ދުނިޔެ

2050 ގެ ކުރިން ޔޫއޭއީ ނެޓް ޒީރޯ ކާބަން ގައުމަކަށް

ޔުނައިޓެޑް އަރަބް އެމިރޭޓްސްއިން ބުނާ ގޮތުން 2050 ގެ ކުރިން ނެޓް ޒީރޯ ކާބަން އެމިޝަން ގައުމަކަށް ޔޫއޭއީ ވާނެ އެވެ. ޔޫއޭއީގެ މި ވައުދާއެކު އެގައުމު ވެފައި ވަނީ ޕާސިއަން ގަލްފުން އެންމެ ފުރަތަ ނެޓް ޒީރޯ ކާބަން އެމިޝަން ހާސިލްކުރަން އިސްނެގި ގައުމަށެވެ.

ގަލްފު ގައުމުތަކުގެ ތެރެއިން ޕެރިސް ކްލައިމެޓް އެއްބަސްވުމުގައި އެންމެ ފުރަތަ ސޮއިކުރި ގައުމަކީ ވެސް ޔުނައޓެޑް އަރަބް އެމިރޭޓްސް އެވެ.

"ޔޫއޭއީ ނެޓް ޒީރޯ ބައި 2050 ސްޓްރެޓެޖިކް އިނީޝިއޭޓިވް" ތައާރުފު ކޮށްފައި ވަނީ ޑުބާއީގައި ކުރިއަށްދާ އެކްސްޕޯ 2020 ގައެވެ. އެ ގައުމުން ހާމަކުރި ގޮތުން ނެޓް ޒީރޯއަށް އަމާޒު ހިފުމުގައި އޮތް އުންމީދަކީ މިކަމާ ގުޅިގެން ލިބެން ހުރި ވިޔަފާރި ފުރުސަތުތަކުން ފައިދާ ނެގުމެވެ.

ނެޓް ޒިރޯ އެމިޝަން، ސިނާއީ މަސައްކަތްތަކުގެ ސަބަބުން އުފެދޭ ވިހަ ގޭސްތައް ހަމަ އެ މިންވަރަށް ނުވަތަ ފާހަގަކުރެވޭ ވަރަށް ދަށް ކުރުމެވެ.

އަބޫދާބީގެ ވަލީއަހުދު ޝައިޚް މުހައްމަދު ބިން ޒައިދު އަލްނަހްޔާން ބައިވެރިވެ ވަޑައިގެންނެވި މި ރަސްމިއްޔާތުގައި ދުނިޔެ ތަޖުރިބާ ކުރާ ހާލަތަށް ޔޫއޭއީގެ ވިޔަފާރި ބައްޓަން ކުރާނެ ކަމަށް ސަރުކާރުން ބުންޏެވެ.

ޔޫއޭއީގެ ބޮޑުވަޒީރު ޝައިޚް މުހައްމަދު ބިން ރާޝިދު އަލްމަކްތޫމް ވިދާޅުވީ އުންމީދު ކުރައްވަނީ ތަރައްގީގައި ސަރަހައްދީ ބާރަކަށް ގައުމު ހެއްދެވުމަށެވެ. އަދި ނެޓް ޒީރޯ ކާބަން އެމިޝަނާ ގުޅިގެން ވަޒީފާގެ ފުރުސަތުތައް އިތުރު ކުރެއްވުމަކީ ވެސް އެދިވަޑައިގަންނަވާ ކަމެއް ކަމަށް ވިދާޅުވި އެވެ.

ޔޫއޭއީ ބުނި ގޮތުން މި މަޝްރޫއަށް 163 ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓް ކުރާނެ އެވެ. އަދި އިއާދަ ކުރެވޭ ހަކަތަ އުފެއްދުމަށް އާ ދިރާސާތަކަށް ވެސް ފުރުސަތު ހުޅުވާލައްވާނެ އެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސް އަކީ ތެލުގެ ވިޔަފާރި ވަރަށް ފުޅާކޮށް ކުރާ ގައުމެކެވެ. ޔޫއޭއިން ބުނާ ގޮތުން ނެޓް ޒީރޯ ކާބަން އެމިޝަނަށް އަމާޒުހިފައި ހަކަތަ އިއާދަކުރެވޭ ވަސީލަތްތަކަށް ނިޔަތްގަތް ނަމަވެސް ތެލަކީ އަދި ދޫކޮށްލެވެން ނެތް ވިޔަފާރިއެކެވެ.

ގައުމަށް މިހާރު އާމްދަނީ ލިބޭ ފަސީލަތްތައް މުޅިން ދޫކޮށް އެހެން ދިމާއަކަށް ބަރޯސާކުރެވޭނީ މާނައެއް ހުރި މަސައްކަތްތަކެއް ދެމެހެއްޓެނިވި ގޮތުގައި ކުރެވެން ފެށުމުން ކަމަށް ސަރުކާރުން ބުނެ އެވެ.