ވާހަކަ

ގެއްލިދާކަށް ނޭދެން

ތިން ވަނަ ބައި (އާދީއްތަ ދުވަހުގެ ބަޔާގުޅޭ)

"އަނެއްކާވެސް ފޯނު ރިންގުވާން ފަށައި ފިއެވެ. ޔަނާލު ފޯނު ނެގުމަށްފަހު ބައްޕަޔާ ފުރަތަމަ ކުރި ސުވާލަކީ ގޭގައި އެ އުޅެނީ ކޮން އަންހެނެއް ހެއްޔެވެ؟ ޔަނާލުގެ ވިސްނުން ވަރަށް ތޫނެވެ. ބައްޕަގެ ކޮޓަރީގައި އޮތް ބައްޕަގެ ފޯނު ނަގާ ވަރުގެ އަންހެނަކި ކާކުތޯ ބަލަން ބޭނުންވިއެވެ. އެހެން އެހުމާ އެކު ބައްޕަ ބުންޏެވެ.

"އެއީ އޮފީސް މީހެއް، ބައްޕަ މިހުރީ އޮފީހުގަ."

ޔަނާލު އެހެން ހެއްޔޭ ބުނެ ހަމަ ޖެހިލިއެވެ. ގުޅީ ކީއްކުރަންތޯ ބައްޕަ އެހިއެވެ. ޔަނާލު ވާހަކަ ފަށާނެ ގޮތެއްވެސް ނޭނގުނެވެ. ބައްޕައަކީ ލޭމައްޗަށްދާ މީހެކެވެ. ހަކުރު ބަލީގެ އުނދަގޫ ހުންނަ ބަލި މީހެކެވެ. އެކަން ގަބޫލް ނުކުރަނީ ބައްޕަ އެވެ. ކޮންމެ ގޮތެއް ވިޔަސް ބައްޕައަށް ހަޤީގަތް އެނގެން ޖެހެއެވެ. ވުމާ އެކު ތެދަށް ހުރިހާ ވާހަކައެއް ކިޔައި ދިނެވެ. ފޯނު ބޭއްވުމަށްފަހު ސަދަފްއަށް ގުޅިއެވެ. ދަންވެފައި ހުރުމުން ނުދެވޭނެ ވާހަކަ ބުނެ މާއާފަށް އެދުމަށެވެ. ދެފަހަރަކު ގުޅުމުން ވެސް ފޯނެއް ނުނެގިއެވެ. ސަދަފްއަކީ ފިސާރި އަވަހަށް ރުޅި ގަދަވާ ކުއްޖެއް ކަމުން އިތުރަށް ދެން ނުގުޅުމަށް ނިންމާ މެސެޖެއް ކުރިއެވެ. ދިގު އުމުރަކަށް އެދޭ ވާހަކައެވެ. އަބަދުވެސް ހެޔޮ އެދޭ ވާހަކަ އެވެ ސަދަފް އުފަލުގައި ވުމަކީ ޔަނާގެ އެންމެ ބޮޑު ހިތް ހަމަ ޖެހުން ކަމަށް ބުނެ ވަރަށް ލޯބި ވެއޭ ވެސް ލިޔެލިއެވެ. މެސެޖު ލިޔެ ނިމުމާ އެއެކު ލިޔެފައިވާ އެއްޗަކަށް މާބޮޑު ބެލުމެއް ނެތި ފޮނުވާލިއެވެ. ކުޑައިރު ކޮޅެއްގެ ފަހުން ޖަވާބު އަތުވެއްޖެއެވެ. ސަދަފް އަދި މާބޮޑަށް ޔަނާދެކެ ލޯބި ވާހަކަ ލިޔެފައި އޮތެވެ. ކޭކު ނުފަޅާހުރި ކަމާ މާދަމާ ޔަނާ އައުމުން ކޭކު ފަޅަން ބެހެއްޓީ ކަމަށް ލިޔެފައި އޮތެވެ. އަދި ލިޔެފައި ވެއެވެ. ސަދަފްގެ މަންމައާއި ބައްޕަ މާދަމާ އަންނާނެއެވެ. ސަދަފް އެއްކޮން އެއާ ޕޯޓަށް ދާން ވާނެ އޭ ވެސް ލިޔެފައި އޮތެވެ. މެސެޖު ކިޔާ ނިމުމާއެކު ޔަނާލު ނަށައިގަތެވެ. ސަދަފް ޔަނާލު ދެކެ ލޯބިވާ ވާހަކަ ލިޔެފައި އޮތުމުންނެވެ. އޭނާ ދާނެ ކަމާ ބައްދަލު ކުރަން ކެތް މަދުވެފައިވާ ވާހަކަ ލިޔެ ޖަވާބު ފޮނުވާލިއެވެ.

ހެނދުނު ހެނދުނާ ތެދުވެގެން ދައްތަގެ ޚަބަރެއް ވޭތޯ އެމީހުން ދިން ނަމްބަރަށް ގުޅާލިއެވެ. އެކޮޅުން އާއިލާގެ މީހަކަށް ވަކީލަކާއެކު ދައްތައާއި ބައްދަލު ކުރެވިދާނެ ކަމަށް ބުނުމުން ހިތް ހަމަޖެހުން ލިބުނެވެ. އޭނާގެ މަންމަގާތު އެވާހަކަ ބުނެ ވަކީލަކު ހޯދުމާ ސަދަފްއާއި އެކު އެއާރޕޯޓަށް ދިއުމަށް ޓަކައި ގެއިން ނިކުތީ ފޮނި އިންތިޒާރަކާ އެކުގައެވެ. ސަދަފްގެ ގެއަށް ދިޔައިރު ފްލައިޓް އަވަސް ވުމުގެ ސަބަބުން ސަދަފްގެ މަންމައާއި ބައްޕަވަނީ އައިހެވެ. ވުމާއެކު ވަކީލަކު ހޯދަން ޖެހޭތީ ފަހުން އަންނާނެ ކަމަށް ބުނެ އެނބުރި ދާން ހިނގައިގަތެވެ.

ސަދަފް ފަހަތުން އައިސް ޔަނާލުގެ އަތުގައި ހިފިއެވެ. "ޔަނާ މަޑު ކޮށްބަލަ! މަންމަމެންނާއި ބައްދަލު ކޮށްފަ ދާން ވާނީ. މަންމަ އެބަ އާދެ!"

ސަދަފް އެހެން ބުނުމުން ހިތާ ދެކޮޅަށް ނަމަވެސް އޭނާ މަޑު ކުރިއެވެ. އެހެން ގޮތެއް ނެތުނީއެވެ. ސަދަފްގެ ހުރިހާ އެދުމެއް ބޮލާލައި ޖަހަން ނުކެރުނީއެވެ. ސިޓިންރޫމް ތެރެއަށް އެ ނުކުތީ ސަދަފްގެ މަންމަޔާއި ބައްޕަ ކަމަށް ބުނަމުން ޔަނާލުގެ އަތުން ދޫކޮށްލިއެވެ. ޔަނާލުގެ ފުރަތަމަ ނަޒަރުން ދެލޯ ބޮޑު ވެގެން ދިޔައެވެ. ބައްޕާއޭ ބުނަން ބޭނުންވިއެވެ. އެއްފަހަރު ސަދަފްގެ މޫނަށް އަނެއްފަހަރު ބައްޕަ ގެ މޫނަށް ބަލަމުން ދިޔައެވެ. މަސްލަޙަތު ހުރި ގޮތަކީ އިތުރަށް އެއްޗެކޭ ނުބުނެ އެތަނުން އޭނާ ދިއުންކަމުގައި ދެކުނެވެ. އެއަށް ވުރެ ބޮޑަށް ގަތީ ލަދެވެ.

ހަޑި ހުތުރު ލައްގަނޑެއް ނުޖެހެނީސް އެ އަނދަވަޅުން އޭނާ މިންޖު ކުރެއްވިކަން މައްޗަށް ﷲއަށް ޙަމްދު ކުރަމުން އެތަނުން ދިއުމަށް ދުއްވައިގަތެވެ. މަގުމަތިން ދިޔަ ކުރޮޅިއަކަށް އަރައިގެން ގެއަށް ދިޔައެވެ. އެދިޔަ ބާރު މިނުގައި މަންމައަށް ގޮވަން ފެށިއެވެ. ބިރެއް ފެނިފައިވާ މީހަކު ފަދައިންނެވެ.

"މަންމާ! ތެދަށް ޖަވާބު ދޭތީ! އެއްވެސް ކަމެއް އޮޅުވައި ނުލާތި! މަންމަ ބައްޕަޔާ އިނީ އަލަށްތަ؟ މަންމަ އަކީ ބައްޕަގެ ކިތައް ވަނަ އަނބިމީހާ؟" ހުރިހާ ސުވާލެއް ފައްޗަކަށް އަމުނަމުން ދިޔައެވެ.

މަންމަ ވަރަށް ހައިރާންވެ ހުރެ ޔަނާލުގެ މޫނަށް ބަލާލިއެވެ. އަދި ބުންޏެވެ. "ކިހިނެތް ވީ ؟ ކާކު ކީކޭ ކީތަ؟" ޔަނާލު ބުންޏެވެ.

"މީހަކު އެއްޗެކޭ ބުނީކީ ނޫން. ލޮލަށް ފެނުނީ. ބައްޕަގެ އިތުރު އަނތްބަކާ ދަރިން އެބަތިބި. ދަރިންނަށް އެނގެންޖެހޭ ވާހަކަތައް ބުނެދޭން ޖެހޭނެ. ހުރިހާ ލަދެއް ގަންނަން މި ޖެހުނީ އެހެން މީހުން. ކުށެއް ނުކުރެވެނީސް ކިރިޔާ މި ސަލާމަތްވީ" އެހެން ބުނުމަށްފަހު ރޯން ފެށިއެވެ.

އޭރު ގޭތެރެއަށް ބައްޕަޔާއި ދޮންމަންމަ އޭނާގެ ފަހަތުން އައިސް ވަންނަނީއެވެ. މަންމައަށް ވެސް ލިބުނީ އިތުރު ހައިރާން ކަމެކެވެ. ބައްޕަގެ އިތުރު އަނތްބެއް އިންނަކަމެއް ކުރިއަކުން ނޭނގޭއޭ ބުންޏެވެ. ބައްޕަ ކޮބާހޭ ޔަނާލު ގާތު އެހިއެވެ. ޔަނާލުއަށް ޖަވާބު ނުދެވިގެން އުޅެނިކޮށް ބައްޕަ "މިހިރީ" އޭ ބުނެ ޖަވާބު ދިނެވެ. ބައްޕަޔާ އެކު ސަދަފްގެ މުޅި އާއިލާ ތިބިތަން ފެނުމުން މަންމަ ހައިރާންވިއެވެ.

މި މަންޒަރު ފެނުމުން މަންމަ ހަމައިން ނެއްޓިއްޖެއެވެ. ރުޅިގަދަވެފައިވާ ސިންގާއެއް ފަދައިން ބައްޕަގެ ގަމީހުގެ ގޮށްފޮތީގައި ހިފާ ދަމައިގަތެވެ.

ބައްޕަގެ ގާތުގައި އަނެއް ބަނޑުގެ ފަސް ކުދިން ތިއްބެވެ. އެ މީހުން މަންމަގެ ވަކި ތަކުން ބައްޕަ ސަލާމަތް ކުރަން އުޅުމުން އެމީހުންނަށް ދުރުގައި ތިބުމަށް ބައްޕަގެ އަތުން އިޝާރާތް ކުރިއެވެ. އަދި މަންމަ ގޮވައިގެން ގޮސް އެތާހުރި ސޯފާގައި ބޭންދިއެވެ. ރުޅިއިސް ނުކުރުމަށް އެދުނެވެ. މަންމައާއި ބައްޕަ އިންނަން ޖެހުނު ގޮތް ކިޔައި ދިނެވެ. މަންމައަކީ މައިންބަފައިން ނެތް ޔަތީމް ކުއްޖެއްކަމާއި އަޅާލާނެ މީހަކު ނެތި މަންމަގެ ރަށް މާރަންދޫގައި ގިނަވެފައި ވަނިކޮށް އެ ރަށަށް ކާފަ ކުރި ދަތުރެއްގައި މާލެ ގެނެސް ކާފަޔާއި މާމަ ބަލާ ބޮޑު ކުރީކަމަށް ބުންޏެވެ. މާމަމެން ނިޔާވާ ދުވަހަކުން މަންމަ އެކަނިވެރި ވެދާނެތީ ބައްޕަ ގާތު ދެއަނތްބަށް އިނުމަށް އެދުމުން އެކަން ބޮލާލައި ނުޖެހުމުގެ ގޮތުން ކައިވެނި ކުރީ ކަމަށް ބުނަމުން ދިޔައެވެ.

އެއްފަސްގަނޑެއްގައި ތިބުމުން ހަޤީގަތް އެނގި މައްސަލަ ޖެހިދާނެތީ ދޮށީ އަނތްބާއި ކުދިންގެ ދިރިއުޅުން ލަންކާއަށް ބަދަލު ކުރަން މަޖުބޫރުވީ ކަމަށް ބުނިއިރު ބައްޕަގެ ލޯވެސް ވަނީ ފެންކަޅި ވެފައެވެ. މަންމަގެ ލޮލުން ފައިބަ ފައިބާ ހުރި ކަރުނަތައް ބައްޕަގެ އޯގާތެރި އަތުން ފުހެލަދިނެވެ. ހުރިހާ ކަމެއް ސިއްރު ކުރީ މަންމަގެ އުފަލަށް ކަމަށް ބުނަމުން ދިޔައެވެ. މަންމަގެ ގޮތް ދޫނުކުރުމުގެ ސަބަބުން ވަރި ބަސް ބައްޕަގެ ދުލުން ބޭރުވެދާނެ ކަމުގެ ބިރަށްޓަކައެވެ. ސިއްރު ކުރެވުނު ކައިވެނިގެ ސަބަބުން ނަސްލުގެ އޮޅުން ބޮޅުން ތަކެއް ދަރިންގެ މެދުގައި ހިނގާ އެއްދަރި އަނެއް ދަރިއާ ހިތާވެދާނެ ކަމަކަށް ކުޑަކޮންވެސް ވިސްނިފައި ނެތީ ކަމަށް ބުންޏެވެ ހުރިހާ ދަރިންގެ ފުށުން ބައްޕަ މަޢާފަށް އެދުނެވެ. ބައްޕަ އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.

"މިއަދުން ފެށިގެން ދެބައި މީހުން އުޅެން ވާނީ އެއް އާއިލާއެއްގެ ގޮތުގައި، އެއްވެސް އަނތްބަކު އަދި އެއްވެސް ދަރިއަކު މިކަމާ ދެކޮޅު ހަދައިގެން ނުވާނެ." އެހެން ބައްޕަ ބުނުމުން ދެބުމަ ގޮށްޖަހާ މަންމަގެ މޫނު ކުނި ކޮށްލި ތަން ޔަނާލު އަށް ފެނުނެވެ. މިތަންފެނިފައި ޔަނާލު މަންމައާއި މުޚާޠަބުކޮށް ވާހަކަ ދައްކަން ފެށިއެވެ.

"ބައްޕަގެ އެ ނިންމުމާ މެދު މަންމަ ނުރުހުން ނުވޭ! އާއިލާ ރޫޅުމަކީ އަހަރެން އެދޭ ގޮތެއް ނޫން. ރޫޅިގެންދާ އާއިލާގެ ޝިކާރައަކަށް ދަރިން ވެ އެދަރިންގެ މުސްތަޤްބަލް ނާމާން ވާކަށް ނޭދެން. އެކަކު އަނެކަކަށް ދޫކުރުމަކީ އަނބި ދަށުވެ، ފިރިދަށު ވުމެއް ނޫން. ބައްޕަގެ އެ ޤުރުބާނީގެ ފަހަތުގައި ވަނީ ކައިވެންޏާއި އާއިލާ ހިމާޔަތް ކުރުން . މަންމައަށް އުނީވީ ކޮންހައްޤެއް. އުނިވި އެއްޗެއް އުނިވީ މަންމަގެ ގޮތް ދޫނުކުރުމުން. ބައްޕައަކީ ހަރުކަށި ނުބައި މީހެއްނަމަ މަންމަ ދޫކޮށްފަ ދާނެތާ ކިތަންމެ ދުވަހެއް. ދަރިން މައިންބަފައިންގެ މަދަދަށް އެންމެ ބޭނުވާ ދުވަހު ދެފަރާތުގެ ލޯބިން މަހްރޫމް ކޮށްގެން ނުވާނެ. އިސްލާމްދީނުގައި ހަތަރު އަނބިން ހުއްދަ ކުރެއްވުމުގައި ވެސް ފޮރުވިފައިވާ ޙިކުމަތްތަކެއް ވާނެ. މިއަދު މަންމައަށް ބައްޕަގެ ހަޔާތުން އަނތްބެއްގެ މަޤާމް ލިބިފައި ތިޔަ ވަނި އެބީދައިން. އަހަރެންގެ ދުޢާއަކީ ހެޔޮވިސްނުންތެރިންގެ ތެރޭގައި ﷲ މަންމަ ލެއްވުން."

ހުރީހާ ކުދިންގެ އަތް ގުޅުވާ ލަމުން ޔަނާލު ވަރަށް ލަދުން ހުރެ ސަދަފްގެ އަތުގައި ހިފަމުން މާފްކުރާށޭ ބުންޏެވެ.

ސަދަފް އަށް ލަދުން އިސްއުފުލާ ބަލާލަން ވެސް ނުކެރުނެވެ. ލޯބި ވެވުނީ އެއްބަފާ ބޭބެދެކެކަން އެނގުމުންނެވެ.

ދުވަހުން ދުވަހަށް ވަކީލަކު ހޯދައިގެން ދައްތަ ސަލާމަތް ކުރުމުގެ މަސައްކަތް ބައްޕައާއި އެކު ޔަނާލު ފެށިއެވެ. ރިހިބިލިޓޭޝަން ސެންޓަރަކަށް ދައްތަ ބަދަލުކޮށް އަލުން މުޖުތަމަޢަށް ނެރުމަށް ކުރެވެން ހުރި ހުރީހާ މަސައްކަތެއް ކުރިއެވެ. ނަމަވެސް ތަޤުދީރުގެ ޕްލޭނާއި އެއްގޮތަށް ދައްތަ ރާއްޖެ ނުގެނެވެނީސް ގޮހޮރުގެ ކެންސަރުގެ ޝިކާރަ އަކަށްވެ، މަރާ ހަނގުރާމަކޮށް ނިމި ދިޔައީއެވެ. ޔަނާލުގެ ހުރިހާ ހަކަތައަކާއި ވިސްނުމެއް ހުސްކުރީ އާއިލާއަށްޓަކައެވެ. ދުނިޔޭގެ ހަޔާތާއި އާޚިރަތުން ގެއްލިދާން ނޭދޭތީއެވެ. (ނިމުނީ)

ފުރަތަމަ ބައި:

ދެ ވަނަ ބައި: