަށްވާ ނެޝަނަލް އޯޝިއާނިކް އެންޑް އެޓްމޮސްފިއަރިކް އެޑްމިނިސްޓްރޭޝަން އިން ހާމަކުރި ގޮތުގައި މިދިޔަ ޖުލައި މަހު ދުނިޔޭގެ ހޫނުމިން ވަނީ ކުރިން ރިކޯޑު ކޮށްފައިވާ އެންމެ ހޫނު ޖުލައި މަހުގެ އަދަދަށް ވުރެ 0.93 ޑިގްރީސް ސެލްސިއަސް މަތިވެފަ އެވެ. އަދި މިއާއި އެކު އެވެރެޖް ހޫނުމިން 16.73 ޑިގްރީސްއަށް ވަނީ މިދިޔަ ޖުލައި މަހު އަރާފަ އެވެ. މިއަދަދާއި އެކު މިދިޔަ ޖުލައި މަސް ވެފައި މިވަނީ މިހާތަނަށް ރިކޯޑު ކުރެވުނު އެންމެ ހޫނުގަދަ ޖުލައި އަށެވެ.

މީގެ ކުރިން 15.8 ޑިގްރީސްގެ ގޮތުގައި ވަނީ 2016، 2019 އަދި 2020ގެ ޖުލައި މަހުގެ ހޫނުމިން ރިކޯޑު ކޮށްފަ އެވެ.

ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ މިދަނޑިވަޅުގައި ޔޫރަޕް އަދި ދެކުނު އެމެރިކާގެ ގައުމުތަކަށް މީގެކުރިން އާންމުކޮށް ހޫނު ގަދަ ނުވާ މިންވަރަށް މިހާރު ވަނީ ހޫނުގަދަ ވެފަ އެވެ.

ބައެއް ހިސާބު ތަކުގައި ހޫނު ގަދަވެ އަލިފާން ރޯވުމުގެ ހާދިސާތައް ހިނގަމުންދާތީ ބޮޑެތި ގެއްލުންތަކެއް ލިބުމުގެ އިތުރުން މީހުންގެ ފުރާނައަށް ނުރައްކާވެ ހޫނުގެ ސަބަބުން އެތައް ބަޔަކު މަރުވަމުންދާ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.

މިގޮތުން މިދިޔަ މަހު ވަނީ ކެނެޑާ، ގްރީސް އަދި ތުރުކީ ފަދަ ގައުމުތަކުގައި ހޫނު ގަދަވުމުގެ ސަބަބުން ނުރައްކާތެރި ބައެއް ހާދިސާތައް ވެސް ހިނގާފަ އެވެ. އަދި މިދިޔަ އޮގަސްޓް 11 އަކީ ޔޫރަޕަށް މިހާތަނަށް އެންމެ ހޫނުގަދަވި ދުވަސް ގޮތުގައިވެސް ރިކޯޑު ކޮށްފައިވެ އެވެ. އެ ދުވަހު 48.8 ޑިގްރީސް ސެލްސިއަސްއަށް ހޫނުމިން ރިކޯޑްކުރެވިފައިވަނީ އިޓަލީގެ ސިސިލީ އަށެވެ.