ފަޔާފޮކްސް އަކީ ލިނަކްސް ސަޕޯޓަރުންގެ މެދުގައި މަގުބޫލް ބްރައުޒާ އެކެވެ. ޑިވެލޮޕަރުންނަށް ވެސް ވަރަށް ކަމުދާ ބްރައުޒާ އެކެވެ. ދިވެހިރާއްޖޭގައި ތާނަ ވެބްސައިޓްތައް ކިޔާ މީހުންނަށް ބޮލަށް އެންމެ ފަސޭހަ ބްރައުޒާއަކަށް ވާނެ ކަމަށް ވެސް ބެލެވެނީ ފަޔާފޮކްސް އެވެ.
ތާނަ ވެބްސައިޓްތައް ޑިޒައިންކުރުމުގައި އަދިވެސް ބޭނުންކުރެވެނީ ޒަމާނަށް ނުފެތޭ ފޮންޓް ޓެކްނޮލޮޖީ އެވެ. އެހެންކަމުން ގޫގުލް ކްރޯމް އާއި މައިކްރޮސޮފްޓް އެޖް އަދި އޮޕެރާ ފަދަ އަޕްޑޭޓެޑް ބްރައުޒާތަކުން ބައެއް ސަފުހާތައް ކިޔަން ދަތިވެ އެވެ. ތާނަ އަކުރުތައް ބުރައިގެން ގޮސްފައި ހުންނާތީ އެވެ. އެހެންނަމަވެސް ފަޔާފޮކްސް ގައި ތާނަ އަކުރުތައް އަދިވެސް ރަނގަޅަށް ބޭނުންކުރެވެ އެވެ.
ފަޔާފޮކްސް އަށް މީގެ ކުރިން އޮތް ތަރުހީބު އުވިގެން ދިއުމަކީ ބްރައުޒާ މާކެޓަށް އުނިކަމަކަށް ވާނެ އެވެ. ފަޔާފޮކްސްއާ މެދު ކުރިން ބުނެވުނީ ގޫގުލް ކްރޯމް އަށް ނުފޫޒުގަަދަ ވާދަވެރިއަކަށް ވާނެ ކަމަށެވެ. އެހެންނަމަވެސް ސްޓެޓްކައުންޓަރުން ބުނާ ގޮތުން ފަޔާފޮކްސް ދޫކޮށް ދާ މީހުން ބިރުގަންނަ ވަރަށް ވަނީ އިތުރުވެފަ އެވެ.
ފަޔާފޮކްސް އުފައްދައި ބަލަހައްޓާ މޮޒިއްލާ އަކީ ވެބް އިންޖީންތަކަށް ފަރިތަ ބައެކެވެ. އެހެންކަމުން އެމީހުންގެ އުފެއްދުމެއް ދޫކޮށް 46 މިލިއަން މީހުން ދިއުމަކީ ބިރު ބޮޑު ކަމެކެވެ.
ފަޔާފޮކްސް އަށް މިހާލު ޖެހުމުގައި އެންމެ ގަދައީ ވާދަވެރިންގެ ނުފޫޒެވެ. މޮޒިއްލާގެ އިހުމާލު ވެސް ކުޑައެއް ނޫނެވެ.
މޮޒިއްލާ އަށް ވާދަވެރިން ބްރައުޒާ ޕްރޮމޯޓްކުރާ ވަރަކަށް ނުކުރެވެ އެވެ. ފަޔާފޮކްސް މާކެޓަށް ނުރުނުއިރު އޮތް ހިތްވަރު އެލި، ޒަމާނީ ބްރައުޒާތަކަށް ބޭނުންވާ އަޕްޑޭޓްތައް ފޯރުކޮށްދިނުމުގައި ވެސް މޮޒިއްލާ އޮތީ ފޭލިވެފަ އެވެ.
މޮބައިލް ބްރައުޒާ މާކެޓްގައި ވެސް ގޫގުލް ކްރޯމް އަށް ރަސްކަލެއްގެ ދަރަޖަ ލިބިފައި ވަނީ ބޭނުންކުރާ ޑިވައިސްތައް ގިނަވުމުންނެވެ. ސްމާޓްފޯން ކާކެޓަށް ބެލި ނަމަވެސް ކޮންމެ އެއްޑްރޮއިޑް ފޯނެއްގައި ކްރޯމް އިނދެ އެވެ. ފަޔާފޮކްސް ބޭނުން ނަމަ ޖެހެނީ ޕްލޭ ސްޓޯރަށް ގޮސް އިންސްޓޯލްކުރާށެވެ.
ސްޓެޓްކައުންޓަރުން ބުނާ ގޮތުން ފަޔާފޮކްސް އަދި ވެސް ދަނީ ވެއްޓެމުންނެވެ. ބޭނުންކުރާ މީހުން މަދުވަމުންނެވެ. މޮޒިއްލާ އިން އަވަސް ވިޔަވަޅުތަކެއް ނާޅައިފިނަމަ ފަޔާފޮކްސްގެ ޒަމާން ދިއުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.