ދިޕިކާ ޕަދުކޯން

ރަންބީރަށް ކައިވެނި ކުރެވޭނީ ދިޕިކާ ހުއްދަ ދިނުމުން

Nov 24, 2015

ޒުވާން ދެތަރިން ކަމަށްވާ ރަންބީރު ކަޕޫރާއި ދިޕިކާ ޕަދުކޯން ބޮލީވުޑަށް ތައާރަފުވީ އިރުވެސް ދެމީހުން އުޅުނީ ލޯބީގެ ގޮތުން ގުޅިގެންނެވެ.

ރަންބީރު، ބަތަލާ ކެޓްރީނާ ކައިފް އެކުގައި ކުޅުނު "އަޖަބް ޕްރޭމްކީ ގަޒަބް ކަހާނީ"ގެ ޝޫޓީން ދުވަސްވަރު މިދެތަރިން ދެމެދުގައި ގާތްގުޅުމެއް އުފެދި، ރަންބީރު ވަނީ ދިޕިކާ ދޫކޮށް ކެޓްރީނާ ކައިރިއަށް ގޮސްފަ އެވެ.

ރަންބީރު ކަޕޫރާއި ދިޕިކާ ޕަދުކޯން އާ ދެމެދު އޮތް ލޯބީގެ ގުޅުމުގައި ސިއްކަ ޖެހި، ދިޕިކާގެ ހިތްހަލާކުވި ނަމަވެސް މިދެތަރިންގެ ދެމެދުގައި އަބަދުވެސް ވަރަށް ގާތް ރަހުމަތްތެރިކަމުގެ ގުޅުމެއް އޮވެ އެވެ.

ފުރުސަތެއް ލިބުމުން އެކަކު އަނެކަކު މަސައްކަތަށް ތައުރީފުކޮށް ހަދާތީ މިދެތަރިންގެ ދެމެދުގައި އޮންނަ ގުޅުން ހާމަވެގެންދެ އެވެ.

ރަންބީރާއި ކެޓްރީނާ ލޯބީގެ ގޮތުން ގުޅުނު ފަހުން ދިޕިކާއާއި ކެޓްރީނާގެ ދެމެދުގައި ބަހުގެ ހޫނު ހަމަލާތައް އަބަދުހެންމެ ބަދަލު، މިދެތަރިންގެ ދެމެދުގައި ބޮޑު ކޯޅުން ގަނޑެއް އޮވެ އެވެ.

މިހާރު ރަންބީރާއި ކެޓްރީނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ އެތަކެއް އަހަރުވެފައިވާއިރު، މިދެތަރިން ވަރަށް އަވަހަށް ކައިވެނިކުރާނެ ކަމުގެ އަޑު ދޭތެރެ ދޭތެރެއިން އަރަ އެވެ.

މިދެތަރިން ކައިވެނި ކުރާނެ ދުވަހަކަށް އިންތިޒާރުކުރާ އެތަކެއް ބަޔަކު ތިބިއިރު، ދިޕިކާ ވަނީ އޭނާ ހުއްދަ ނުދެނީސް ރަންބީރު ކެޓްރީނާއާއި ނީންނާނެ ކަމަށް ބުނެފަ އެވެ.

ރަންބީރާއި ދިޕިކާ ކުޅެފައިވާ ފިލްމު "ތަމާޝާ" ޕްރޮމޯޓްކުރުމުގެ މަސައްކަތް މިދެތަރިން ކުރަމުން އަންނައިރު، ދިޕިކާ ވަނީ އޭނާ އާނއެކޭ ނުބުނނަނީސް ރަންބީރު ކައިވެނި ނުކުރާނެ ކަމަށް ބުނެފަ އެވެ.

ދިޕިކާގެ މިވާހަކައާއި ގުޅިގެން ރަންބީރު ވަނީ ކައިވެނިކުރުން އެއީ އޮންނަ ކަމެއް ކަމަށް އޭނާ ގަބޫލުކުރާ ކަމަށާއި އެގޮތުން ކައިވެނިކުރާނެ ދުވަހެއް ކަނޑައެޅުމުން އެކަން ހާމަކުރާނެ ކަމަށެވެ.

ދެހާސް ހަތްވަނަ އަހަރު ރަންބީރާއި ދިޕިކާ ބޮލީވުޑަށް ތައާރަފުވެފައިވަނީ ސަންޖޭ ލީލާ ބަންސާލީގެ "ސާވަރިޔާ" އާއި ފަރާ ޚާންގެ "އޯމް ޝާންތީ އޯމް" އިންނެވެ.

މަދު އަހަރުތަކެއްގެ ތެރޭގައި ބުރަމަސައްކަތުން ދެމީހުންނަށް ވެސް ކެރިއަރުގައި އަންނަން ބޭނުންވި ހިސާބށް އާދެވިއްޖެ ކަމަށް ބުނަމުން ރަންބީރުވަނީ އެދެމީހުންގެ ފުރަތަމަ ފިލްމުގައި އެއް ސްޓޫޑިއޯއެއްގައި މަސައްކަތްކުރިއިރު، އެއްދުވަހު ދިޕިކާ "ސާވަރިޔާ"ގެ ސެޓްގެ ކުރިމަތިން "އޯމް ޝާންތީ އޯމް"ގެ ސެޓަށް ދިޔަ ދުވަސް ސިފަވަނީ އިއްޔެ ހިނގި ކަމެއްގެ ގޮތުގައި ކަމަށެވެ.

'އަށް އަހަރު ފާއިތުވެގެން ދިޔައީ ހީވެސް ނުކުރާ ގޮތަށް" ދެމީހުންވެސް ބޭނުންވި ހިސާބަށް އާދެވިފައިވާ ކަމަށް ބުނަމުން ރަންބީރު ބުންޏެވެ.

ދިޕިކާ އިތުރަށް ވަނީ ދެއެކްޓަރުން ދެފިލްމަކުން އެއް ދުވަހެއްގައި ބޮލީވުޑަށް ތައާރަފު ވުމަކީ ވަރަށް މަދުން ނޫނީ ނުވާ ކަމެއް ކަމަށާއި އެހެންކަމުން އޭނާ އެދެނީ ދުވަހަކުވެސް ރަންބީރު މިހާރު ހުރިގޮތަށް، ބަދަލުވުމެއް ނެތި ހުރުން ކަމަށެވެ.