ގޫގުލް ކްރޯމް

އިންޓަނެޓް ބްރައުޒް ކުރަން ފަސޭހަތަކެއް

Jun 9, 2021

އިންޓަނެޓް ބްރައުޒާ އުފައްދާ ބޮޑެތި ކުންފުނިތަކުން ވަނީ އެ ކުންފުނިތައް ގުޅިގެން އާންމުންނަށް އިންޓަނެޓް ބޭނުން ކުރުމުގައި ފަސޭހަތަކެއް ފޯރު ކޮށްދޭނެ ކަމަށް ބުނެފަ އެވެ. އޭގެ ތެރޭގައި ގޫގުލް އާއި މައިކްރޯސޮފްޓާއި މޮޒިއްލާ އަދި އެޕަލް ހިމެނެ އެވެ.

ސީ ނެޓްގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި އެ ކުންފުނިތަކުގެ ވެބް ބްރައުޒާ ޑިވެލޮޕް ކުރާ ޓީމްތައް ވަނީ ބްރައުޒާ އެކްސްޓެންޝަންތަކުގެ ފެންވަރު ހުރިހާ ބްރައުޒާ ތަކެއްގައި ވެސް އެއްވަރެއްގައި ބަހައްޓައި ފެންވަރު ރަނގަޅު ކުރަން ނިންމާފަ އެވެ. ބްރައުޒާ އެކްސްޓެންޝަން ތަކަކީ އިންޓަނެޓް ބްރައުޒާއަކަށް އިތުރު ކުރާ ފީޗާ ތަކެކެވެ. އަދި މި އެކްސްޓެންޝަންތަކުން ބްރައުޒާ ބޭނުން ކުރާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ހޯދައިދެ އެވެ.

އާންމު ގޮތެއްގައި ބްރައުޒާ އެކްސްޓެންޝަންސް އުފައްދަނީ ތާޑް ޕާޓީ ޓީމަކުންނެވެ. ނުވަތަ ބްރައުޒާ އުފައްދާ ކުންފުނި ނޫން އިތުރު ފަރާތަކުުންނެވެ. އެހެން ކަމުން އެއް ބްރައުޒާއިން އަނެއް ބްރައުޒާއަށް އެކްސްޓެންޝަންތަކުގެ ފެންވަރު ތަފާތުވެ އެވެ. ނަމަވެސް ވޯލްޑް ވައިޑް ވެބް ކޮންސޯޓިއަމްގައި އިންޓަނެޓް ބްރައުޒާ އުފައްދާ މައިގަނޑު ކުންފުނިތަކުން ވަނީ މިކަން ބަދަލު ކޮށްފަ އެވެ.

ކުންފުނިތަކުން ވަނީ ވެބް އެކްސްޓެންޝަން ކޮމިއުނިޓީ ގްރޫޕެއް އުފައްދާފަ އެވެ. ގްރޫޕް މެދުވެރިކޮށް އެކްސްޓެންޝަން އުފައްދާ ފަރާތްތަކަށް ކުންފުނިތަކުގެ ބްރައުޒާތަކަށް ފުރިހަމައަށް ސަޕޯޓްކުރާ އަދި ރައްކާތެރި އެކްސްޓެންޝަން އުފެއްދުމަށް ވަރަށް ބޮޑު ލުއިކަމެއް ލިބިގެން ދާނެ އެވެ. މި ގްރޫޕްގެ ސަބަބުން ބްރައުޒާ ޑިވެލޮޕްމެންޓް ޓީމްތަކަށް އެކްސްޓެންޝަންތަކަށް ފާޑު ކިއުމުގެ ފުރުސަތު އަދި ރަނގަޅު ކުރެވިދާނެ ކަންކަން އެކްސްޓެންޝަންތައް އުފައްދާ ފަރާތްތަކަށް ކިޔައި ދެވޭނެ އެވެ.

އެކްސްޓެންޝަންތައް ހުރިހާ ބްރައުޒާ ތަކަކަށް އެއްކޮށް އުފެއްދިޔަސް، މި ކުންފުނިތަކުން އެ އެކްސްޓެންޝަންތައް އާންމުންނަށް ދޫކުރާނީ އެ ބްރައުޒާއެއްގެ އެކްސްޓެންޝަން ސްޓޯރަކުންނެވެ. އަދި މި އެކްސްޓެންޝަންތަކަށް ރިވިއުތައް ލިޔުމާއި، އެޑިޓޯރިއަލް ބަދަލުތައް ގެންނާނީ އެ ބްރައުޒާއެއް ޑިވެލޮޕް ކުރާ ޓީމަކުންނެވެ.