ކްރިމިނަލް ކޯޓް

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިން މީހަކު 15 ދުވަހަށް ބަންދުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި މާލެއިން ތިން މީހަކު 15 ދުވަހަށް ބަންދުކޮށްފި އެވެ.

މި މައްސަލައިގައި ބަންދުކޮށްފައިވަނީ ލ. ކަލައިދޫ، އެވަގްރީން، މުހައްމަދު އައިޝަރު ޔޫސުފް (22އ)، ކ. ކާށިދޫ، އަންދަލީބުގެ، މުހައްމަދު މައިހާން ފަޔާޒް (19އ) އަދި ދ. ކުޑަހުވަދޫ، ރަނަކުރި، އިބްރާހީމް މާޖިދު (31އ) އެވެ.

ފުލުހުން ބުނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ފުލުހުންގެ އިންޓެލިޖަންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ތިން ގެއެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. ބަލައި ފާސްކުރުމުގެ ތެރެއިން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި އެ ތަންތަން ބަލައި ފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ 1142.04 ގްރާމުގެ ތަކެއްޗާއި 86،000 އަށް ވުރެ ގިނަ ރުފިޔާ ފެނިފައިވާ ކަމަށެވެ.

މައްސަލައާ ގުޅިގެން މި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ މުއްދަތު ދީފަ އެވެ.