މުޅި ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ ބިޔަ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރައްވައިފި އެވެ.
ރައީސް މުއިއްޒު މިކަން ހާމަކުރެއްވީ ޔޫއޭއީގެ ދުބާއީގައި މިހާރު ކުރިއަށްދާ ކޮޕް 28 ސަމިޓްގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރާއްޖޭގައި މިދިޔަ ސަރުކާރުތަކުން ވެސް ގަސް އިންދުމުގެ ތަފާތު ޕްރޮގްރާމުތައް އިއުލާންކޮށްފައިވެ އެވެ. ނަމަވެސް މިއީ ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމެއް އިއުލާންކުރި ފުރަތަމަ ފަހަރެވެ.
ދުނިޔޭގެ ގައުމުތަކުގެ ލީޑަރުންނާ މުހާތަބުކުރައްވައި ރައީސް ވިދާޅުވީ ރާއްޖޭގެ ރަށްތަކުގެ ވިލުންތެރިކަން އިތުރު ކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަންތައް ކަމަށެވެ. މިގޮތުން ދިވެހިރާއްޖޭގެ ކޮންމެ މުރަކައެއް، ކޮންމެ ވެލި ފުކެއް، ކޮންމެ މަހެއް އަދި ކޮންމެ ރުކަކީވެސް އަގުހުރި އެއްޗެއް ކަމަށާއި އެތަކެއްޗަށް ލިބޭ ކޮންމެ ގެއްލުމަކީ މުޅި އިގްތިސާދަށާއި މުޅި ގައުމަށް ލިބޭ އުނިކަމެއް ކަމުގައި ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނި ދިރިއުޅެވޭނެ ގޮތްތައް ބިނާކުރުމަށްޓަކައި އެކަށީގެންވާ މާހައުލީ ނިޒާމެއް ލިބިފައި އޮތުމުގެ މުހިއްމުކަންވެސް ފާހަަގަކުރައްވާފަ އެވެ. އަދި އެމަނިކުފާނު ވަނީ މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުމުން އަރައިގަތުމަށް އެހީތެރިވާ "ލޮސް އެންޑް ޑެމޭޖް ފަންޑު"ގެ ބޭނުން ހެޔޮ ގޮތުގައި ހިފޭނެ މަގުފަހިކުރުމަށްވެސް އެދިވަޑައިގެންފަ އެވެ. އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ ފަރާތްތަކަށް ފަންޑުގެ މަދަދު ފަސޭހައިން ހޯދޭނެ ގޮތްތައް ފަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.
ދުނިޔޭގެ ފަރުދެއްގެ ހައިސިއްޔަތުން، ދުނިޔޭގެ ވެށްޓަށްޓަކައި ކޮންމެ މީހަކުވެސް އުފުލަން ޖެހޭ ޒިންމާތަކެއް ހުންނާނެކަން ރައީސް ވަނީ ހަނދާންކޮށްދެއްވާފަ އެވެ. މީގެ އިތުރުން އުޖާލާ މުސްތަގުބަލެއް ބިނާކުރުމަށްޓަކައި ގުޅިގެން މަސައްކަތްކޮށް އަމަލުތަކުން އެކަން ޔަގީންކޮށްދެއްވުމަށް ރައީސް އެދިވަޑައިގެންނެވި އެވެ