ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅަށް ފަހު މިރޭ މާލެ ވަޑައިގެންފި އެވެ.
ތިން ދުވަހުގެ ދަތުރުފުޅުގައި ރައީސް ވަނީ ތ އަތޮޅުގެ ހަތް ރަށަކަށް ވަޑައިގެންފައެވެ. އެ ހަތް ރަށަކީ ތިމަރަފުށްޓާއި ކިނބިދޫ އާއި އޮމަދޫ އާއި ވޭމަންޑޫ އާއި ވަންދޫ އާއި ކަނޑޫދޫ އާއި ގާދިއްފުށްޓެވެ.
މި ރަށްރަށަށް ރައީސް ކުރެއްވި ޒިޔާރަތުގައި އެރަށްރަށުގެ ބައެއް ތަންތަނަށް ޒިޔާރަތްކޮށް ބައެއް މުއައްސަސާތަކުގެ އިސްވެރިންނާއި ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިތުރުން މަސްވެރިންނާއި ދަނޑުވެރިން އަދި ވިޔަފާރިވެރިންނާއި ބައްދަލުކުރައްވާފައިވެއެވެ. މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެ އަތޮޅު އޮމަދޫ ބަނދަރު ހުޅުއްވައިދެއްވައި އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވިއެވެ.
އަދި ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން މި ރަށްރަށުގެ އެމްޑީޕީގެ އިސް ހަރަކާތްތެރިންނާއި ބައްދަލުކުރައްވާ މަޝްވަރާ ކުރެއްވެވިއެވެ.