ދިރާގު

ދިވެހި ރެޑް ކްރެސެންޓަށް ދިރާގުގެ އެހީ

Aug 20, 2021

ދިވެހި ރެޑް ކްރެސެންޓުން އިންސާނިއްޔަތަށްޓަކައި ކުރާ މަސައްކަތުގައި ބައިވެރިވާން ދިރާގުން ދީލަތި އެހީއެއް ދީފި އެވެ.

ދިވެހި ރެޑް ކްރެސެންޓުގެ ފުރަތަމަ ކޯޕަރޭޓް މެމްބަރު ކަމުގައިވާ، ދިރާގުން މިއަހަރު ވެސް މިވަނީ ދިވެހި ރެޑްކްރެސެންޓުގެ ކޯޕަރޭޓް މެމްބަޝިޕް އާކޮށް ދިވެހި ރެޑް ކްރެސެންޓުންދޭ ހިދުމަތްތަކުގައި އެހީތެރިވާން ދޭން ނިންމާފަ އެވެ.

މިކަމަކީ ދިވެހި ރެޑް ކްރެސެންޓާއި ދިރާގާއި އޮންނަ ގުޅުން ވަރުގަދަވެ ކުރިއަށް އޮތް ތަނުގައި ދިވެހި ރެޑް ކްރެސެންޓުގެ މަސައްކަތް އިތުރަށް ފުޅާ ކުރުމަށް ލިބިގެންދާނެ ފުރުސަތެކެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، ދިވެހި ރެޑް ކްރެސެންޓްގެ އަމީން އާންމު ފާތިމަތު ހިމްޔާ ވިދާޅުވީ ވިޔަފާރި ކުންފުނިތަކަށް ހާއްސަކޮށް ހުޅުވާލެވިފައިވާ ކޯޕަރޭޓް މެމްބަޝިޕް ފުރުސަތުގައި ދިރާގުން ބައިވެރިވެ މިކަމުގައި ކުރިއަށް ދިއުމަށް ނިންމެވުމަކީ ދިވެހި ރެޑްކްރެސެންޓަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"ދިރާގުގެ މި އިސްނެންގެވުމާއި އެކު އައު ކުރެވުނު މެމްބަރޝިޕްގެ ސަބަބުން ކާރިސާތަކުގެ ވަގުތުގައްޔާއި އާއްމު ހާލަތްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ނާޒުކު ފަރާތްތަކަށް ދިވެހި ރެޑް ކްރެސެންޓްގެ ދަރުމަވެރިން ފޯރުކޮށްދޭ ހިދުމަތްތަކަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށް ދެވޭ. މި މަސައްކަތްތަކުގެ ތެރޭގައި ފުރަތަމަ އެހީ ދިނުމާއި ނަފްސާނީ އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމާއި ކާރިސާތަކުން އަރައިގަތުމަށް ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ހިމެނޭ،" ހިމްޔާ ވިދާޅުވި އެވެ.

ދިރާގުގެ ޑިރެކްޓާ ކޯޕަރޭޓް ސާވިސަސް އާތިފާ އަލީ ވިދާޅުވީ ދިވެހި ރެޑް ކްރެސެންޓުން ކުރާ އަގުހުރި މަސައްކަތަށް އެއްބާރުލުން ދިނުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"އެކި ކާރިސާތަކުގެ ވަގުތުގައްޔާއި އާއްމު ހާލަތްތަކުގައި ދިވެހި ރައްޔިތުންނަށް ވަރުބަލިކަމެއް ނެތި އޯގައިތެރިކަމާއިއެކު ވަމުންދާ އެހީ ފާހަގަކޮށް މި ފުރުސަތުގައި އަގުވަޒަންކުރާކަން،" އާތިފާ ވިދާޅުވި އެވެ.

މިދިޔަ އަހަރާއި މި އަހަރު ވެގެން ދިޔައީ ކޮވިޑް 19ގެ ހާލަތުން އަރައިގަތުމަށް ސަރުކާރަށް ވާގިވެރިވުމުގެ ގޮތުން ދިވެހި ރެޑް ކްރެސެންޓުން ކުރިއަށް ގެންދިޔަ ވަރަށް ގިނަ މަސައްކަތްތަކުގައި ދިރާގުގެ އެހީތެރިކަން ލިބުނު އަހަރަކަށެވެ. މިގޮތުން ދިވެހި ރެޑް ކްރެސެންޓުން ނަފްސާނީ އިޖުތިމާއީ ދުޅަހެޔޮކަން ފޯރުކޮށް ދިނުމަށާއި ބިދޭސީންނަށް އެހީ ފޯރުކޮށްދިނުމުގެ ގޮތުން އެކުލަވާލި ޓޯލް ފްރީ ހެލްޕްލައިން ދިރާގުން ވަނީ ގާއިމް ކޮށްދީފަ އެވެ.