ދުނިޔެ

ސައޫދީ އަރަބިއްޔާއިން 2060 ގެ ކުރިން ނެޓް ޒީރޯއަށް

ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވިދާޅުވި ގޮތުގައި 2060 އައުމުގެ ކުރިން ސައޫދީން ނެޓް ޒީރޯ ކާބަން ހާސިލްކުރާނެ އެވެ. ޕްރިންސް މިހެން ވިދާޅުވީ ސައޫދީ ރިޔާޒުގައި ހޮނިހިރު ދުވަހު ބޭއްވި ސައުދީ ގްރީން އިނީޝިއޭޓިވް ފޯރަމްގައި ދެއްވި ތަގުރީރެއްގައި އެވެ. އޭނާ ވިދާޅުވީ ގައުމު މިހާރު ވެސް އޮތީ އެ އަމާޒަށް ކަމަށެވެ.

ޕްރިންސް ވިދާޅުވި ގޮތުގައި ސައުދީ އަރަބިއްޔާގެ އަމާޒަކީ 2030 ވަނަ އަހަރު އަންނަންވާ އިރަށް އަހަރަކު ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ މިންވަރު 278 މިލިއަން ޓަނަށް ދަށްކުރުމެވެ. އޭނާ ވިދާޅުވީ ކާބަން ޒީރޯ އެމިޝަނަށް ވާސިލްވުމަށް ކުނިމަދުކުރުމަކީ މަގު ކުރު ގޮތަކަށް ވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ދުނިޔޭގައި މީތޭން ބޭނުންކުރެވޭ މިންވަރު ދަށްކުރުމަށް ސައުދީން އެއްބާރުލާނެ ކަމަށް ޕްރިންސް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ގައުމުތަކުން އެކުގައި ކުރާ މަސައްކަތުން މިހާރު މިތޭން ބޭނުންކުރެވޭ މިންވަރު 2030 ލައިގަތުމުގެ ކުރިން 30 ޕަސެންޓް ދަށްކުރެވޭނެ ކަމަށެވެ.

މުހައްމަދު ބިން ސަލްމާން ވިދާޅުވީ 2030 ވަނަ އަހަރު އަންނަން ވާއިރަށް ސައުދީން 450 މިލިއަން ގަސް އިންދާނެ ކަމަށާއި ދިރުމެއް ނެތް އަށްމިލިއަން ހެކްޓަރުގެ ބިން ސާފުކޮށް ދިރުވާނެ ކަމަށެވެ. އަދި ކާބަން ބޭރުކުރެވޭ މިންވަރު ދަށްކުރެން ހުރި އެހެނިހެން ގޮތްތައް އަދި އިއުލާންކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ސަޢޫދީ އަރަބިއްޔާއިން ގްލޯބަލް އޯޝަން އެލަޔަންސްގައި ބައިވެރިވާނެ ކަމަށް ޕްރިންސް ވިދާޅުވި އެވެ. އޯޝަން އެކްސްޕްލޮރޭޝަން ފައުންޑޭޝަން އުފައްދައި ގްލޯބަލް ސެންޓަ ފޮ ޓޫރިޒަމް ސަސްޓެއިނަބިލިޓީ ހިމެނޭގޮތަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައި ވާކަން ޕްރިންސް ހާމަކުރެއްވި އެވެ.

ޕްރިންސް ވިދާޅުވީ މިހާރުން މިހާރަށް އެޖެންޑާގައި ހުރި މަސައްކަތްތަކަށް 700 ބިލިއަނަށް ވުރެ ގިނަ ސައުދީ ރިޔާލު ޚަރަދުވާނެ ކަމަށެވެ. އަދި ވިދާޅުވީ އިގުތިސޯދު ވެސް ތިމަވެއްޓަށް ކަމުދާ ގޮތަށް ބަދަލުކުރައްވާނެ ކަމަށެވެ.

ޕްރިންސް ވިދާޅުވި ގޮތުގައި ސައުދީ ގްރީން އިނީޝިއޭޓިވްގެ ސަބަބުން ޕްރައިވެޓް ސެކްޓަރަށް ބޮޑެތި އިންވެސްޓްމަންޓް ފުރުސަތުތައް ފަހިވާނެ އެވެ. އޭނާ ވިދާޅުވީ އުންމީދު ކުރައްވަނީ ވަޒީފާގެ ފުރުސަތުތައް އިތުރުކުރެއްވުން ކަމަށެވެ.

ސަރަހައްދަށާއި ދުނިޔެއަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށާއި ބައިނަލްއަގުވާމީ ގުޅުންތައް އިތުރުވެގެންދާނެ ކަމަށް ވެސް ޕްރިންސް ވިދާޅުވި އެވެ.