ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި އޮމަދޫ ބަނދަރު ހައްދަވައިދެއްވާނެ ކަމަށް ވެވަޑައިގެންނެވި ވައުދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފުއްދަވައިދެއްވައިފި އެވެ.
ތ އަތޮޅަށް މިހާރު ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެ އަތޮޅު އޮމަދޫއަށް މިއަދު ވަޑައިގެން އެރަށުގެ ބަނދަރު ރައީސް ވަނީ ރަސްމީކޮށް މިއަދު ހުޅުއްވައިދެއްވާފަ އެވެ.
ބަނދަރު ހުޅުއްވައި ދެއްވުމަށްފަހު ރައީސް ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭންގައި އޮމަދޫ ރައްޔިތުން އެންމެ ބޮޑަށް އެދުނީ އެރަށުގައި ލަފައިފުރުމަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުން ކަމަށެވެ. އެހެންވެ ރައްޔިތުން އެދުނު އެންމެ މުހިންމު މަސައްކަތް ނިންމާލެވި ބަނދަރު ހުޅުވަން ފުރުސަތު ލިބުމަކީ ލިބިވަޑައިގެންނެވި އުފާފުޅެއް ކަމުގައި ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އޮމަދޫ ރައްޔިތުން ދެވަނަ ކަމަށް އެދުނީ އެރަށުގެ ކަރަންޓު ހިދުމަތަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ކަމަށާއި ސަރުކާރުން އެކަމަށް ވެސް ހައްލު ހޯދައިދީފައި ވާނެ ކަމަށެވެ. އެގޮތުން ފެނަކައިން މިހާރު ވަނީ އެރަށުގެ ކަރަންޓު ހިދުމަތް އަޕްގްރޭޑްކޮށްފައި ކަމަށާއި ރަށުގެ އިންޖީނުގެ ވެސް މިހާރު އެހެން ތަނަކަށް ބަދަލުކޮށްދެވިފައިވާ ކަމުގައި ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ އޮމަދޫގެ ފެނާއި ނަރުދަމާގެ މަސައްކަތާއި އެރަށު ސުކޫލަށް ބޭނުންވާ މަލްޓިޕާޕަސް ހޯލުގެ މަސައްކަތް އަންނަ އަހަރު ފަށާނެ ކަމަށެވެ.
"ވޭތުވެދިޔަ ދޮޅު އަހަރަކީ ވަރަށް އުނދަގޫ އަހަރުތަކެއް. ވަރަށް ގިނަ ޕްރޮޖެކްޓްތައް މަޑުޖައްސާލަން ޖެހުނު. ނުފެށި ހުއްޓިފައި ޕްރޮޖެކްޓްތަކެއް ހުރި. ދައުލަތުގެ ފުދުންތެރިކަން ހުރި މިންވަރުން ކޮންމެހެން ހިންގަން ޖެހޭ މަޝްރޫއުތައް އަޅުގަނޑުމެން ހިންގިން. އެހެންނަމަވެސް ކުރިއަށް ގެންދިޔަ މަސައްކަތްތަކުގެ ތެރޭގައި މިރަށުގެ ބަނދަރުގެ މަސައްކަތް ހިމެނޭނެ،" ރައީސް ވިދާޅުވި އެވެ.
ތ އަތޮޅުގެ އެހެން ރަށްރަށުގައި ކުރަން ނިންމާފައިވާ އަދި މިހާރުވެސް ކުރަމުން އަންނަ މަޝްރޫއުތަކުގެ މައުލޫމާތު ވެސް ރައީސް ހިއްސާކުރެއްވި އެވެ. އެގޮތުން ބުރުނީގެ ފެނާ ނަރުދަމާގެ މަސައްކަތް ކުރަން ބަޔަކާ ހަވާލުކޮށްފައިވާނެ ކަމަށާއި އެރަށު ސުކޫލްގައި އަޅާ ހަ ކްލާސް ރޫމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.
ވިލުފުށީގައި 100 ހައުސިން ޔުނިޓް އަޅަން މާދަމާ އެގްރިމެންޓްގައި ސޮއިކުރާނެ ކަމަށާއި އެ އަތޮޅު ދެ ރަށެއްގެ ބިން ހިއްކަން ނިންމާފައިވާ ކަމަށްވެސް ވިދާޅުވި އެވެ. އެގޮތުން ހިރިލަންދޫ އަދި ކިނބިދޫގެ ބިން ހިއްކުމުގެ މަސައްކަތް އަންނަ އަހަރު ފަށާނެ ކަމުގައި ވިދާޅުވި އެވެ.
ރައީސްގެ މި ދަތުރުފުޅުގައި އެއަތޮޅުގެ ހަތް ރަށަކަށް ވަޑައިގަންނަވާނެ އެވެ. އޮމަދޫ އަކީ މި ދަތުރުފުޅުގައި ރައީސް ސޯލިހް ވަޑައިގެންނެވި ތިންވަނަ ރަށެވެ.