ދީން

އޭ ކަދުރު ގަހާއެވެ! ހުއްޓާލާށެވެ!

Jan 16, 2015
6

މިއަދަކީ ހުކުރު ދުވަހެވެ. ހުކުރު ދުވަހަކީ، ހަފްތާގެ މަސައްކަތަށްފަހު، އަރާމު ކޮށް، ޢާއިލާއާއެކު ވަގުތު ހޭދަ ކޮށްލުމަށް ލިބޭ ޗުއްޓީ ދުވަހެވެ. ނަމަވެސް، ވޭތުވެދިޔަ އަހަރެއްހައި ދުވަހު އަޅުގަނޑަށް ހުކުރު ދުވަހު ހޭލެވެނީ، އަޅުގަނޑުގެ އަވަށްޓެރިޔާ ޓައިލްސް ކަފާ އަޑަށެވެ. އޭނާގެ ގޭގެ މަސައްކަތް ކުރުމަށް އޭނާއަށް ލިބެނީ ހަމައެކަނި ހުކުރު ދުވަހެވެ. އެހެންވީމާ ޓައިލްސްވެސް ކަފާނެއެވެ. ކަރަންޓު ކީސްވެސް ޖައްސާނެއެވެ. އެގޯތި ކާރު ދޮވެ ނިމެންދެން ކާރުގެ އިންޖީނު ޖައްސާފައިވެސް ބާއްވާނެއެވެ.

އަޅުގަނޑުގެ ގެއާ ޖެހިގެން ހުންނަނީ މިސްކިތެކެވެ. އެމިސްކިތަގައި އެއް ދުވަސްވަރެއްގައި ބަންގި ގޮވަން ހުރި މުދިމު ފިސާރި ބާރަށް ބަންގި ގޮވައެވެ. ބާރަށް ބަންގި ގޮވުމަކުން އަޅުގަނޑުގެ މައްސަލައެއް ނެތެވެ. 

އެހެން ވާހަކައެވެ. އަޅުގަނޑުމެން އެއްތަނުން އަނެއް ތަނަށް ސައިކަލުގައި ދަތުރު ކުރާއިރު، ގެއިން ނުކުންނަ ގޮތަށް ދާން ބޭނުންވާ ތަނަކަށް ދެވެންދެން، ސައިކަލުގެ ފުރޮޅު ހުއްޓުމަކީ އެއްގޮތަކަށްވެސް ޤަބޫލު ކުރެވޭ ކަމަކަށް ނުވެއެވެ. އެއްވެސް ސަބަބަކާހުރެ (އެއީ، ކުރިމަތީގައި މަޑުކުރި ކާރަކުން މުސްކުޅި މީހަކު ފައިބަން ކަމަށްވިޔަސް، ލޮރީއަކުން ފިހާރައަކަށް ފެންފުޅި ކޭހެއް ބާލަން މަޑުކޮށްލުމުން ކަމަށްވިޔަސް) ސައިކަލުގެ ފުރޮޅު ހުއްޓިއްޖެނަމަ، އެވީ ބަަރުގޮނު އަޅާށެވެ. އެކި ރާގު ރާގަށެވެ. މަޑުކުރި މީހާއަށް ސަހަރޯއޭ ހީވާ ވަރަށް، އަދި ކައިރީގައި ހުރި ގޭގޭގައި ނިދާފައި ތިބޭ ކުޑަކުދިން ހޭލާވަރަށް ބަރުގޮނު އެޅެއެވެ. މިވާހަކައިގެ 'ނުކުތާ' ފަހުން ދަންނަވާނަމެވެ.

ކަރައިގެ މީހުން، އަވަށްޓެރިން މާނަކުރަނީ އޭގެ ފުޅާ މާނައިގައެވެ. މިސާލަކަށް، ނޯވޭގެ ޓްރޮންޑްހެއިމް އެއަރޕޯޓާއި، ސިވިޒަލޭންޑުގެ ޒިއުރިކް އެއަރޕޯޓު، ދަންވަރު 12 ޖަހާއިރު ބަންދުކުރެއެވެ. އެއީ، އަވަށްޓެރިންނަށް ތުރާވެދާނެތީއެވެ. އިނގިރޭސި ވިލާތާއި، ޔޫރަޕުގެ ގިނަ ޤައުމުތަކުގައި، މަގުމަތީގައި ދުވާރު ހަދާއިރު، ދުވާރަށް އަރާ ގަސްތައް ކަނޑާލުމުގެ ބަދަލުގައި، އެގަސްތަކަށް ޖާގަ ދީގެން މަގު ހަދައެވެ. ޔޫރަޕާއި ޖަޕާނުގައިވެސް، އެއް ތަނުން އަނެއް ތަނަށް ބަރު ތަކެތި އުފުލުމާއި، ގޭތެރެ ސާފުކުރުމަށް ވެކިއުމް ކްލީނަރު ޖެއްސުމާއި މިޒާތުގެ އަޑުގަދަވާ ކަންކަން ކުރަން ވަކި ވަގުތުތަކެއް ކަނޑައަޅާފައިހުރެއެވެ. އެމީހުންގެ ގަވާއިދުތަކުގައެވެ.

އަވަށްޓެރިންނަށް ކަމޭ ހިތުމަކީ އަޅުގަނޑުމެން މުސްލިމުންނަށް ދީނީ ގޮތުން ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވާ ކަމެކެވެ. އިސްލާމް ދީނުގައި އިޝާރާތް ކުރާ އަވަށްޓެރިންނަކީ އެމީހަކު އުޅޭ ގެއާ ޖެހިގެން ހުންނަ ގޭގެ މީހުންނެވެ. ދިވެހި ބަހުންވެސް، އަވަށްޓެރިންނޭ ބުނުމުން ފުރަތަމަ ދޭހަވާގޮތް ވަނީ އެމާނައެވެ. ނަމަވެސް، އެއީ ހަމަ ޙަޤީޤަތުގައިވެސް، އިސްލާމް ދީނުގައި ކަމޭ ހިތުމަށް ލާޒިމުކުރާ އަވަށްޓެރިންތޯ؟ ނުވަތަ އޭގައި އެއަށްވުރެ ފުން މާނައެއް ނުވޭތޯއެވެ؟ އިސްލާމް ދީނަކީ މުޅި އުއްމަތަށް، އަދި ހުރިހާ ޒަމާނަކަށް ފެތޭ ދީނެކެވެ. އެދީނުގެ ޙުކުމްތައްވެސް ހަމަ އެގޮތެވެ. ނަމަވެސް، ދީނުގެ ޙުކުމްތައް ހުރިހާ ޒަމާނަކަށް 'ފައްތާނީ' ކިހިނެއްތޯއެވެ؟ ދީނުގައި އަވަށްޓެރިންނަށް ކަމޭ ހިތުމާބެހޭ ގޮތުން ހުރި ވާހަކަތަކަށް ބަލައިލަމާތޯއެވެ.

ކީރިތި ރަސޫލާ (ޞ) އެކަލޭގެފާނުންގެ އަވަށްޓެރިންނަށް ކަމޭ ހިއްތެވިއެވެ. މިގޮތުން، ރަސޫލާގެ ޔަހޫދީ އަވަށްޓެރިއަކަށް ނުހަނު ކަމޭ ހިއްތަވައި، ގާތްކަން ބެހެއްޓެވިއެވެ. އެމީހާ ބަލިވުމުން ޙާލު ބައްލަވާ ހެއްދެވިއެވެ. މިސްކިތުގައި ޤުރުއާން ކިޔަވާއިރު، (ނިކަން ބައްލަވާ، ޤުރުއާން ކިޔަވާއިރުވެސް) ޖެހިގެން އިންނަ މީހާއަށް ތުރާވެދާނެތީ، މަޑުން ޤުރުއާން ކިޔެވުމަށް އިރުޝާދު ދެއްވިއެވެ. އަދި ޙަދީޘް ކުރެއްވިއެވެ. ތިބާގެ އަވަށްޓެރިޔާއަށް ތިބާގެ ކިބައިން ފޯރާ އުނދަގޫތައް ހުއްޓުމާ ހަމައަށް، އެއްވެސް މީހެއްގެ އީމާންތެރިކަން ފުރިހަމަ ނުވާ ހުއްޓެވެ. އެހެން ޙަދީޘެކެވެ. ކޮންމެ މުސްލިމަކީ، އެމުސްލިމެއްގެ ދުލާއި، އަތުގެ ނުބައިކަމުން އެހެން މުސްލިމުން ރައްކާތެރި ވެގެންވާ މީހާއެވެ. އެބަހީ، ތިމާގެ ދުލުން ބުނާ ވާހަކަތަކުންނާއި، އަތުން ކުރާ ކަންތައްތަކުގައިވެސް ތިމާގެ އަޚު މުސްލިމު މީހާގެ ޙައްޤުތަކަށް ރައްކާތެރި ވާންޖެހެއެވެ. މިމިންވަރަށް އަވަށްޓެރިންނަށް ކަމޭ ހިއްތެވުމަށް ރަސޫލާ އަމުރު ކުރައްވައި، ޢަމަލީ ގޮތުން އެކަން ދައްކަވާފައިވެއެވެ.

އިސްލާމްދީނަކީ، ހުރިހާ ޒަމާނަކަށް ފެތޭ ދީނަކަށްވާނީ، އެދީނުގެ ޙުކުމްތައް މިޒަމާނުގެ މައްސަލަތަކަށް އޮމާންކޮށް ތަރުތީބުވާނަމައެވެ. ދީނުގައި އަވަށްޓެރިންނަށް ކަމޭހިތުމަށް އޮންނަ އޮތުމަކީ، ހަމައެކަނި ތިމާ އުޅޭ ގެއާ ޖެހިގެން ހުންނަ ގެ ކަމަށް ބެލުމުން ނުކުންނަނީ ވަރަށް ހަނި، ހެއްވާ ނަތީޖާއެކެވެ. އޭގެ ބަދަލުގައި، އަޅުގަނޑުމެން ބަލަންޖެހޭނީ އަވަށްޓެރިންގެ ފުޅާ މާނައިގައެވެ. ސައިކަލެއްގައި ދަތުރު ކޮށްފައި ދާއިރު، އަވަށްޓެރިންނަށްވާނީ، އެސައިކަލު ދަތުރު ކުރަމުންދާ މަގުގައި ހުންނަ ގެތަކެވެ. އެގެތަކުގައި ނިދާފައި ތިބޭ ތުއްތު ކުދިންނެވެ. ހެނދުނު ހޭލައިގެން އަޑުގަދަކޮށް މަސައްކަތެއް ކުރާއިރު، އަވަށްޓެރިންނަށްވާނީ، އެހިސާބު ގަނޑުގައި އުޅޭ މީހުންނެވެ. ޖެހިގެން ހުންނަ ގޭގެ މީހުން އެކަންޏެއް ނޫނެވެ. މޫދުގައި ފަތަން އޮންނަ އިރު، ނުވަތަ ޓްރެކު ދަނޑުގައި ދުވާއިރު، އަަވަށްޓެރިންނަށްވާނީ ކާރީގައި ދުވަމުންދާ އެހެން މީހުންނެވެ. ކަނޑުގައި ދުއްވާ އުޅަނދެއް ދަތުރު ކުރާއިރު، އަވަށްޓެރިންނަށްވާނީ، އެއުޅަނދު ދަތުރުކުރާ މަގުގައި ހުންނަ ރަށްރަށެވެ. މިސްކިތު މުދިމުގެ އަވަށްޓެރިންނަށް، އެހިސާބުގަނޑު ގޭގޭގައި އުޅޭ މީހުންނެވެ. އެމީސްމީހުންނަށް ތުރާވާގޮތަށް އެއްވެސް ކަމެއް ކުރުމަކީ ދީނީ ގޮތުން ހުއްދަވާނެކަމެއް ނޫނެވެ.

އިސްލާމް ދީނުގައި އަވަށްޓެރިން މާނަކުރަންވާނީ މިދެންނެވި ގޮތަށެވެ. ކުރިން ދެންނެވި ޙަދީޘްތަކާއި އިސްލާމީ ޝަރީޢަތުގެ އަލީގައި މިދެންނެވި ޙާލަތުތަކުގައި ތިބޭ އަވަށްޓެރިންނަށް ކަމޭ ހިތުމަކީ ދީނީ ގޮތުން އަޅުގަނޑުމެންގެ މައްޗަށް ލާޒިމު ކަމެކެވެ. އިސްލާމްދީނުގައި އޮތް ގޮތަކީ އެއީއެވެ. އިސްލާމް ދީން، ފުރިހަމަ ދީނަކަށްވަނީ އެހެންވެއެވެ. އެދީނަކީ، އެކަކު އަނެކަކަށް އިޙްތިރާމްކުރަން ދަސްކޮށްދޭ ދީނެވެ. އެކަކު އަނެކަކުދެކެ ލޯބިވާން ދަސްކޮށްދޭ ދީނެވެ. އެކަކު އަނެކަކަށް އުނދަގޫ ނުކޮށް އުޅެން ދަސްކޮށްދޭ ދީނެވެ. މިއީ ހާދަ ފުރިހަމަ ދީނެކެވެ. ނަމަވެސް، އެއީ، އެދީން އަޅުގަނޑުމެންގެ ޢާންމު ދިރިއުޅުމުގެ ތެރެއަށް ވެއްދުމުންނެވެ. ރާގުލާފައި، ބިރުގަންނަ ޒާތަކަށް ދީނަށް ގޮވާލުކަމަކުން އިސްލާމްދީނުގައި 'އިލްތިޒާމް' ވެވުނީއެއް ނޫނެވެ. އިސްލާމް ދީނަކީ އަޚްލާޤެވެ. ރިވެތި އަޚްލާޤެވެ. އަވަށްޓެރިންނަށް ކަމޭހިތުމަކީ އަޚްލާޤުގެ ތެރެއިން ވާ ކަމެކެވެ.

މަސްޖިދުއްނަބަވީގައި ރަސޫލާ މުސްލިމުންނާ މުޚާޠަބު ކުރައްވަން ހުންނަވަނީ ކަދުރު ގަހެއްގެ ކައިރީގައި، އެގަހުގައި ހިއްޕަވައިގެންނެވެ. މިގޮތަށް ދުވަސްތަކެއް ދިޔަފަހުން، އެމިސްކިތުގައި މިންބަރެއް ބިނާ ކުރެވުނެވެ. މިންބަރު ބިނާ ކުރެވުމުން، ރަސޫލާ މިންބަރަށް އަރާ ޚުޠުބާ ދެއްވަން ފެއްޓެވިއެވެ. ނަމަވެސް، ރަސޫލާ އެންމެ ފުރަތަމަ މިންބަރަށް އަރާވަޑައިގެންނެވި ދުވަހު، އެއްކަލަ ކަދުރު ގަސް، އެގަސް ދޫކުރައްވާ ރަސޫލާ ވަޑައިގަތުމުގެ ހިތާމަ ފާޅުކުރިކަން ރަސޫލާއަށް އެނގިވަޑައިގަތެވެ. ހަމަ ވަގުތުން ރަސޫލާ މިންބަރުން ފައިބައި ވަޑައިގެން، ކަދުރުގަސް ކާރިއަށް ވަޑައިގެން، ގަހުގައި އަތް ފިރުމާލެއްވުމަށްފަހު، 'އޭ ގަހާއެވެ. ހުއްޓާލާށޭ، ހުއްޓާލާށޭ" ޙަދީޘް ކުރެއްވިއެވެ. މިޙާލަތުގައި، ރަސޫލާގެ އަވަށްޓެރިއަކީ އެއްކަލަ ގަހެވެ. އެގަހަށް ޙައްޤު އިޙްތިރާމް ރަސޫލާ ދެއްވެވިއެވެ. އަޅުގަނޑުމެން މުސްލިމުންނަށްވެސް، މިގޮތަށް އަވަށްޓެރިން ކަމޭ ހިތޭނަމައެވެ. އަޅުގަނޑުމެންގެ ޙަޔާތުގެ ހީވެސް ނުކުރާހާ ގިނަ މައްސަލަތައް ޙައްލުވެގެންދާނެކަމާމެދަކު ޝައްކެއް ނެތެވެ.