ޑރ. މުހައްމަދު މުއިއްޒު

ވާހަކަދައްކާތާ އަހަރުތަކެއް ވެއްޖެ، މިވަގުތު ބޭނުމީ ފައިސާ: ރައީސް

ތިމާވެށީގެ އެންމެ ބޮޑު ސަމިޓް -- ކޮޕް ސަމިޓްގައި ވާހަކަތަކެއް ދައްކާތާ އަހަރުތަކެއް ވީނަމަވެސް ނަތީޖާ ފެނިގެން ނުދާ ކަމަށާއި މޫސުމީ ބަދަލުތަކާ ގުޅިގެން ލިބެމުންދާ ގެއްލުންތަކަށް ބަލަހައްޓައިގެން ތިބެން ރާއްޖެއަށް ވަގުތު ނެތް ކަމަށްށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުއިއްޒު ބައިނަލްއަގްވާމީ ސަމިޓެއްގައި ފުރަތަމަ ފަހަރަށް ކުރެއްވި ތަގުރީރުގައި އެމަނިކުފާނު ވިދާޅުވީ ތިމާވެށީގެ މައްސަލަތަކުގައި ގައުމުތަކުން ވާހަކަދައްކާތާ އަހަރުތަކެއްވީ ނަމަވެސް ނަތީޖާ އަދިވެސް އޮތީ ވަރަށް ދުރުގައި ކަމަށެވެ.

ޔޫއޭއީގެ ދުބާއީގައި ކުރިއަށްދާ ސަމިޓްގައި ރައީސް ވިދާޅުވީ ތިމާވެށީގެ މައްސަލަތަކާ ގުޅިގެން ރާއްޖެ ފަދަ ގައުމުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށެވެ. އެހެންކަމުން މޫސުމީ ގެއްލުންތަކާ ގުޅިގެން ފައިސާގެ ބަދަލެއް ދިނުމަށް ގައުމުތަކުން އެއްބަސްވެގެން އެކުލަވާލުމަށް ނިންމާފައިވާ "ލޮސް އެންޑް ޑެމޭޖު" ފަންޑުން ފައިސާ ލިބޭ ގޮތް ހަރުދަނާކޮށް ފައިސާ ލިބުން އަވަސްކުރަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.

"މި ފަންޑުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށް އުއްމީދުކުރެވޭ. އަދި އެންމެ ބޭނުންވާ ގައުމުތަކަށް ފަސޭހައިން ފައިސާ ލިބުމަށް އެދެވޭ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ކޮޕް ސަމިޓްގައި ރާއްޖެއިން ބޭނުންވަނީ މައިގަނޑު ދެ ކަމެއް ހާސިލްވުމަށެވެ. އެގޮތުން ފުރަތަމަ ކަމެއްގެ ގޮތުގައި ރައީސް ވިދާޅުވީ ސައިންސްގެ ހޯދުންތަކަށް ބަލައިގެން ދުނިޔޭގެ ފިނިހޫނުމިން މައްޗަށް ދިއުން ހުއްޓުވުމުގައި ނަތީޖާ ނިކުންނަ ފިޔަވަޅުތަކެއް އަޅައި އެކަމުގައި ދެމިތިބެންޖެހޭ ކަމަށެވެ. ދެވަނަ ކަމަކަށް ރައީސް ވިދާޅުވީ މޫސުމީ ގެއްލުމަށް ބަދަލު ދޭއިރު ގެންގުޅޭ ގޮތް ހަރުދަނާކުރުމެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި އިއާދަކުރަނިވި ހަކަތައިން މިވަގުތު އުފައްދަނީ އެންމެ ހަތަރު ޕަސަންޓް ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ރާއްޖޭގައި އުފައްދާ ކަރަންޓުގެ 33 ޕަސަންޓަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމަށް ބޭނުންވާ ކަމަށެވެ. އެ އަމާޒަށް ވާސިލްވުމަށް ބޭނުންވާ 600 މިލިއަން ޑޮލަރު ހޯދައިދިނުމަށް ގައުމުތަކުން އެހީތެރިވުމަށްވެސް ރައީސް އެދިވަޑައިގެންނެވި އެވެ.