ދުނިޔެ

އަޝްރަފް ޣަނީ އެބަ ހުންނެވި: ޔޫއޭއީ

އަފްޣާނިސްތާންގެ ކުރީގެ ރައީސް، މުހައްމަދު އަޝްރަފް ޣަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި ހުންނެވިކަން އެ ގައުމުން ކަށަވަރުކޮށްދީފި އެވެ. ޔޫއޭއީން ބުނީ ޣަނީއަށް މަރުހަބާ ދެންނެވީ އިންސާނިއްޔަތަށްޓަކައި ކަމަށެވެ.

ޔޫއޭއީގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން ޣާނީއަށް މަރުހަބާ ދެންނެވުމުގައި ވަކި ޚާއްސަކަމެއް ނެތެވެ. އެއީ އަފްޣާންގައި ވެރިކަން ކުރެއްވި ބޭފުޅެއްގެ ހައިސިއްޔަތުން ދެއްވި މެހުމާންދާރީއެއް ނޫން ކަމަށް ވެސް އެ ގައުމުން ބުނެ އެވެ.

އަފްޣާން މީޑިއާއިން ކުރިން ރިޕޯޓްކޮށްފައި އޮތް ގޮތުން ޣަނީއަށް ދިއިރުޅުއްވާނެ ތަނެއް ޔޫއޭއީ އިން ވަނީ ދީފަ އެވެ. އެހެން ނަމަވެސް، ޔޫއޭއީ ފޮރިން މިނިސްޓްރީގެ ބަޔާނުގައި އެކަހަލަ ވާހަކައެއް ނެތެވެ. އަދި އެފަދަ މާނައެއް ވެސް ދޭހައެއް ނުވެ އެވެ.

އަޝްރަފް ޣަނީ ގައުމު ދޫކުރައްވައި ފިއްލެވީ ކަމަށް މީޑިއާތަކުން ޚަބަރުކުރި ނަމަވެސް ޣަނީ ވިދާޅުވީ ގައުމުގައި މަޑުކުރެއްވި ނަމަ ލޭއޮހޮރުވުމެއްގެ ބިރު އޮތް ކަމަށެވެ. އަދި ވިދާޅުވީ ގައުމު ދޫކުރައްވައި ވަޑައިގަތީ އިތުރު ހަމަނުޖެހުންތައް ހިނގައިފާނެތީ ކަމަށެވެ.

ޔޫއޭއީގައި ޣަނީ ހުންނެވިކަން އެގައުމުން އިއުލާންކޮށްފައި މިވަނީ ޣަނީ ވަޑައިގެންނެވި ތަނަކާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި ބޮޑު ބަހުސެއް ފެށިފައި ވަނިކޮށެވެ. ޣަނީގެ ސަޕޯޓަރުންނަށް ހީވެފައި އޮތީ ތާލިބާނުންނާ ގުޅުން ހުރި ކޮންމެވެސް ބަޔަކު ޣަނީ ފޮރުވީ ކަމަށެވެ.

އަފްޣާނަށް ތާލިބާނުން ގަދަވެގަނެ ރިޔާސީ ގަނޑުވަރަށް ދާންދެން ވަނީ ހިސޯރުކޮށްފަ އެވެ. ތާލިބާނުން ބުނީ އަފްޣާންގައި ދެން ވެރިކަންކުރާނީ އެ ޖަމާއަތުން ކަމަށާއި ތާލިބާނުންނަކީ އެންމެނާ ގުޅޭ ރަހުމަތްތެރި ބައެއް ކަމަށެވެ.