ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ފަޅުރަށެއްގައި ފޮރުވާފައި ހުއްޓާ އަތުލައިގަތް 215 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ދެ މީހުންނަށް ފުލުހުން އަނިޔާކުރި މައްސަލައެއް ބަލަން އެޗްއާރްސީއެމް އަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
މަސްތުވާތަކެތީގެ މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ރ. މަޑުއްވަރީ ފިނިފަރު، އަލީ ޝާކިރު 42، އާއި، ރ. މަޑުއްވަރީ ފެހިއަލި، ނިމާލް އަބްދުލްހާރިސް 33، އެވެ.
އެ އޮޕަރޭޝަނުގައި ފުލުހުން އަތުލައިގެންފައި ވަނީ 215 ކިލޯގެ ހެރޮއިން އެވެ. އެތަކެތި އަތުލައިގެންފައި ވަނީ ރ. ޅާނބުގަލިންނެވެ.
މި މީހުންގެ ބަންދު މުރާޖާ ކުރަން އިއްޔެ ވަނީ ކޯޓަށް ގެންގޮސްފަ އެވެ. ކޯޓުގައި ދެ މީހުން ވެސް ބުނެފައި ވަނީ ފުލުހުންގެ ފަރާތުން އެމީހުންނަށް ގިނަ އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު ކޯޓު އަމުރުގައި އެމީހުންނާ ހަވާލާދީ ބުނެފައިވަނީ ފުރަތަމަ ވެސް އެ ފަޅުރަށަށް އެމީހުން ގެންދިޔަ ގޮތަށް ފުލުސް އޮފިސަރު ކަންފަތްމަތީގައި ޖެހީ ކަމަށެވެ. ފުލުހުން ޕެޕާ ސްޕްރޭ ޖަހައި އަތުންނާއި ފައިން ގައިގައި ތަޅައި އަނިޔާކުރި ކަމަށެވެ. އޭގެ ސަބަބުން ހެއަށް ގޮތްވެ ވާނުވާ ނޭނގޭ ވަރަށް ފުލުހުން އަނިޔާ ކުރި ކަމަށް ކޯޓުގައި އެމީހުން ވަނީ ބުނެފަ އެވެ.
ދެ މީހުންގެ ތެރެއިން ޝާކިރު ބުނެފައި ވަނީ ލިބުނު އަނިޔާތަކުގެ ސަބަބުން އަމިއްލައަށް އެކަނި ނޫޅޭވޭ ކަމަށެވެ. ނަމަވެސް އެ މީހުންނަށް އަނިޔާކުރި ކަމަށް ފުލުހުން އިންކާރުކުރި އެވެ. އަދި ހެދި އެއްވެސް މެޑިކަލް ޓެސްޓަކުން އެމީހުންނަށް އަނިޔާކޮށްފައިވާކަން ހާމަވެފައި ނުވާ ކަމަށް ފުލުހުން ބުނެ އެވެ. ނަމަވެސް ގާޒީ އާދަމް މުހައްމަދު ވަނީ އެ މައްސަލަ ބެލުމުގެ އަމުރެއް އެޗްއާރްސީއެމްގެ މައްޗަށް ނެރުއްވާފަ އެވެ.
މީގެ އިތުރުން އެމީހުންގެ ބަންދު މުރާޖާކުރުމަށްފަހު އެމީހުން ދޫކޮށްލަން ޖެހޭ ސަބަބެއް ނެތް ކަމަށް ގާޒީ ނިންމެވި އެވެ. އެހެންކަމުން އެމީހުންގެ ބަންދަށް ވަނީ އިތުރު 15 ދުވަސް ޖަހައިފަ އެވެ.