އޭސީސީ

އަހަރު ދެބައިވީ، އޭސީސީން ދައުވާ ކުރަން ފޮނުވުނީ ތިން މައްސަލަ

އަހަރު ދެބައިވިއިރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުނީ އެންމެ ތިން މައްސަލަ އެވެ. އެ މައްސަލަތައް ފޮނުވާފައި ވަނީ މި އަހަރުގެ ފުރަތަމަ ތިން މަސް -- ފުރަތަމަ ކުއާޓާ-- ގަ އެވެ. މިހާރު ހިނގަމުންދަނީ ތިންވަނަ ކުއާޓާ އެވެ.

އޭސީސީން ފުރަތަމަ ކުއާޓާގައި ޕީޖީއަށް ފޮނުވާފައިވާ މައްސަލަތަކަކީ ދިއްދޫ ފްލެޓްތަކުގެ މައްސަލައާއި، ވެމްކޯއިން ވެހިކަލް ހޯދި މައްސަލައިގެ އިތުރުން އެސްޓީއޯއިން އިމްޕޯޓްކުރި އެޓްކޯ ބޭހުގެ މަސައްލަ އެވެ.

ދިއްދޫ މައްސަލަ އަކީ ގެދޮރުވެރިކުރުވުމުގެ ޕްރޮގްރާމްގެ ދަށުން އެ ރަށުގައި އިމާރާތް ކޮށްފައިވާ ފްލެޓް ދޫކުރުމުގައި ސިޔާސީ ގޮތުން ނުފޫޒު ފޯރުވައި، ހައްގު ނޫން ފަރާތްތަކަށް ފްލެޓް ދީފައިވާ ކަމަށް ބުނާ މައްސަލަ އެވެ. އެ މައްސަލަ ޕީޖީއަށް ފޮނުވާފައި ވަނީ މާޗް މަހުގެ އަށެއްގަ އެވެ.

ވެމްކޯ މައްސަލަ ޕީޖީއަށް ފޮނުވާފައި ވަނީ ފެބްރުވަރީ 28 ގައެވެ. އެ މައްސަލައިގައި ބުނެފައިވަނީ ވެމްކޯ އަށް ހެވީ ވެހިކަލް ހޯދުމަށް ކޮށްފައިވާ އިއުލާނުގައި ވެހިކަލްތައް ހަތް ދުވަހުގެ ތެރޭގައި ޑެލިވަރީ ކުރަންޖެހޭނެ ކަމަށެވެ. ވެހިކަން ޑެލިވަރީ ކުރުމަށް ހަތް ދުވަސް ދީފައިވަނީ ވަކި ކުންފުންޏަކުން ވެހިކަލް އެތެރެކޮށްފައިވާތީ ކަމަށާއި އެއީ ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުން ކަމަށް އޭސީސީން ތުހުމަތުކުރެ އެވެ.

އެސްޓީއޯ އިން 2016 ވަނަ އަހަރު އިމްޕޯޓްކުރި އެޓްކޯ ބޭހުގެ ބެޗެއްގެ ބޮޑު ބައެއް 2018 ވަނަ އަހަރުގައި މުއްދަތު ހަމަވިއިރު، އެ ކުންފުނިން ބޭހުގެ އިތުރު ބެޗެއް އެ އަހަރު ޑިސެމްބަރުގައި އޯޑަރުކުރި މައްސަލަ ވެސް ފެބްރުއަރީގައި ޕީޖީ އަށް ފޮނުވާފައިވެ އެވެ.

އޭސީސީ އަކީ ކޮންމެ މަހަކު ވެސް ގިނަ މައްސަލަތަކެއް ހުށަހަޅާ އިދާރާ އެކެވެ. ނަމަވެސް އަހަރު ދެބައިވިއިރު އޭސީސީން ޕީޖީއަށް ފޮނުވުނީ އެންމެ ތިން މައްސަލަ އެވެ. އެ ކޮމިޝަނުން ކުރިން ބުނި ގޮތުގައި މި އަހަރުގެ ތެރޭގައި 35 މައްސަލައެއް ދައުވާ ކުރަން ފޮނުވޭނެ އެވެ.

މިކަމާ ގުޅޭގޮތުން އަވަސް އިން ސުވާލު ކުރުމުން އޭސީސީގެ އޮފިޝަލަކު ވިދާޅުވީ މައްސަލަތަކަކީ ވަރަށް ބޮޑަށް ބަލައި ދިރާސާ ކުރަން ޖެހޭ މައްސަލަތަކެއް ކަމަށެވެ. މަދު މައްސަލައެއް ޕީޖީއަށް ފޮނުވާފައިވީ ނަމަވެސް ކޮމިޝަނުން ކުރި މަސައްކަތްތައް މަދު ނުވާނެ ކަމަށްވެސް ވިދާޅުވި އެވެ.

"މިއީ ފުރަތަމަ ތިން މަހު ދައުވާކުރަން ފޮނުވުނު އަދަދަށްވީ ނަމަވެސް ގިނަ މައްސަލަތަކެއްގެ ތަހުގީގު ހިނގަމުން އެބަދޭ،" އޮފިޝަލު ވިދާޅުވި އެވެ.