ޓެކްނޯލޮޖީ

ގޫގްލް ޕިކްސެލް 5އޭ މިމަހު ބާޒާރަށް

Aug 20, 2021

ގޫގުލްގެ އޭ ސީރީޒްގެ ފަހުގެ ފޯނު އެ ކުންފުނިން އިއުލާނުކޮށް އާންމުންނަށް ދައްކާލައިފި އެވެ.

މި ފޯނާ ގުޅޭ ބައެއް މައުލޫމާތުތައް ވަނީ މިއަހަރުގެ އެޕްރީލް މަހު ލީކް ކޮށްލާފަ އެވެ. އެކަމާ ގުޅިގެން ގޫގުލްގެ މި ފޯން މިއަހަރު ބާޒާރަށް ނުނެރޭނެ ކަމުގެ ވާހަކަތަކެއް އެ ދުވަސްވަރު ދެކެވިފައިވެ އެވެ.

ނަމަވެސް މިހާރު ގޫގުލް އިން މިވަނީ އާ ފޯން އިއުލާންކޮށް ބާޒާރަށް ނެރޭނެ ދުވަަސް ވެސް ހާމަކޮށްފަ ކޮށްފަ އެވެ. އެގޮތުން ފޯނު ބާޒާރަށް ނެރެން ހަމަޖެހިފައިވަނީ މިމަހުގެ 26 ވަނަ ދުވަހު އެވެ. މި ފޯނު ވިއްކުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ގޫގުލްގެ މާކެޓްތަކުންނެވެ.

މި ފޯނު ކުރިން ނެރުނު އޭ ސީރީޒް ތަކުގެ ފޯނުތަކާ އަޅާބަލާއިރު އަގު ހެޔޮ ވާނެ ކަމަށް ގޫގުލް އިން ބުނެ އެވެ. ޕިކްސަލް 4 އޭގެ ފޯނު 499 ޑޮލަރަށް ބާޒާރަށް ނެރެފައިވާއިރު ޕިކްސަލް 5 އޭގެ ފޯނު ވިއްކުމަށް ހަމަޖެހިފައިވަނީ 449 އެމެރިކާ ޑޮލަރަށެވެ.

އަލަށް ނެރޭ ފޯނުގެ ބައެއް ހާއްސަ ކަންކަމަށް ބަލާއިރު ޕިކްސަލް 5 އޭ އަށް ފަހުގެ ފައިވް ޖީ ސަޕޯޓު ކުރެ އެވެ. އަދި ކުރިއަށް ވުރެ ވަރުގަދަ ބެޓެރިއެއް ފޯނުގައި ބޭނުންކޮށްފައިވެ އެވެ. ކުރީގެ ފޯނުގައި 3885 މިލިއެމްޕިއަރުގެ ބެޓެރީ ބޭނުންކޮށްފައިވާއިރު ނެރެން ތައްޔާރުވަމުންދާ ފޯނުގައި ބޭނުންކޮށްފައިވަނީ 4680 މިލިއެމްޕިއަރުގެ ބެޓެރި އެވެ.

ޕިކްސަލް 5 އޭގެ ސްކްރީން ވެސް ބޮޑެވެ. އެގޮތުން 6.34 އިންޗީގެ އޯލެޑް ޑިސްޕްލޭ އަކީ 60 ހާޑްޒްގެ ރިފްރެޝްރޭޓެއް ހިމެނޭ ޑިސްޕްލޭ އެކެވެ. އަދި މި ބަދަލުތަކާއި އެކު މިފަހަރު ނެރޭ އޭ ސީރީޒްގެ ފޯނަކީ އައިޕީ 67 ދަރަޖައިގެ ވޯޓާޕްރޫފް ކޮށްފައިވާ ފޯނެކެވެ. އެހެންވެ މިފޯނަށް 3 ފޫޓު ފުންމިނުގައި 30 މިނިޓަށް ފެނުގެ ސަބަބުން ގެއްލުން ނުލިބި ގެންގުޅެވޭނެ އެވެ.