ރައީސް މުހައްމަދު ނަޝީދު

ހަށިގަނޑު ގޮއްވާލައިގެން ރައީސް ނަޝީދަށް ހަމަލާ ދީފާނެ: ހަލީމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް "ޖާނުން ފިދާވުމުގެ ހަމަލާއެއް" ދޭން އުޅޭކަމަށް ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވެއްޖެ އެވެ.

ޖަނާވާރުންގެ ސިއްހަތާ ބެހޭ ބިލަށް މިއަދު މަޖިލީހުގައި ކުރި ބަހުސްގައި ހަލީމް ވިދާޅުވީ ބުއްދި ގަބޫލުނުކުރާ ޒާތުގެ ވާހަކަ ރައީސް ނަޝީދު ދައްކަވާކަމަށް ބައެއް މީހުންނަށް ގަބޫލުކުރެވޭ ފަހަރު އަންނަ ކަމަށާއި އެފަދަ ވާހަކަތައް ޖޯކަކަށް ވެގެން ވެސް އުޅުއްވާ ކަމަށެވެ. އެހެން ނަމަވެސް އާހިރުގައި ރައީސް ނަޝީދު ވިދާޅުވާ ގޮތަށް ކަންކަން ނިމިގެންދާ ކަމަށެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ހައެއް ފަހެއްގައި ދިން ޓެރަރިސްޓް ހަމަލާއަށް ފަހު އެމަނިކުފާނު މިހާރު ހުންނެވީ އިތުރު ފަރުވާއަށް އިނގިރޭސިވިލާތުގަ އެވެ. ހަމަލާއަށް ފަހު އެނބުރި ރާއްޖެ ވަޑައިގަންނަވަން ޖެހިލުންވާކަމަށް އެމަނިކުފާނު އިއްޔެ ވަނީ ވިދާޅުވެފަ އެވެ. އަދި ޗުއްޓީ އިތުރުކޮށްދެއްވުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފަ އެވެ.

ހަލީމް މިއަދު ވިދާޅުވީ ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވަން ޖެހިލުންވަނީ އެމަނިކުފާނު އަވަހާރަކޮށްލަށް ހަމަލާ ދިނުމުގެ ފުރުސަތު އޮތުމުން ކަމަށާއި އެއްގޮތަކަށްވެސް ރާއްޖޭގައި ބޭސްފަރުވާކުރެވެން ނެތިގެން ނޫން ކަމަށެވެ.

"އެހެންވީމާ މިވަގުތު ވަޑައިނުގެން ހުންނެވީ އެމަނިކުފާނު އަވަހާރަކޮށްލަން އެ ހަމަލާދިން ބޭފުޅުން އަދިވެސް މަގުމަތީގައި ދޫވެފައި ތިބީމައާއި އަދި މިހާރުވެސް އެމަނިކުފާނަށް ކެނޑިނޭޅި ޖާނުން ފިދާވުމުގެ ހަަމަލާއެއް ދެން ދީފާނެކަމުގެ އިންޒާރު އަންނަމުން ދާތީއާއި އޭގެ މައުލޫމާތު ވަރަށް ރަނގަޅަށް ލިބޭތީ އަދިވެސް އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވައިގެން އެ ސަލާމަތާ ރައްކާތެރިކަން ނެތްކަމަށް ފެންނާތީ މަޑުކޮށްލައްވައިގެން އެ ހުންނެވީ،" ހަލީމް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ހަމަލާއެއް ދޭން އުޅޭކަމަށް ހަލީމް ތުހުމަތުކުރެއްވި އިރު މަޖިލީހުގެ ރައީސްއާއި އެހެން މެމްބަރުންނަށްވެސް ހަމަލާ ދޭން އުޅޭކަމުގެ ތުހުމަތު ކުރެވޭ ކަމަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލިޔާސް ލަބީބް އިއްޔެ ވަނީ ވިދާޅުވެފަ އެވެ.

މަޖިލީހުގައި އެމްޑީޕީގެ މެންބަރުން ކުރައްވަމުން ގެންދަވާ ތުހުމަތުތަކަށް ސަލާމަތީ ބާރުތަކުން ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.