ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ހަރުކަށިފިކުރާއި ޑުރަގުން ސަލާމަތްވާނެ ޕްލޭނެއް ސަރުކާރުގައި އެބައޮތް: ރައީސް

ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމާއި މަސްތުވާތަކެތިން މުޖުތަމައު ސަލާމަތް ކުރަން ސަރުކާރުން ހާއްސަ ޕްލޭނެއް އެކުލަވާލާފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ތ. އަތޮޅަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު އޮމަދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ތަރައްގީގެ ވާހަކަ ދައްކާއިރު އިޖުތިމާއީ މައްސަލަތަކުގެ މަތިން ހަނދާން ނައްތައިލައިގެން ނުވާނެ ކަމަށެވެ. ރާއްޖެއަށް މިއަދު އިޖުތިމާއީ ގޮތުން އެންމެ ބޮޑަށް ކުރިމަތިވެފައި ވަނީ ހަރުކަށިފިކުރު ފެތުރުމާއި މަސްތުވާތަކެތީގެ މައްސަލަތައް ކަމުގައި ވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ ދެ މައްސަލަ ހައްލު ކުރަން ސަރުކާރުން މަސައްކަތް ކުރާ ކަމަށާއި އެ ދެ މައްސަލައަށް ހައްލު ހޯދަން ހާއްސަ ޕްލޭނެއް ހަދާފައިވާ ކަމަށެވެ. އެ ޕްލޭނަށް މިހާރު އަމަލުކުރަން ފަށާފައިވާތީ ހަރުކަށި ފިކުރާއި މަސްތުވާތަކެތީގެ މައްސަލައަށް ހެޔޮ ބަދަލުތަކެއް ގެނެވޭނެ ކަމަށެވެ. ނަމަވެސް ޕްލޭނާ ގުޅޭ އިތުރު ތަފްސީލެއް ރައީސް ވިދާޅުވެ ދެއްވާފައެއް ނުވެ އެވެ.

"މި ދެ ކަން ހުއްޓުވުމަށް ސަރުކާރުން ވަނީ ރަނގަޅު ޕްލޭނެއް ހަދާފައި. މިއީ މިކަންކަން ހުއްޓުވުމަށް ކޮށްފައިވާ ޕްލޭނެއް. މަސްތުވާތަކެތިން ޒުވާނުން ސަލާމަތްކުރަން ޖެހޭ ޕްލޭނެއް ހަދައި މިހާރު ވާނީ އޭގެ އަމަލީ މަސައްކަތް ފަށައިފައި،" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ މިފަދަ އިޖުތިމާއީ މައްސަލަތަކަށް އޮތް އެންމެ މުހިއްމު ހައްލަކީ އެންމެ ކުޑައިރުން ފެށިގެން ކުދިންނަށް ރަނގަޅު ތައުލީމު ދިނުން ކަމަށެވެ. ރަގަޅު ތައުލީމު ލިބިގެން ކުދިން ބޮޑުވާނަމަ މި ފަދަ ކަންކަމަށް އެކުދިންގެ އަމިއްލަ ނަފްސު ޖާގަ ނުދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ސަރުކާރުން މިފަދަ ކަންކަން ހުއްޓުވުމަށް ކުރާ މަސައްކަތުގައި، މުޖުތަމައު ސަލާމަތްކުރަން ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.