ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ގދ. ތިނަދޫ

މަހެއް ނުވަނީސް އަލުން ތިނަދޫ ބަންދުކޮށްފި

Aug 17, 2021

ކޮވިޑް-19 ފެތުރޭތީ ގދ. ތިނަދޫ އަނެއްކާވެސް އެޗްޕީއޭ އިން ބަންދުކޮށްފި އެވެ.

ތިނަދޫ މީގެ ކުރިން މޮނީޓަރިންގެ ހާލަތަށް ގެނައުމަށްފަހު ހުޅުވައިލީ ތިން މަސް ފަހުންނެވެ.

އެފަހަރު ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، އެރަށުގައި ވަނީ 24 ގަޑިއިރު ކާފިއު ހިންގާފަ އެވެ. ބޭރަށް ނުކުމެވެނީވެސް ހަފްތާއަކު އެއްފަހަރު އެއް ގެއިން އެކަކަށް، އެއް ގަޑިއިރަށެވެ. އެރަށް ހުޅުވައިލީ މިދިޔަ ޖުލައި މަހުގެ 25 ވަނަ ދުވަހު އެވެ.

ތިނަދޫގައި ހުންނަ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުގައި އެރަށުގައި މިވަގުތު ބަލި ޖެހިފައި ތިބި ހަތް މީހަކެވެ. އިއްޔެ ޕޮޒިޓިވްވެފައި ވަނީ އެންމެ މީހެކެވެ. ނަތީޖާ ނުލިބޭ 43 މީހަކު އެބަ ތިއްބެވެ. އެރަށުން މިހާތަނަށް 943 މީހަކަށް ވަނީ ކޮވިޑް ޖެހިފަ އެވެ.

މީގެ އިތުރުން ބ. އޭދަފުށި ވެސް އިއްޔެ ވަނީ އަނެއްކާ ބަންދުކޮށްފަ އެވެ. އެރަށް މިދިޔަ އޭޕްރީލް މަހު ބަންދުކުރި ގޮތަށް ހުޅުވާލައިފައި ވަނީ ދެމަސް ފަހުންނެވެ. އެރަށް އަނެއްކާވެސް މޮނީޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ ކޮވިޑްގެ އާ ކޭސްތަކެއް ފެނުމާއި ގުޅިގެންނެވެ.

އެޗްޕީއޭގެ ބަންދުގައި މިހާރު އޮތީ 15 ރަށެކެވެ.