އެޗްއާރްސީއެމް

އަމުރަށް ނުކިޔަމަންތެރިވި މައްސަލަ ބަލަން ނިންމުމުން ޖޭއެސްސީއަށް

ރާއްޖެއަށް މިދިޔަ އަހަރު އެތެރެކުރި 98 ކިލޯގެ ޑްރަގް މައްސަލައިގައި ކޯޓު އަމުރަށް ނުކިޔަމަންތެރިވި ކަމަށް ބުނެ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)ގެ މައްސަލަ ބަލަން ސ. ހިތަދޫ ކޯޓުން ނިންމުމާ ގުޅިގެން، އެ މައްސަލަ އެ ކޮމިޝަނުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފި އެވެ.

ކަނޑުމަގުން އައްޑޫއަށް އެތެރެކުރަނިކޮށް މިދިޔަ އޮކްޓޫބަރު މަހު އަތުލައިގަތް 98 ކިލޯގެ ޑްރަގް މައްސަލައިގައި 10 މީހަކަށް ވަނީ ދައުވާކޮށްފަ އެވެ. ނަމަވެސް އޭގެ ތެރެއިން އެކަކަށް ޑޮކްޓަރުގެ ލަފައާ އެކު ބޭސްފަރުވާ ދެމުންދާކަން ކަށަވަރުކުރުމަށް އެޗްއާރުސީއެމްގެ މައްޗަށް ކޯޓުން އަމުރެއް ނެރުނެވެ.

އެ މައްސަލައިގައި ދައުވާ ލިބޭ އިތުރު މީހަކު ކޮވިޑް-19 އާއި ގުޅިގެން ކޯޓަށް ހާޒިރު ކުރެވެން ނެތް ކަމަށް ކަރެކްޝަނަލް ސާވިސް އިން އެންގުމުން އެކަން ބެލުމަށް ވެސް އެޗްއާރުސީއެމްގެ މައްޗަށް އެ ކޯޓުން އަމުރު ކުރި އެވެ.

އެ ދެ މީހުންގެ ބަންދު މުރާޖައާ ކުރުމަށް ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހިތަދޫ ކޯޓުން ނިންމާފައި ވަނީ ބޭސްފަރުވާގެ ކަންކަން ބެލުމަށާއި، އެ ދެ މީހުން ކޯޓަށް ހާޒިރު ނުކުރެވޭ ފަދަ ސިއްހީ ސަބަބެއް އޮޮތްތޯ ބެލުމަށް އެޗްއާރުސީއެމްގެ މައްޗަށް ކޯޓުން ނެރުނު އަމުރަށް އެ ކޮމިޝަނުން ތަބާވެފައި ނުވާ މައްސަލަ ބެލުމަށެވެ.

މައްސަލަ ބަލަން ނިންމުމުން އެޗްއާރްސީއެމުން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ 98 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހިމެނޭ ދެ މީހެއްގެ އިންސާނީ ހައްގު ގެއްލުނު ކަމަށް ބުނާ މައްސަލަ ބެލުމަށް ކޯޓުން ނިންމާފައި ވަނީ އެ ކޮމިޝަނުގެ މިނިވަންކަމާއި މުސްތަގިއްލުކަމާމެދު ސުވާލު އުފެދޭ ގޮތަށް ކަމަށެވެ.

ހިތަދޫ ކޯޓުން އެ މައްސަލަ ބަލަން އަމުރު ކޮށްފައި ވަނީ 10 ދުވަސް ތެރޭގައި ކަމަށާއި އޭގެ ސަބަބުން ކޮމިޝަނަށް ގާނޫނީ ގޮތުން ލިބޭ ބާރުތައް ހަނިވެ، މިނިވަންކަމާއެކު މަސައްކަތްކުރުމަށް ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އެޗްއާރްސީއެމުން ބުނީ އެ އަމުރުތަކާ ގުޅިގެން ބޭއްވި ބައްދަލުވުންތަކުގައި އަމުރު ނެރެން ޖެހުނީ ކޯޓުގައި ސިޓީ ފޯމެޓެއް ނެތުމުން ކަމަށާއި އެ ކޯޓުގައި އޮތީ ހަމައެކަނި އަމުރު ފޯމެޓު ކަމަށް ހިތަދޫ ކޯޓުން ބުނެފައިވާ ކަމަށެވެ. އަދި މައުލޫމާތު ހޯދުމަށް އެހެން އިދާރާތަކަށް ވެސް ފޮނުވަނީ ކޯޓު އަމުރު ކަމަށް އެ ކޯޓުން ބުނެފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އަމުރުތަކުން ހޯދަން އެދިފައިވާ މައުލޫމާތުތަކަކީ ކޯޓުތަކުން އެ ކޮމިޝަނަށް ލިޔުމުން އެދުމުން ފޯރުކޮށްދެމުން ގެންދާ މައުލޫމާތުތަކެއް ކަމަށާއި، ހިނގަމުންދާ ޝަރީއަތެއްގައި ވެސް އެ މައުލޫމާތުތަކަށް އެދުމުން މައުލޫމާތު ހޯދުނު އެންމެ އަވަހަށް އެފަދަ މައުލޫމާތުތައް ކޯޓުތަކާއި ހިއްސާ ކުރާ ކަމަށްވެސް އެކޮމިޝަނުގެ ބަޔާނުގައިވެ އެވެ. އެހެންކަމުން މި މައްސަލައިގައި ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމާފައި ނިންމުމާ ގުޅިގެން އެ ކޮމިޝަނުގެ ކަންބޮޑުވުންތަކެއް ހުރުމުން އެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅާފައިވާނެ ކަމަށް ކޮމިޝަނުން ވަނީ ބުނެފަ އެވެ.